އިސްރާއީލު ސިފައިން ރެފިއުޖީ އަވަށަކަށް ވަދެގަނެ ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްފި

އިސްރާއީލު ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކަށް ބިރުދައްކައި އެކުއްޖާ ހައްޔަރުކޮށްގެން ގެންދަނީ -- ފައިލް ފޮޓޯ/ ރޮއިޓާސް

ޖެނީން (19 ޖޫން 2023): އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ޖެނީން ރެފިއުޖީ އަވަށަށް ހަތިޔާރާއެކު ވަދެގަނެ ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްފިއެވެ.

ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން އިސްރާއީލު ސިފައިން ހަތިޔާރާއެކު ޖެނީން ރެފިއުޖީ އަވަށަށް ވަދެގެންފައިވަނީ ރޭ ފަތިހުއެވެ. ހަތިޔާރާއެކު ވަދެގަނެ އިސްރާއީލު ސިފައިން މަސައްކަތްކުރީ އެމީހުން ބޭނުންވާ ބަޔަކު ހައްޔަރުކުރުމަށެވެ. އެކަންނުވުމުން ބަޑިޖަހައި ތިން މީހުން ޝަހީދުކޮށްލައި 31 މީހުން ޒަޚަމްކޮށްލީއެވެ.

ނަމަވެސް ޖެނީން ރެފިއުޖީ އަވަށުގެ މީހުން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކަށް އަމާޒުކޮށްވަނީ ވަރުގަދަ ރައްދު ހަމަލާތަކެއްދީ އިސްރާއީލު ސިފައިންގެ ތިން މީހަކު ޒަޚަމްކޮށްލައި އިސްރާއީލު ސިފައިންގެ އުޅަނދެއް ހަލާކުކޮށްލާފައެވެ.

އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ނެރުނު ބަޔާނެއް ބުނާގޮތުން ޖެނީން ރެފިއުޖީ އަވަށަށް އެމީހުން ވަދެގަނެ ހައްޔަރުކުރަން އުޅުނީ ފަލަސްތީނު މުޖާހިދުންގެ ދެމީހެކެވެ. އެދެމީހުން ހައްޔަރުކުރަން އިސްރާއީލު ސިފައިންނަށް ދަތިވުމުން ފަލަސްތީނުގެ އާންމުންގެ ގަޔަށް ބަޑިޖެހީކަމަށް މަންޒަރު ދުށްމީހުން ބުނެއެވެ.

ޔަހޫދީ އިސްތިއުމާރީ ބާރުތައް ފަލަސްތީނުގެ ބިމުގައި އަނިޔާވެރިކަން ހިންގަނީ

އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި ތިން މީހުންގެ ތެރޭގައި އެއަވަށުގައި ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީ އާއިލާއެއްގެ ކުއްޖެއްކަމަށްވާ 15 އަހަރުގެ އަޙްމަދު ސަޤްރު ހިމެނެއެވެ. އޭނާގެ އިތުރުން ދެން ޝަހީދުކޮށްލީ އުމުރުން 19 އަހަރުގެ ޤައްސާމް ސާރިޔާ އާއި 21 އަހަރުގެ ޚާލިދު ދަރުވީޝް އެވެ.

މި ޖަރީމާ ހިންގުމަށްފަހު އިސްރާއީލު ސިފައިންވަނީ އަސްކަރީ ހެލިކޮޕްޓަރަކުންވެސް ޖެނީން ރެފިއުޖީ އަވަށުގެ ގެތަކަށް ހަމަލާތަކެއް ދީފައެވެ. ޖެނީން ރެފިއުޖީ އަވަށަކީ 1976 ވަނަ އަހަރު އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ސަރަހައްދެއްކަމަށްވާ ހުޅަނގު އައްސޭރީގެ ތަނެކެވެ. ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުން އިސްރާއީލު ސިފައިން ފޭބުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުންނާއި އދ.ގެ އާންމު ޖަމްއިއްޔާއިންވަނީ އެތައް ގަރާރުތަކެއް ފާސްކޮށްފައެވެ.

އިސްރާއީލުން ފަލަސްތީނަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ އުޅުމަށް އެހީތެރިވާ މައިގަނޑު ގައުމަކީ އެމެރިކާއެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ އާންމުންނާއި މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންނާ ދެކޮޅަށް ހިންގާ މީހުން މެރުމުގެ ޖަރީމާތަކުގައި ބޭނުންކުރާ ހަތިޔާރަކީވެސް އެމެރިކާގެ ހަތިޔާރެވެ.

އެމެރިކާ ވަނީ އިސްރާއީލުން ފަލަސްތީނު މީހުން މެރުމަށާއި ފަލަސްތީނު އިސްތިއުމާރުކުރުމަށް ހަތިޔާރު ދިނުމަކީ އިސްރާއީލުގެ ހިމާޔަތުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ހަދާފައި، އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިއުމާރުން ފަލަސްތީނުގެ މިނިވަންކުރުމަށް މަސައްކަތްކުރާ މުޖާހިދުންނަށް ހަތިޔާރު ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް ހަދާފައެވެ.

އިސްރާއީލުން މިއަހަރު ތެރޭގައި އެކަނިވެސް ފަލަސްތީނުގެ 160 މީހުން ޝަހީދުކޮށް 800 އަށްވުރެ ގިނަމީހުންވަނީ ޒަޚަމްކޮށްފައެވެ. ޝަހީދުކޮށްލި 160 މީހުންގެ ތެރޭގައި ގިނައީ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނެވެ. އިސްރާއީލުގެ ޖަރީމާތަކާ ގުޅިގެން އެގައުމާ ދެކޮޅަށް ފިޔަވަޅެއް އެޅުމުގައި ބައިނަލްއަގްވާމީ މުޖްތަމައުވަނީ ނާކާމިޔާބުވެފައެވެ.

comment ކޮމެންޓް