ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީކޮށް ދަނޑުވެރިކަމުން ހައްދާ ތަކެތި އުފުލުމަށް ޓަކައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، އެގްރޯނެޓުން ދެ ބޯޓް ބަންނަން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ދަނޑުވެރީން ހައްދާ ބާވަތްތައް ތާޒާ ކަމާއެކު އެއް ރަށުން އަނެއް ރަށަށް ގެންގޮސް، އެތަކެތީގެ މާކެޓް ފުޅާ ކުރުމަށް ޓަކައި ޚާއްސަ ކުރާ، މި ދެ ބޯޓު ބަނުގެ މަސައްކަތް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަވާލު ކުރީ ފިކްސްއިން މެރިން ޕްރައިވެޓް ލިމިޓެޑްއާއެވެ.

އެގްރޯނެޓުން ދެ ބޯޓް ބަންނަން ބަޔަކާ ހަވާލުކުރުން -- ފޮޓޯ/ އެގްރޯ
ޖަޕާނު ސަރުކާރުން ދީފައިވާ އެހީގެ ދަށުން ޔޫއެންޑީޕީގެ ޕީޑީއެސްއޭއީގެ ތެރެއިން ބަންނަ މި ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގެ ބޮޑު މިނުގައި 65 ފޫޓް، ހުންނަ އިރު އަނެއް ބޯޓުގައި 45 ފޫޓް ހުރެއެވެ.
އެގްރޯއިން ބުނިގޮތުގައި އަލަށް ބަންނަ މި ދެ ބޯޓުގެ މަސައްކަތް ނިމި، ބޭނުން ކުރާން ފެށުމުން ދިވެހި ދަނޑުވެރީން ހައްދާ ބާވަތްތައް، ތާޒާކޮށް ހުއްޓާ ރާއްޖޭގެ މާކެޓްތަކަށް ހަމައަށް ފޯރުކޮށްދެވޭނެއެވެ.
މިދެ މިބޯޓް ވެސް ފަރުމާކުރީ މޯލްޑިވްސް ޕޮލިސް ސާވިސަސްގެ މެރިން ޕޮލިސްއިން ކަމަށް އެގްރޯއިން ބުންޏެވެ.
އެގްރޯ ނެޓަކީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުގެ ސަބްސިޑަރީ ކުންފުންޏެކެވެ. އަދި މިއީ ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަގުސަދުގައި އުފައްދާފައިވާ ސަރުކާރު ހިއްސާވާ ކުންފުންޏެއްވެސް މެއެވެ.