ހުއްޓުމެއް ނެތި ކައްކައިގެން ރެކޯޑު ފޮތަށް!

ހުއްޓުމެއް ނެތި ޖުމްލަ 100 ގަޑިއިރު ތަފާތު ޑިޝްތައް ތައްޔާރުކުރި ޝެފް ހިލްޑާ އެފިއޮންގް، ގިނެސް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

ނައިޖީރިއާއަށް ނިސްބަތްވާ ޝެފް ހިލްޑާ އެފިއޮންގް ނުވަތަ ސޯޝަލް މީޑިއާ ނަމުން ނަމަ ހިލްޑާ ބާޗީ ރެކޯޑު ހެދުމަށްޓަކައި ހުއްޓުމެއް ނެތި 100 ގަޑިިއިރު ކައްކާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. މެއި މަހުގެ 11 އިން ފެށިގެން 15 އާ ހަމައަށް ހިލްޑާ ވަނީ ހުއްޓުމެއް ނެތި ތަފާތު އެކި ކަހަލަ ނައިޖީރިއަން ޑިޝްތައް ތައްޔާރުކޮށްފައެވެ.

މި ރެކޯޑު ގާއިމުކުރުމަށްޓަކައި ހިލްޑާ ވަނީ 55 ރެސިޕީއަކަށް 100 ކެއުން ތައްޔާރުކޮށްފައެވެ. މި ހުރިހާ ކެއުންތަކަކީ ނައިޖީރިއާގެ ރެސިޕީތަކެވެ.

އެންމެފަހުން ގިނެސްއިން ވަނީ އެ ރެކޯޑުގެ ސައްހަކަން ބަލައި ރެކޯޑު ކަށަވަރު ކޮށްފައެވެ. އެއާއެކު މިހާރު ހިލްޑާ ވަނީ މުޅި ދުނިޔޭގައި ވެސް ހުއްޓުމެއް ނެތި އެންމެ ގިނަ އިރު ވަންދެއް ކައްކާފައިވާ މީހާއަށް ވެފައެވެ. ހިލްޑާއަށް އެ ރެކޯޑު ގާއިމުކުރެވިފައިވާކަން ކަށަވަރު ކުރުމަށްޓަކައި އޭނާއަށް އެކަމާ ގުޅޭ ޚާއްސަ ޕްލޭކް ވަނީ ހަވާލުކޮށްފައެވެ.

ހިލްޑާ ބުނާގޮތުގައި މި ރެކޯޑު ގާއިމުކުރުމަށް އޭނާ ބޭނުންވީ ނައިޖީރިއާގެ ކެއުންތަކަށް ދުނިޔޭގެ ސަމާލުކަން ހޯދައި، އެއަށް މަގުބޫލުކަން ހޯދުމުގެ ބޭނުމުގައެވެ.

ހިލްޑާ ބުނާގޮތުގައި ނައިޖީރިއާގެ ކެއުންތަކަކީ ވަރަށް ތަފާތު ރަހަތައް ހުންނަ ކެއުންތަކެކެވެ. އަދި ގިނަ ފަހަރަށް 'ކޮމްފޯޓް' ކެއުމެއްގެ ގޮތުގައި ކައިކުޅޭ ނައިޖީރިއާގެ ކެއުންތަކަކީ ގިނަ ބަޔަކު ރަހަ ބަލާލަން ޖެހޭނެ އެއްޗެއް ކަމަށް އޭނާ ބުނެއެވެ.

މި ރެކޯޑު އެންމެ ފަހުން ގާއިމުކޮށްފައިވަނީ 2019 ވަނަ އަހަރުގައި އިންޑިއާގެ ޝެފެއް ކަމަށްވާ ލަތާ ޓަންޑޮން އެވެ. އޭނާ ވަނީ ނުހުއްޓައި އަށް ގަޑިއިރާއި 45 މިނެޓް ވަންދެން ކައްކާފައެވެ.

comment ކޮމެންޓް