ފޯރިގަދަ ޢީދަކަށް ދަރަވަންދޫ މިހާރު އޮތީ ތައްޔާރަށް!

ބ. ދަރަވަންދޫގައި މީގެ ކުރިން ޢީދު ފާހަގަކޮށްފައި--

މި އަހަރުގެ އަޟްހާ ޢީދު ފެށެން ދެން އޮތީ ދެ ދުވަހެވެ. ރާއްޖޭގެ ކޮންމެ ރަށަކަށް ބަލައިލި ކަމުގައި ވީނަމަވެސް ފެންނަމުން ދަނީ ޢީދުގެ ތައްޔާރީތަށް ވަމުން އަންނަ މަންޒަރެވެ.

އެގޮތުން މި ފަހަރުގެ ބޮޑު ޢީދު އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް ރަށް ކަމަށްވާ ބ. ދަރަވަންދޫ މިހާރު އޮތީ ޢީދަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ސަގާފީ އެކި ކުޅިވަރުތަކަށް ރަށުގެ ރައްޔިތުން ތައްޔާރީތައް ވަމުން އަންނައިރު، ޢީދުގެ ފޯރި މިހާރު ވެސް އެ ރަށުން އަންނަނީ ފެންނަމުންނެވެ.

ޒަމާނުއްސުރެ ވެސް ރަށުގެ ރައްޔިތުން ގުޅިގެން ފޯރީގައި ޢީދު ފާހަގަކުރަމުން އަންނަ ދަރަވަންދޫގައި މި ފަހަރު ވެސް ޢީދުގެ ހަތަރު ދުވަހަށް ބަހާލައިގެން އެކި ކަހަލަ ކުޅިވަރުތަކާއި ވާދައިގެ މުބާރާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބ. ދަރަވަންދޫގައި މީގެ ކުރިން ޢީދު ފާހަގަކޮށްފައި--

މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީހު 'ސަން' އަށް ވިދާޅުވީ، މިހާރު އެ ރަށުގައި އަންނަނީ ޢީދާ ގުޅިގެން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ވަމުން ކަމަށެވެ. އެގޮތުން ސްޓޭޖް އެޅުމުގެ މަސައްކަތާއި ރަށުތެރެ ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަމީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޢީދަށް ރަށުން ބޭރުން ވެސް މީހުން އައިސްފައިވާ ކަމަށާއި ހުރިހާ ގެސްޓް ހައުސްއެއް ވެސް މިހާރު އެއްކޮށް ފުލްވެފައިވާ ކަމަށެވެ.

ހައްޖުވިލޭރޭ ދަރަވަންދޫގައި ރަސްމީކޮށް ޢީދުގެ ހަރަކާތްތައް ފެށޭނެއެވެ.

އެންމެ ފުރަތަމަ ހަރަކާތެއްގެ ގޮތުން ހަވާ އެރުވުމާއި ޢީދު ހުޅުޖެހުން ކުރިއަށްދާނެއެވެ. އެއަށް ފަހު ޢީދު ދުވަސް ފަށާނީ ޢީދު ނަމާދަށް ފަހު އާންމުންގެ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ ޢީދު ސަޔާއި އެކުއެވެ. އެއަށް ފަހު ދެން އޮންނާނީ ފެން ކުޅިވަރު ކުޅުމާއި ފިރެހެނުންގެ މާލި ކުޅިވަރުތަކެވެ.

ބ. ދަރަވަންދޫގައި މީގެ ކުރިން ޢީދު ފާހަގަކޮށްފައި--

ބޮޑުބެރަކީ އަބަދު ވެސް ޢީދުގެ ފޯރި ގެނެސްދީ ދިވެހިންގެ ލޭ ކައްކުވައިދޭ ކުޅިވަރެވެ. އެގޮތުން ދަރަވަންދޫގައި މި ފަހަރު ބިދަބިން ބޮޑުބެރު ގްރޫޕުން ޕާފޯމް ކުރާނެއެވެ. ޢީދު ދުވަހުގެ ހަވީރު ބިދަބިންގެ ސަގާފީ ކުޅިވަރުތަކާއި ރޭގަނޑު ބިދަބިންގެ ޚާއްސަ ޝޯ އޮންނާނެއެވެ.

ވާދައިގެ ކުޅިވަރުތައް ދަރަވަންދޫގައި މި ފަހަރު ބާއްވާއިރު ވާ ދެމުމުގެ ހަރަކާތަކާއި މަސްރޭސް އަދި 'ތުވާލި ބޯޅަ' ހިމެނެއެވެ.

މިއީ ޓީމްތަކަށް ބަހައިގެން މުބާރާތެއްގެ ގޮތަށް ކުރިއަށްގެންދާ ކުޅިވަރުތަކެކެވެ. މީގެ ތެރެއިން ވެސް 'ތުވާލި ބޯޅަ' އަކީ އާންމުކޮށް ރަށްރަށުގައި ނުކުޅޭ މީހުންނަށް ވަރަށް އާ ކުޅިވަރެކެވެ. ވޮލީ ކޮންސެޕްޓަށް ކުޅޭ މި ކުޅިވަރުގައި ބޭނުން ކުރާނީ ބޯޅައިގެ ބަދަލުގައި ފެން އަޅާފައިވާ ފުއްޕާހަމެކެވެ.

ޓީމެއްގައި ހަ މީހުން ތިބޭއިރު ބޭނުން ކުރަނީ މި ތުވާއްޔެއް. ވޮލީ ކޯޓުގައި މި ކުޅޭއިރު ޖެހޭނީ އަނެއް ޓީމުގެ ތުވާޔަށް ފުއްޕާހަން އެއްލަން. ތުވާލި މައްޗަށް އެ ވެއްޓިއްޖިއްޔާ ޕޮއިންޓެއް ލިބޭނީ. ދެން މިއީ ހަމަ މަޖާކޮށް ކުޅޭ ކުޅިވަރެއް. އެ ފުއްޕާހަން ފަޅައިގެންދާއިރު އޭގައި ފެނާއި ކުލަ ހުންނާނެ. ދަރަވަންދޫ ކައުންސިލް ރައީސް ޢަލީ ސަމީހު

ބ. ދަރަވަންދޫގައި މީގެ ކުރިން ޢީދު ފާހަގަކޮށްފައި--

ދަރަވަންދޫގައި ޢީދުގެ ތިންވަނަ ރޭ، ރަށުގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށް ބާބަކިއުއެއް ބާއްވާނެއެވެ. އޭގެ އިތުރުން ވެސް އަންހެނުންގެ މާއްޔާއި ކުޑަކުދިންގެ މާލި އަދި 'ފެންސީ ޕެރޭޑް' ގެ ނަމުގައި ވަރަށް ޚާއްސަ ޕެރޭޑެއް ވެސް އޮންނާނެއެވެ.

ދަރަވަންދޫ ކައުންސިލުން ބުނީ މި ފަހަރުގެ ޢީދަކީ ވަރަށް ފޯރިގަދަ އަދި ބެލުންތެރިންނާއި ޢީދުގައި އެ ރަށަށް ޒިޔާރާތްކުރާ މެހެމާނުންނަށް ވެސް ހިތްހަމަޖެހޭފަދަ ޢީދަކަށް ވެގެން ދާނެ ކަމަށެވެ.

ބ. ދަރަވަންދޫގައި މީގެ ކުރިން ޢީދު ފާހަގަކޮށްފައި--

ދަރަވަންދޫގެ ކުލަބު ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލާއި އަންހެނުން ކޮމިޓީ ގުޅިގެން ފާހަގަކުރާ ޢީދުގައި ރަށުގެ އެހެނިހެން މުއައްސަސާތަކުން ވެސް ބައިވެރިވާނެއެވެ. އެގޮތުން ފެނަކައާއި ދަރަވަންދޫ އެއާޕޯޓާއި ބ. އަތޮޅު މަދަރުސާއިންނާއި ދަރަވަންދޫ ސިއްހީ މަރުކަޒުން ވެސް ބައިވެރިވާނެއެވެ.

ދަރަވަންދޫގައި ކުރިއަށްދާ ޢީދުގެ ކުޅިވަރުތައް މި ފަހަރު އެސްއެސްޓީވީ އަދި ސަން އޮންލައިން މެދުވެރިކޮށް ގެނެސްދޭނެއެވެ.'

comment ކޮމެންޓް