ސާފް ޗެމްޕިއަންޝިޕް: ބަންގުލަދޭޝް އަތުން ބަލިވެ، ރާއްޖެއަށް އުނދަގޫތަކެއް

ސާފް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެ އާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބަންގުލަދޭޝް އަތުން ބަލިވެ، ރާއްޖެއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު "ގްރޫޕު ބީ" ގެ މެޗުގައި ބަންގުލަދޭޝް އަތުން ރާއްޖެ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު ސެމީ ފައިނަލުގެ ޖާގައެއް ހޯދުމަށް ރާއްޖެއަށް އުނދަގޫތަކަކާ ކުރިމަތިވާނެއެވެ. ރާއްޖެއިން ބޫޓާން އަތުން މޮޅުވެ, ތިން ޕޮއިންޓް ހޯދާފައިވާ އިރު, ބަންގުލަދޭޝް އިން ވެސް މިވަނީ ތިން ޕޮއިންޓް ހޯދައިފައެވެ. ބަންގުލަދޭޝްގެ ފުރަތަމަ މެޗުގައި ލުބުނާން އަތުން ބަލިވި ނަމަވެސް, ފަހު މެޗުގައި އެޓީމު ނުކުންނަން ޖެހޭނީ ފެންވަރުގެ ގޮތުން އެންމެ ދަށް ޓީމު ކަމަށްވާ ބޫޓާނާ ދެކޮޅަށެވެ. އަދި ރާއްޖެއިން ފަހު މެޗުގައި ނުކުންނަން ޖެހޭނީ މިފަހަރުގެ މުބާރާތުގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ ލުބުނާނާ ދެކޮޅަށެވެ. ސެމީގެ ޖާގައެއް ޔަގީންކުރުމަށް ރާއްޖެއިން ލުބުނާން އަތުން ބޮޑު ތަފާތަކުން މޮޅުވާން ޖެހޭނެއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ރާއްޖެ އަދި ބަންގުލަދޭޝްގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެެކެވެ. ނަމަވެސް ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ބަންގުލަދޭޝްއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޖަމާލް ބުޔާން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އެމްޑީ ސޮހެލް ރަނާ ބޮލުން ފޮނުވާލި އެ ހަމަލާ، ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ މަތަކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބަންގުލަދޭޝް ކޮޅަށް ގޯލު ޖެހުމަށްފަހު ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) އުފާފާޅުކުރަނީ -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ 17 ވަނަ މިނެޓުގައި ރާއްޖެއިން ބަންގުލަދޭޝްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާއިން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އެ ހަމަލާ އަމާޒުވީ ބަންގުލަދޭޝް ގޯލުގެ ތިރީ ކަނަކަށެވެ. އެ ގޯލަކީ މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ކާމިޔާބުކުރި ދެވަނަ ގޯލެވެ.

އެ ގޯލަށްފަހު ރާއްޖެއިން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ފަހަތަށް ޖެހި، ޑިފެންސަށް އިސްކަމެއް ދީގެންނެވެ. ބަންގުލަދޭޝް އިން ވެސް ދިޔައީ ކުރިއަށް ޖެހި، ނުރައްކާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ބަންގުލަދޭޝްއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސޮހަލް ރަނާ ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޓޮޕޫ ބަރްމަން ބޮލުން ފޮނުވާލި ހަމަލާ، ގޯލު ލައިން މަތީ ހުރި ރާއްޖޭގެ ހުސައިން ނިހާން (ނިހާޓް) ވަނީ ދިފާއުކޮށްފައެވެ. އެ ބޯޅަ ބޯޅަ، ރާއްޖޭގެ އަހުމަދު ނޫމާން (ހެލްމެޓް) ގައިގައި ޖެހި ގޯލާ އަމާޒުވާން ދަނިކޮށް، ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ބަންގުލަދޭޝް އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޓޮޕޫ ބަރްމަން ދިން ބޯޅައަކުން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ބަންގުލަދޭޝްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރާކިބް ހުސައިންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ ލިބުނު ކޯނަރަކުން ބަންގުލަދޭޝް އިން ވަނީ ނުރައްކާކޮށްފައެވެ. ކެޕްޓަން ޖަމާލް ބުޔާން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ބަންގުލަދޭޝްގެ ބިޝްވަނާންތު ގޯޝް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ދެވަނަ ހާފުގެ ބޮޑުބައެއްގައި ރާއްޖެ އާއި ބަންގުލަދޭޝްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ނުރައްކާކޮށް ފެނުނީ ބަންގުލަދޭޝްއެވެ. ހާއްސަކޮށް ކޯނަރުތަކުގައި ބަންގުލަދޭޝް ފެނުނީ ވަރަށް ނުރައްކާކޮށެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެ އާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ނުރައްކާތެރި ހަމަލާތަކަކަށްފަހު މެޗުގެ 67 ވަނަ މިނެޓުގައި ބަންގުލަދޭޝް އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ބަންގުލަދޭޝްގެ ކޯނަރެއް ރާއްޖެއަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ބަންގުލަދޭޝްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ތާރިގު ރައިހާން ކާޒީއެވެ.

އޭގެ ތިން މިނެޓު ފަހުން ރާއްޖެއަށް ގޯލު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ބަންގުލަދޭޝްގެ ޝެއިޚް މޯސަލިން ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ރާއްޖެއަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ހަމްޕު ފޮނުވާލި އެ ހަަމަލާގައި ބާރެއް ނެތެވެ. އެ ބޯޅަ، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ ފަސޭހަކަމާއެކު ހޯދައިފައެވެ.

މެޗުގެ ފަހު މިނެޓުގައި ބަންގުލަދޭޝް އިން ވަނީ އިތުރު ގޯލެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. ކައުންޓާ އެޓޭކެއްގައި ބިޝްވަނާންތު ގޯޝް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބަންގުލަދޭޝްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޝެއިޚް މޯސަލިންއެވެ. އޭގެ ގިނައިރުތަކެއް ނުވެ، ރާއްޖޭގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ބަންގުލަދޭޝް ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މުބާރާތުގައި މިރޭ 7:00 ގައި ކުޅޭ މެޗަކީ ވެސް "ގްރޫޕު ބީ" ގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ ލުބުނާނާއި ބޫޓާނެވެ.

comment ކޮމެންޓް