އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާއިން ކުދި ވިޔަފާރިތަކަށް އަނެއްކާ ވެސް ފުރުސަތު ހުޅުވާލައިފި

އެސްއެމްއީ ހަބް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އިން އެސްޓީއޯ އެލައިޑް ބިލްޑިންގައި ހިންގަމުން އަންނަ އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާގައި ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފިއެވެ.

ބީސީސީން މިފަހަރު ކިއޮސްކް ދޫކުރަން ނިންމާފައި ވަނީ ތިން ދާއިރާއަކަށް ފެތޭ ވިޔަފާރިތަކަށެވެ. އެ ވިޔަފާރި ތަކަކީ:

  • އަންނައުނު ވިއްކާ
  • އާޓް އެންޑް ކްރާފްޓް
  • އެސެސަރީޒްގެ ގޮތުގައި ގިންތިކުރެވޭ މުދާ

އެސްއެމްއީ ހަބުން ކިއޮސްކް ދޫކުރުމާ ގުޅޭގޮތުން މީގެ ކުރިން "ސަން" އާ ވާހަކަދައްކަވަމުން ބީސީސީގެ ހެޑް އޮފް އައުޓް ރީޗް އިބްރާހިމް ޒިއާއު މުހައްމަދު ވިދާޅުވީ، މި ކިއޮސްކްތަކުގައި ވިއްކޭނީ ދިވެހި އަމިއްލަ އުފެއްދުންތައް ކަމަށެވެ. އެގޮތުން ދިވެހި އުފެއްދުމެއްގެ ގޮތުގައި ބަލައިގަނެވޭނީ އެ މުއްދަލެއް އުފެއްދުމަށް ކުރާ ޚަރަދުގެ 30 އިންސައްތައަކީ ސީދާ ރާއްޖޭގައި ކުރެވިފައިވާ ޚަރަދެއްކަމުގައި ވާނަމަ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާ ނިމިގެންދާއިރު މިނީ ސިނަމާއަކާއި، ސެލޫނާއި، ކުރެހުންތެރިންނަށް ޚާއްޞަ އާޓް ގެލަރީއެއްގެ އިތުރުން ގޭމިން އޭރިއާއަކާއި އަދި ސްޓެމް އެޑިއުކޭޝަނަށް ޚާއްސަ ސަރަހައްދެއް ހުންނާނެއެވެ. މި ފަހަރު ދޫކުރާ ކިއޮސްކްތައް ވެސް ހާއްސަކޮށްފައިވަނީ ކުދި ވިޔަފާރިތަކަށެވެ.

ކިއޮސްކް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުގެ ޝަރުތުތައް:

  • ދިވެހި ރައްޔިތެއްކަމުގައިވުން
  • 18 އަހަރު ފުރިފައިވުން
  • ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ވިޔަފާރިތަކުގެ ގިންތިކުރާ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ އެންމެ ކުދި ނުވަތަ ކުދި ގިންތީގެ ވިޔަފާރިއަކަށްވުން
  • އެސްއެމްއީ ހަބްގެ ފުރަތަމަ ފަންގިފިލާއިން ކިއޮސްކެއް ހިންގަމުންދާ ފަރާތެއްކަމުގައި ނުވުން

ކިއޯސްކަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ، އަންނަ މަހުގެ ހައެއް ވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމާ އެކު ބީސީސީއިން "އެސްއެމްއީ ހަބް"ގެ ނަމުގައި ޗާންދަނީ މަގު އެލައިޑް ބިލްޑިންގައި ކޮމާޝަލް ހަބެއް ތަރައްޤީކޮށް ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

އެސްއެމްއީ ހަބް ޤާއިމުކޮށް ވިޔަފާރީގެ ފުރުސަތު ފަހިކޮށްދިނުމުގެ މައިގަނޑު ބޭނުމަކީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވާ އެފަދަ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް މަގުފަހިކޮށްދިނުންކަމަށް ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން ބުނެއެވެ.

comment ކޮމެންޓް