ޖޭއެސްސީގައި ސިޔާސީ މީހުން ނުތިބޭ ގޮތަށް އިސްލާހުކުރަން ފޮނުވައިފި

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސިޔާސީ ބޭފުޅުން ނުހިމެނޭ ގޮތަށް އެ ކޮމިޝަން އެކުލެވިގެންވާ ބަދަލުކުުރުމަަށް، ގާނޫނުއަސާސީއަށާއި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުތައް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ އެކަން ހާމަކުރައްވައި މިއަދު ޓްވީޓް ކުރައްވައިފައެވެ.

ހުށަހެޅި އިސްލާހުގައި ވަނީ ޖޭއެސްސީގެ މެންބަރުންގެ އަދަދަކީ ހަތެއް ކަމުގައި ކަނޑައެޅުމަށެވެ. އަދި އިސްލާހުގައި ވާގޮތުން ރައީސްގެ މެންބަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭނެއެވެ.

"މިގޮތަށް ހުށަހެޅީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާ އާއި އެ ނޫން ވެސް ފަރާތްތަކާއި ގާނޫނީ ފަންނުގެ ދާއިރާ އާއި މަދަނީ ޖަމިއްޔާތަކާއި އާންމުންގެ ޚިޔާލާއި މަަޝްވަރާގެ އަލީގައި،" ރިއްފަތުގެ ޓްވީޓުގައި ވެއެވެ.

އިތުރަށް ރިއްފަތު ވިދާޅުވީ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ އިޖުތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވައުދު ކަމަށެވެ. އަދި މި މަސައްކަތް 2019 ގައި ފަށާފައިވާ ކަމަށާއި މިހާތަނަށް ކަމާގުޅޭ ނުވަ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައި ކަމަށް ވެސް ވިދާޅުވިއެވެ.

"މިއަދުގެ 2 ބިލާއެކު މި އިޞްލާޙީ މަސައްކަތް ފުރިހަމަކުރެވިއްޖެ،" ރިއްފަތު ވިދާޅުވިއެވެ.

ޖޭއެސްސީ އިސްލާހުކުރުމުގެ ބިލުތައް މަޖިލީހަށް ހުށަހެޅުން ލަސްވެ، އިދިކޮޅުން ވަނީ މިދިޔަ މަހު ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

އެކަމާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިޤްއެވެ. އޭނާ ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް މީގެކުރިން މަޖިލީހަށް އެކި ފަހަރުމަތިން ބިލު ހުށަހަޅާފައެވެ. ނަމަވެސް އެ ބިލްތައް ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން މިހާރު އެކުލެވިގެންވާ ގޮތަށް ބަލާއިރު، މިހާރު އެ ކޮމިޝަނުގައި ތިއްބަވަނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ބަންޑާރަ ނައިބާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގާނޫނީ ވަކީލުންގެ ތެރެއިން ވަކީލެއްގެ އިތުރުން، ދަށު ކޯޓުތަކުގެ ފަނޑިޔާރަކާއި، ހައި ކޯޓު ފަނޑިޔާރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.

comment ކޮމެންޓް