ޕީޕީއެމް، ޕީއެންސީއާ ރައީސް ބައްދަލުނުކުރައްވައި އަދުރޭއަށް އަލީ ޒާހިރުގެ ސިޓީއެއް ލިބުމުން ރަތަށް!

19 ޖޫން 2023: އިދިކޮޅުން ރައީސް އޮފީސް ބޭރުގައި -- ފޮޓޯ/ ޕީޕީއެމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާ ބައްދަލުކޮށް މަޝްވަރާކުރުމަށް ތަކުރާރުކޮށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގެ ވެރިން ރައީސް އޮފީހަށް ވަޑައިގަތުމުން ވެސް ބައްދަލުނުކުރައްވައި ޕީޕީއެމް، ޕީއެންސީން ފޮނުވި ސިޓީއަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ލިޔުމުން ޖަވާބުދެއްވުމުން އެ ކޯލިޝަނުން ނުރުހުންފާޅުކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް, ޕީއެންސީގެ އިސްވެެރިން މިދިޔަ ހަފުތާއިން ފެށިގެން ރައީސާ ބައްދަލުކުރެއްވުމަށް ތަކުރާރުކޮށް އަންނަނީ ރައީސް އޮފީހަށް ވަޑައިގަންނަވަމުންނެވެ. އަދިވެސް އެ ކަން ކާމިޔާބުވާ ގޮތެއް ނުވެއެވެ. އެހެންވެ ޕީޕީއެމް، ޕީއެންސީން ރައީސަށް ސިޓީއެއް ފޮނުވިއެވެ.

ނަމަވެސް އެ ސިޓީ ރައީސް އޮފީހުގެ ރަސްމީ ޕްރޮޓޮކޯލަށް ލިބިފައިނުވާކަމަށް ބުނުމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައީސް އޮފީހުގައި އިންނަވައި ސިޓީއެއް ލިޔުއްވިއެވެ.

މިއަދުވެސް ރައީސާ ބައްދަލުކުރަން ޕީޕީއެމް، ޕީއެންސީގެ އިސް ބޭފުޅުން ރައީސް އޮފީހަށް ވަޑައިގަތެވެ. މިއަދު އެބޭފުޅުން ވަޑައިގަތުމުން ރައީސް އޮފީހުން ހަވާލުކުރީ އަލީ ޒާހިރު ސޮއިކުރައްވައި ތައްޔާރުކުރައްވާފައިވާ، އަދުރޭ ފޮނުއްވި ސިޓީގެ ޖަވާބެވެ.

އަލީ ޒާހިރުގެ ސިޓީގައިވަނީ ކީކޭ؟

އަލީ ޒާހިރު ސޮއިކުރައްވައި އިދިކޮޅު ދެ ޕާޓީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފޮނުއްވި ސިޓީގައިވަނީ އަދުރޭ ރައީސަށް ފޮނުއްވި ސިޓީގައިވާ ވާހަކަތަކަކީ ހަގީގަތެއްގެ މައްޗަށް އެކުލެވޭ ވާހަކަތަކެއް ނޫންކަމަށް ރައީސް ދެކެވަޑައިގަންނަވާކަމަށެވެ.

ރައީސް ޔާމީނުގެ ޙުކުމާ ގުޅޭގޮތުން އަދުރޭގެ ސިޓީގައިވާ ވާހަކަތަކާ ގުޅިގެން އަލީ ޒާހިރު ލިޔުއްވައިފައިވަނީ އެއީ ޝަރުއީ ކޯޓަކުން ކޮށްފައިވާ ހުކުމެއްކަމުން އެ ހުކުމާއި ރައީސާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ.

އަދި އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކީ ރައީސް ކުރައްވާނެ ކަމެއް ނޫންކަމަށް އަލީ ޒާހިރު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ ހައިކޯޓުގައިި ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލައެއް ކުރިއަށްދާއިރު އެ ކަމުގެ ތެރެއަށް ރައީސް ވެދެވަޑައިގެން އެ ކަމާ ގުޅޭގޮތުން އެއްވެސް ބަޔަކާ ބައްދަލުކުރުމަކީ 'ހަމަޖެހޭ ގޮތެއް ނޫންކަން' އަދުރޭއަށް އެނގިވަޑައިގަންނަވާނެކަމަށެވެ.

19 ޖޫން 2023: އިދިކޮޅުން ރައީސް އޮފީސް ބޭރުގައި -- ފޮޓޯ/ ޕީޕީއެމް

ރައީސް އިސްވެ، އެއްވެސް މީހަކަށް އަނިޔާއެއް ކުރައްވާނަމަ އެ މައްސަލައެއް ކަމާބެހޭ މުއައްސަސާއަށް ހުށަހެޅުމަށް ވެސް އަލީ ޒާހިރު ވަނީ އެދިވަޑައިގެންފައެވެ.

އަލީ ޒާހިރުގެ އެ ސިޓީއާ ގުޅިގެން ރައީސް އޮފީސް ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަދުރޭ ވަނީ އެ ސީޓީއަކީ އިތުރުފުޅު ހައްދަވައި ލިޔުއްވި ނޯޓެއްކަމަށް ތުހުމަތުކުރައްވައިފައެވެ.

އަދި ރާއްޖޭގެ ހާލަތާއި ގައުމުގައި ކަން ހިނގަމުން އަންނަ ގޮތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަަލުކުރަން އެދުމުން އެ ކަން ނުކުރައްވަން ދެއްކެވޭނެ އެއްވެސް ބަހަނާއެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ ސިޔާސީ މައި އިދިކޮޅު ޕާޓީން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން އައިމަ ބައްދަލުކުރަންޖެހޭނެ. އެއީ ކޮންމެ ބަޔަކު ބައްދަލުކުރަން އަޔަސް ޖެހޭނެ ބައްދަލުކުރަން. މި މަލްޓި ޕާޓީ ޑިމޮކްރަސީގައި އެންމެ ނުފޫޒު ގަދަ ދެ ފަރާތަކީ ސަރުކާރު ހިންގާ ފަރާތާއި ސަރުކާރު ޖަވާބުދާރީ ކުރުވާ ފަރާތާ،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވުމަކީ ޖަވާބުދާރީކުރުވުމަށް އެޅި އެންމެ ބޮޑު ހުރަސްކަމަށެވެ.

comment ކޮމެންޓް