ޢީދާ ބެހޭގޮތުން ގިނަމީހުންނަށް ނޭނގޭ ކަންތައްތަކެއް!

ގިނަބަޔަކަށް ނޭނގުނަސް ޢީދަކީ އޭގައި ވަރަށް ގިނަ ޙިކުމަތްތަކެއް ލައްވަވާފައިވާ އުފާވެރި މުނާސަބަތެއް -- ފޮޓޯ / ޑްރީމްހޮލިޑޭ.ސްޕޭސް

މުސްލިމުންނަށްޓަކައި ﷲ ތަޢާލާ އަހަރުގެތެރޭގައި ދެޢީދު ލައްވަވާފައިވެއެވެ. އެއީ ފިޠުރު ޢީދާއި އަޟުޙާ ޢީދެވެ. ފާހަގަކުރާ ގޮތުގެ މައްޗަށް ބިނާކޮށް، ކުޑަ އީދާއި ބޮޑު އީދުގެގޮތުގައި ދިވެހީންގެތެރޭގައި މަޝްހޫރުވެފައިވިޔަސް، މިދެޢީދުގެ ޝަރަފުވެރިކަމުގައި އެއްވެސް ތަފާތެއް ނެތެވެ. ﷲ ތަޢާލާ ޢީދު ޝަރަޢަކުރައްވާފައިވަނީ ވަރަށް މަތިވެރި ޙިކުމަތްތަކެއް އޭގައި ލައްވަވާފައެވެ. ޢީދު ގެނެސްދޭ މަންފާތަކާއި އުފާވެރިކަން، ފަރުދުންނަށާއި ޖަމާޢަތަށް ލިއްބައިދެއެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންނާއި އަންހެނުންނާއި ފިރިހެނުން ހިމެނޭހެން އެންމެންގެ މައްޗަށް މި އުފާވެރިކަން އާއްމުވެގެންވެއެވެ.

ދީނުގެ ޝަޢާއިރުތައް (އެބަހީ: އަޅުކަމުގެގޮތުގައި ކުރެވޭ ކަންތައްތައް) ފާޅުކޮށް މަތިވެތިކުރުމުގެ ފުރުސަތު ޢީދު ގެނެސްދެއެވެ. މިސްކިތްތަކާއި މައިދާންތަކަށް މީސްތަކުން އެއްވެ ޢީދު ނަމާދުކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ދިރުވައި ﷲ ގެ އަމުރުފުޅު ތަންފީޒުކުރެއެވެ. އުޟުޙިޔާ ކަތިލައި، ގާތްތިމާގެ މީހުންނަށް ޒިޔާރަތް ކުރެއެވެ. މިފަދަ ޝަޢާއިރުތަކަށް މާތްކޮށް ހިތުމީ ހިތްތަކުގެ ތަޤުވާ ކަމުގައި ﷲ އަންގަވާފައިވެއެވެ.(ޙައްޖު: 32)

ޢީދަކީ މުސްލިމުންގެ ކިބައިގައި އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ޝުޢޫރުތައް އުފައްދައިދޭ ޚާއްޞަ މުނާސަބަތެކެވެ. ރީތި ފޭރާމާއި މީރުވަސްދުވާ ހުވަނދުން ޒީނަތްތެރިވެ ހިނިތުންވުމާއެކު މީހުންނާ ބައްދަލުކޮށްލަން ލިބޭ ރަނުގެ ފުރުޞަތެކެވެ. އެކަކު އަނެކަކަށް ޒިޔާރަތްކުރުމާއި ހަދިޔާ ދިނުމާއި ހާލުއަހުވާލު ބަލައިލައި އެކުގައި ވަގުތު ހޭދަކޮށް ވާހަކަ ދައްކައިލައި، ކައިބޮއެ ހެދުމުގެ ސަބަބުން އެ ގެނެސްދޭ އުފާވެރިކަން ކިތަންމެހާވެސް ބޮޑެވެ.

ﷲ ގެ ޝިޢާރުތައް ދިރުވައި މަތިވެރިކުރުމާ ބެހޭގޮތުން ކުޑަކުދީންނަށް އުނގަންނައިދިނުމަށް ލިބޭ ރަނގަޅު ފުރުޞަތެއްކަމުގައި ޢީދު ވެއެވެ. އެގޮތުން؛ ޢީދު ނަމާދާއި އުޟުޙިޔާ ކަތިލުމާއި، ޙައްޖުގެ އަޅުކަމާއި، ސާފުތާހިރުވުމުގެ މުހިއްމުކަމާއި، މެހުމާނުންނަށް ކަމޭހިތުމާއި ޢީދުގެ ތަހުނިޔާ ކިޔުންފަދަ ކަންކަމާ ބެހޭގޮތުން، ކުދީންގެ އުމުރާ އެކަށީގެންވާ ގޮތަށް އެކުދީންނަށް އުނގަންނައިދެވިދާނެއެވެ.

ހިތްތަކުގައިވާ ކިލަނބުކަން ފިލުވައިލައި، ކެނޑިފައިވާ ގުޅުންތައް އަލުން ގުޅުވައި ގާތްތިމާގެ ކަމާއި ރަޙުމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށްލުމަށް ލިބޭ އެންމެ ރަނގަޅު ފުރުޞަތަކީ ޢީދެވެ. ރަޙިމު ގުޅުން ކަނޑައިލުމަކީ ޙަރާމްކަމެއްނަމަވެސް، ދުނިޔޭގެ ވަގުތީ އެދުންތަކާއި ހަވާނަފްސާއި ޝައިޠާނާގެ ގޮވުންތަކުގެ ސަބަބުން، އެ މަތިވެރި ގުޅުން ކަނޑައި ރުޅިއަށް އުޅޭ އަޚުންނާއި އުޚުތުން ގިނައެވެ. ޢީދަކީ ޒިޔާރަތްކުރުމާއި ތަހުނިޔާ ކިޔުމާއި ހަދިޔާ ބަދަލުކުރުންވެސް އޮންނަ މުނާސަބަތަކަށްވާތީ، ރަޙިމުގެ ގުޅުން ކަނޑައި ރުޅިވެފައިވާ ބަޔަކު ތިބިނަމަ އެކަން އިޞްލާޙުކޮށްލުމަށް މިއަށްވުރެ ވަކީން މުނާސަބު ވަގުތެއް ނުލިބޭނެއެވެ.

ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި އުޅޭ އެންމެހައި މުސްލިމުން، އެއްކަމެއްގައި - ޢީދު ނަމާދާއި އުޟުޙިޔާ ކަތިލުމާއި ޢީދުގެ އުފާ ފާޅުކުރާ މަންޒަރުން، މުސްލިމުންގެ ހައިބަތާއި ޤަދަރު ދައްކުވައިދެއެވެ. އެބައިމީހުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައެއްވަންތަކަން ރަމްޒުކޮށްދެއެވެ. ކޮންމެ ތަނެއްގައި ދިރިއުޅުނުނަމަވެސް މުސްލިމުންނަކީ އެއްބައެއްކަމާއި، ﷲ އަށް ކިޔަމަންތެރިވުމާއި އެކަލާނގެ ނިޢުމަތްތައް ބޭނުންކުރުމުގައި އެބައިމީހުން ތަފާތުނުވާނޭކަން ދައްކުވައިދެއެވެ.

ޢީދަކީ ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށްޓަކައި ލިބޭ ފުރުސަތެއްވެސްމެއެވެ. ރަމަޟާން މަހުގެ ރޯދައާއި ލައިލަތުލްޤަދުރިއާއި ޙައްޖާއި، ބަރަކާތްތެރިވެގެންވާ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ހެޔޮކަމާއި އަދި ޢަރަފާތް ދުވަހުގެ މަތިވެރިވެގެންވާ ރޯދަ ހިފުންފަދަ ފުރުޞަތުތައް ފަހިކޮށްދެއްވިކަމަށްޓަކައި އެކަލާނގެއަށް ޝުކުރު އަދާކުރުމެވެ. އަޅުކަންތައް ކުރުމުގެ ތައުފީޤު ދެއްވުމުގެ އިތުރުން، އެކަލާނގެ ދެއްވަވާފައިވާ ޢަދަދުނުކުރެވޭހައި ގިނަ ނިޢުމަތްތަކަށްޓަކައި އެކަލާނގެއަށް ޝުކުރު އަދާކުރުމެވެ.

ބަޔާންކުރިފަދަ ގިނަ ޙިކުމަތްތަކާއެކު ﷲ ޝަރަޢަކުރައްވާފައިވާ ޢީދު ފާހަގަކުރުމުގައި، އެކަލާނގެއަށް އުރެދޭފަދަ އެއްވެސް ޢަމަލެއްކޮށްގެންނުވާނެއެވެ. އެގޮތުން؛ ދެޖިންސުގެ ހިލޭ މީހުން މަސްހުނިވެ ފެނާއި ކުލަ ޖަހައި ލަވަކިޔައި ނަށައި ނާޗަރަންގީ ކުޅުމަކީ އިސްލާމީ ހަމައިން ބަލާއިރު ހުއްދަކަމެއްނޫނެވެ. ކޮންމެ ޖިންސެއްގެ މީހެއްނަމަވެސް ޢައުރަ ނިވައިނުވާފަދަ ހެދުން އަޅައިގެން ކުޅިވަރަށް ނިކުތުމާއި ބޭއަދަބީ ވައްތަރުތައް ޖެއްސުންފަދަ ކަންކަން ކޮށްގެންނުވާނެއެވެ.

ޢީދުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ކޮންމެ ޢީދެއްގައިވެސް އެންމެ ދުވަހެކެވެ. އެހެންކަމުން، ޢީދުގެ އުފާ ފާޅުކުރުމަށްޓަކައި ތިންހަތަރު ދުވަސް ނުވަތަ ހަފުތާއެއް ވަންދެން އިޙްތިފާލުތައް ބާއްވައި ބޮޑެތި ޚަދަރުތައް ކުރުމަކީ އެދެވިގެންވާ ކަމެއްނޫނެވެ. ހެޔޮ ކަންކަމަށް ހޭދަކުރެވިދާނެ ފައިސާއާއި ތަކެތި، މުންކަރާތްކަމުގައި ހިމެނިދާފަދަ ޝޯތައް ބޭއްވުމަށް ޚަރަދުކޮށްލަން ހެޔޮނުވާނެއެވެ.

ހުއްދަ ކުޅިވަރުތައް ކަމަށްވިޔަސް، ރަށާއި އަވަށު ވާދަ ކުރިއަށް ނެރެ ޢަދާވާތްތެރީންފަދައިން ބައިބައިވެގެން ކުޅިވަރުތައް ބާއްވަމުން ދިއުމީ ޢީދުގެ ޙިކުމަތާ މުޅީން ޚިލާފު ކަންކަމެކެވެ. ޢީދުގެ ކުޅިވަރުތަކުގެތެރެއިން އުފަންކުރުވާ މައްސަލަތަކުގެ ސަބަބުން ދެމަފިރީން ވަރިފަށަށް އެރުމާއި، ރައްޓެހިންނާ މޫނުކެނޑުމާއި މަދުންނަމަވެސް، ޢާއިލީ ގުޅުމަށް ބުރޫ އަރުވައިލާ ހާލަތްތައްވެސް އާދެއެވެ. ބަދުއަޚުލާޤީ ޢަމަލުތަކާއި ޖިންސީ ފުރައްސާރައާއި މަސްތުގެ ޕާޓީތައް ބޭއްވުންފަދަ ޙަރާމްކަން ބޮޑު ޢަމަލުތައް މިފަހަކަށް އައިސް ޢީދުގައި އިތުރުވެއެވެ. ގިނަ މައިންބަފައިންވެސް ޢީދުގެ އުފަލުގައި އުޅޭއިރު، ދަރީންނާމެދު މާބޮޑު ސަމާލުކަމެއް ނުދީ އެކުދީންވެސް "ޢީދަށް ދޫކޮށްލާފައި" ބޭތިއްބުމުން އެކުދީން ނުބައި މަގުން ދާތަން އާދެއެވެ.

ވީމާ ޢީދާ ކުރިމަތިލާއިރު، ޢީދުގެ ޙިކުމަތްތަކާމެދު ފުންކޮށް ވިސްނައިލަމާ ހިނގާށެވެ. އެ ޙިކުމަތްތަކާ ފުށުއަރާ ޢަމަލެއް ކުރެވޭނަމަ އެކަމެއް އިޞްލާޙުކޮށްލަންވާނެއެވެ. ޢީދަށްޓަކައި ދުރާލައި ކިތަންމެ ބޮޑު ތައްޔާރީއެއްވެގެން ތިއްބަސް ... މުންކަރާތެއް ހިމެނޭ ކުޅިވަރެއް އިންތިޒާމުކޮށްފައިވާނަމަ އަވަހަށް އެކަމެއް ހުއްޓައިލާ ތައުބާވާށެވެ. ޢީދަކީ، ﷲ ޝަރަޢަކުރައްވާފައިވާ ދުވަހެއްކަމުން، އެދުވަސް އިޙްތިފާލުކުރަންޖެހޭނީ އެ އިލާހުގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށެވެ. އެ އިލާހުގެ ކޯފާއާއި އަޒާބު ޙައްޤުވާފަދަ ގޮތަކަށްނޫނެވެ! تقبل الله منا ومنكم صالح الأعمال وكل عام وانتم بخير

ގުޅޭ ޓެގު
comment ކޮމެންޓް