މާލެއިން ފުރައިގެން ނ. ވެލިދޫއަށް ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައި އަޑިއަށްދިޔަ ނަމަވެސް އޭގެން ދަތުރުކުރި އެންމެން މިއަދު ސަލާމަތް ކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މާލެ އިން ފުރައިގެން ނ. ވެލިދޫއަށް ދަތުރުކުރަމުންދިޔަ 'ލީޖަން7' ނަމަކަށް ކިޔާ ލޯންޗަކަށް ރާޅެއް އަރައި އަޑިއަށް ގޮސްފައިވާ ކަމަށެވެ.
ޖުމްލަ 30 މީހުންނާ އެކު ދަތުރުކުރި އެ ލޯންޗަށް ރާޅު އަރާފައި ވަނީ ނ. ރަންދެލި ރިސޯޓު ކައިރިން ކަމުން، ލޯންޗު ވެއްދީ ރަންދެލި ރިސޯޓުގެ ފަޅަށް ވައްދާފައެވެ. ލޯންޗު އަޑިއަށް ގޮސްފައިވަނީ ލޯންޗުގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބިފަހުންނެވެ.
ސްކޫލްތަކުގެ ކިޔެވުން ބަންދުވެ ބޮޑު ޗުއްޓީ ފެށި ކުރިއަށް އީދު ބަންދު ވެސް އޮތުމާ އެކު ގިނަ އަދަދެއްގެ މީހުން އަންނަނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަމުންނެވެ. ނަމަވެސް އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް އަހަރުގެ މި ދުވަސްކޮޅަކީ މޫސުން ގޯސް ދުވަސްވަރެކެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފައިވާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.
ހއ. އިން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރިފައިވާއިރު ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ.
ކަނޑު ދަތުރު ކުރާއިރު، މެޓް އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.