ޗައިނާގެ ލޮލުގެ ޑޮކްޓަރުން ފުވައްމުލަކުގައި ކޭމްޕެއް ބާއްވައިފި

ޗައިނާގެ ޑޮކްޓަރުންނާއި ނަރުހުން މި ކޭމްޕުގައި ވަނީ ބައިވެރިވެފައި --

ޗައިނާގެ ލޮލުގެ ޑޮކްޓަރުން ބައިވެރިވި ކޭމްޕެއް ފުވައްމުލަކު ސިޓީގައި ބާއްވައިފިއެވެ.

ޗައިނާގެ ލޮލުގެ ސްޕެޝަލިސްޓުންގެ ޚިދުމަތް ދޭ ގޮތަށް އެއް ދުވަހަށް ބޭއްވި މި ކޭމްޕުގައި ކުރިއަށް ގެންގޮސްފައިވަނީ ކޮންސަލްޓޭޝަންގެ ޚިދުމަތާއި ނަންބަރު ނެގުމުގެ ޚިދުމަތެވެ.

ފުވައްމުލަކު މެނޭޖާ، ހޮސްޕިޓަލުގެ ހެލްތު ސާވިސް، މުހައްމަދު ޟިރާރު "ސަން"އަށް ވިދާޅުވީ މި ކޭމްޕުގައި 120 މީހުން ބައިވެރިވި ކަމަށެވެ.

މިއީ ސަރުކާރުގެ ސިޔާސަތުގެ ދަށުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައި ސްޕެޝަލިސްޓުން ޚިދުމަތްދޭ ގޮތަށް ހޯދައިދިން ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ކޭމްޕުގެ ސަބަބުން ގިނަ ބަޔަކަށް ޚަރަދުތަކެއް ނުގޮސް ރަނގަޅު ޑޮކްޓަރުންނަށް ދައްކާލެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ރަނގަޅު ފައިދާތަކަކާއި މަންފާތަކެއް ލިބުނުކަމެއް ރައްޔިތުންނަށް. މާލޭގައި ސްޕެޝަލިސްޓަކަށް ދެއްކުމަކީ ވެސް ވަރަށް އުނދަގޫކަމެއް،" އޭނާ ވިދާޅުވިއެވެ.

މި ކޭމްޕު ފައްޓަވައިދެއްވުމަށާއި ކޭމްޕުގެ ކަންކަން ހިނގާ ގޮތް ބައްލަވައިލެއްވުމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު, ވަންގް ލިޒިން އާއި އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްބެސެޑަރު ވަންގްއާއެކު ފުވައްމުލަކު ސިޓީގައި ޗައިނާ ޑޮކްޓަރުންގެ ޚިދުމަތް އިތުރަށް ދިނުމަށް ވާހަކަ ދެކެވި މަޝްވަރާކުރެވުނުކަމަށް ޟިރާރު ވިދާޅުވިއެވެ.

comment ކޮމެންޓް