ނޫސްވެރިންގެ ސުވާލުތަކަށް މޮރިއޭރޯ ޖަވާބެއް ނުދިން، އެދުނީ މައާފަށް

ގައުމީ ޓީމުގެ ކޯޗު ފްރެންސެސްކޯ މޮރިއޭރޯ ނޫސްވެރިންނާއި ވާހަކަދައްކަވަނީ --

ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށްފަހު ރާއްޖޭގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭން ދެކޮޅު ހަދައި، ނޫސްވެރިންގެ ބައްދަލުވުން ދޫކޮށްލައިފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު ސާފް ޗެމްޕިއަންޝިޕް 2023 ގެ "ގްރޫޕު ބީ" ގެ މެޗުގައި ބަންގުލަދޭޝް އަތުން ރާއްޖެ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު ސެމީ ފައިނަލުގެ ޖާގައެއް ހޯދުމަށް ރާއްޖެއަށް އުނދަގޫތަކަކާ ކުރިމަތިވާނެއެވެ. ރާއްޖެއިން ބޫޓާން އަތުން މޮޅުވެ, ތިން ޕޮއިންޓް ހޯދާފައިވާ އިރު, ބަންގުލަދޭޝް އިން ވެސް މިވަނީ ތިން ޕޮއިންޓް ހޯދައިފައެވެ. ބަންގުލަދޭޝްގެ ފުރަތަމަ މެޗުގައި ލުބުނާން އަތުން ބަލިވި ނަމަވެސް, ފަހު މެޗުގައި އެޓީމު ނުކުންނަން ޖެހޭނީ ފެންވަރުގެ ގޮތުން އެންމެ ދަށް ޓީމު ކަމަށްވާ ބޫޓާނާ ދެކޮޅަށެވެ. އަދި ރާއްޖެއިން ފަހު މެޗުގައި ނުކުންނަން ޖެހޭނީ މިފަހަރުގެ މުބާރާތުގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ ލުބުނާނާ ދެކޮޅަށެވެ. ސެމީގެ ޖާގައެއް ޔަގީންކުރުމަށް ރާއްޖެއިން ލުބުނާން އަތުން ބޮޑު ތަފާތަކުން މޮޅުވާން ޖެހޭނެއެވެ.

އެ މެޗަށްފަހު ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ދީފައިވަނީ ބަޔާނެކެވެ. ނޫސްވެރިންގެ ސުވާލުތަކަށް އޭނާ ފުރުސަތުނުދީ، ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ވަނީ ގޮސްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ބުނީ ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި ބަލިވެފައިވަނީ ޓީމަށް ރަނގަޅަށް ނުކުޅެވިގެން ކަމަށެވެ. އިތުރަށް އޭނާ ވާހަކަދައްކައިފައެއް ނުވެއެވެ.

ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ނުކުންނަން ޖެހޭނީ ލުބުނާނާ ދެކޮޅަށް އަންނަ ބުދަ ދުވަހުއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް އެސްއެސްނެޓްގެ ޗެނަލް ނަމްބަރު 10 އިން ފެންނާނެއެވެ.

comment ކޮމެންޓް