ބޭންކަށް ނުގޮސް މިހާރު އެމްއައިބީއިން އެކައުންޓް ހުޅުވޭނެ

އެމްއައިބީ ހެޑް އޮފީސް -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އެކައުންޓެއް ހުޅުވުމަށް ބޭންކަށް ނުގޮސް އޮންލައިންކޮށް ކޮންމެ ތަނަކުން ވެސް ހުޅެވޭނެ ގޮތް މިރޭ ތައާރަފު ކޮށްފިއެވެ.

ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ބޭންކް އެކައުންޓް ހުޅުވަން ބޭންކަށް ދާކަށް ނުޖެހެއެވެ. އެމްއައިބީން މިރޭ ވަނީ ރާއްޖެއަށް ވެސް އެ ޚިދުމަތް ތައާރަފު ކޮށްފައެވެ.

އެމްއައިބީއިން ބުނީ މި ރާއްޖޭގައި އެކަން އެހާ އަވަހަށް ވެދާނެ ކަމަށް ގިނަ ބަޔަކު އުންމީދެއް ނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް މޯލްޑިވްސް އިސްލާމިކް ބޭންކުން ރާއްޖޭގައި މި ޚިދުމަތް ދޭން ފަށާފައި ވާއިރު، މިހާރު އެމްއައިބީ އެކައުންޓް ހުޅުވަން ބޭންކަށް ނުގޮސް، ހުރި ކޮންމެ ތާކުން އެކައުންޓް ހުޅުވާލެވިގެންދާނެ ކަމަށް އެމްއައިބީއިން ވަނީ ބުނެފައެވެ.

ދިވެހި ސަރުކާރުގެ އެކި ހިދުމަތް ހޯދުމަށް ބޭނުން ކުރާ އީފާސް މެދުވެރިކޮށް އެމްއައިބީ އެޕްލައިނައު ޕޯޓަލްއިން މިހާރު އެކައުންޓް ހުޅުވުމަށް އެދެވޭނެއެވެ. އަދި، އެކައުންޓް ހުޅުވުމަށް އެދުމުން ބޭންކުން ވީޑިއޯ ވެރިފިކޭޝަން އެއް ހެދުމަށް ފަހު އެކައުންޓް ހުޅުވައިދޭނެއެވެ. ހަމަ މި ފޯމު މެދުވެރިކޮށް އެމްއައިބީ އެވްރީޑޭ ވިސާ ކާޑު އަދި އެމްއައިބީ ވިސާ ޕްލެޓިނަމް ކާޑަކަށް ވެސް އެދެވިދާނެއެވެ.

އިންޓަނެޓް ބޭންކިންއަށް ވަންނާނީ ކިހިނެއް؟

އެކައުންޓް ހުޅުވުމާ އެކު އެމްއައިބީ އިންޓްނެޓް ބޭންކިންއަށް އަމިއްލައަށް ރެޖިސްޓާ ވެވޭނެއެވެ.

މި ލިންކް މެދުވެރިކޮށް އެމްއައިބީ ފައިސާނެޓް އަދި ފައިސާމޮބައިލްއަށް ރެޖިސްޓާ ކުރާނެގޮތް ލިބިގެންދާނެއެވެ.

މި ކަމާ ގުޅިގެން އެމްއައިބީއިން ބުނީ އޮންލައިންކޮށް ހުޅުވާ އެކައުންޓާއި، ބޭންކަށް އައިސް ހުޅުވާ އެކައުންޓާއި އެއްވެސް ތަފާތެއް ނުހުންނާނެ ކަމަށެވެ. އަދި، ބޭނުން ކޮންމެ ޚިދުމަތަކަށް ވެސް އެދެވޭނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

ފަހަކަށް އައިސް އެމްއައިބީއިން ދަނީ ޒަމާނީ ގިނަ ހިދުމަތްތަކެއް ތައާރަފްކުރަމުންނެވެ. އެގޮތުން ފައިސާ ނެޓް މެދުވެރިކޮށް ކާޑުގެ ޕިން ބަދަލު ކުރުމާއި ކާޑު ފްރީޒް ކުރުން ފަދަ ޒަމާނީ ޚިދުމަތްތައް ވަނީ ތައާރަފު ކޮށްފައެވެ.

comment ކޮމެންޓް