ތިނެއް ނޮވެމްބަރު 1988 ގައި ތަމަޅަ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން 19 ދިވެހިން ޝަހީދުކޮށްލި ޢުދުވާނީ ހަމަލާގެ އެންމެ އިސް މޭސްތިރިޔާ، ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީގެ މައްޗަށް އެ މައްސަލައިގައި އިއްވި 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިއްޖެއެވެ.
ވެރިކަން ބަދަލު ކުރުމުގެ ނިޔަތުގައި ދިން ޢުދުވާނީ ހަމަލާގެ މައްސަލައިގައި ލުތުފީގެ މައްޗަށް އިއްވީ މަރުގެ ހުކުމެވެ. އެކަމަކު، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ހުކުމް، އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ލުއި ކޮށްދިނީއެވެ. ގާނޫނުގައި ބުނާ ގޮތުން އުމުރު ދުވަހުގެ ހުކުމަކީ 25 އަހަރެވެ.
އޭނާއަށް އިއްވި 25 އަހަރުގެ ހުކުމް ތަންފީޒުކޮށް ނިމުމުން، އޭނާ މިހާރު ތަންފީޒު ކުރަމުން ގެންދަނީ، ބޭސްފަރުވާއަށް ފޮނުވުމުން ފިލައިގެން އުޅުނު މައްސަލައިގައި މީގެ ދެ އަހަރު ކުރިން އިއްވި، ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެވެ.
އެހެންވެ، އެ ހުކުމް ތަންފީޒުކޮށް ނިމުމުން، އޭނާ މިނިވަންވާނެއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2010 ވަނަ އަހަރު ވަނީ ލުތުފީ ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވާލައިފައެވެ. އެކަމަކު، އޭނާ ވަނީ އެ ތަނުން ފިލައިފައެވެ.
ލުތުފީ ހޯދައި ހައްޔަރުކޮށް އޭނާގެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަންސްގެ މައްޗަށް މާޗު 2012 ވަނަ އަހަރުގެ ކްރިމިނަލް ކޯޓުން އަމުރެއް ވެސް ނެރުނެވެ. އޭގެ ފަހުން ލުތުފީ ހޯދަން ފުލުހުން އިންޓަޕޮލް މެދުވެރިކޮށް ރެޑްނޯޓިސް ވެސް ނެރުނެވެ.
މިދިޔަ 2019 ވަނަ އަހަރާ ޖެހެންދެން އޭނާ އުޅުނީ ފިލައިގެން، ރާއްޖެއިން ބޭރުގައެވެ.

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނިކޮށް ގިނަ ދުވަސްތަކެއް ވަންދެން ސްރީލަންކާގައި ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިރޭ މާލެ ގެނައުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
ނުވަ އަހަރާއި ހަ މަހާއި ތިން ދުވަސް ވަންދެން ފިލައިގެން އުޅުނު ލުތުފީ ރާއްޖެ ގެނައީ، ލަންކާގައި ދިން އީސްޓާ ބޮމުގެ ހަލަމާތަކާ ގުޅިގެން އެ ގައުމުގެ ސިފައިން ފެށި އޮޕަރޭޝަނާ އެކު، މެއި 1، 2019 ގައި އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވުމުންނެވެ.
ރާއްޖެ އިން ބޭރުގައި ނުވަ އަހަރު އޭނާ ފިލައިގެން އުޅުނީ ސިފަ ބަދަލުކޮށްގެން އެކި ނަން ނަމުގައި ކަމަށް ވެއެވެ. އެހެންވެ، އަލުން ރާއްޖެ ގެނައުމަށް ފަހު، މާޗު 10، 2021 ގައި އޭނާގެ މައްޗަށް ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް ކުރީ އޭނާ ފިލި ކަމުގެ ދައުވާއަށް އިއުތިރާފު ވުމުންނެވެ.
ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި 19 ދިވެއްސެއް ޝަހީދުކޮށްލިއެވެ. ތަމަޅަ ޓައިގަރުންނާ އެކު ލުތުފީ ވެސް ބަޑި ހިފައިގެން މާލެ ތެރޭގައި އުޅުނެވެ. އެގޮތުން، ބައެއް ކެބިނެޓް މިނިސްޓަރުން ހޯދަން އެ ބޭފުޅުން އުޅުއްވި ގެތަކަށް ވެސް ބަޑި ހިފައިގެން ވަނެވެ.

ތިނެއް ނޮވެމްބަރު އުދުވާނީ ހަމަލާއެއްގެ މަންޒަރެއް --
ލުތުފީ އިސްވެ ހުރި ދިން ހަމަލާތައް ނާކާމިޔާބުވުމާ އެކު އޭނާ ސަރުކާރުގެ ޝިޕިން ކުންފުނި، އެމްއެސްއެލްގެ އެމްވީ ޕްރޮގްރެސް ލައިޓަށް އަރައިގެން ފިލަން މަސައްކަތްކުރިއެވެ. އެކަމަކު ފުރައިގެން ދަނިކޮށް، ރާއްޖެއަށް އެހީވި އިންޑިއާގެ މަނަވަރުން ހަމަލާދީ ބޯޓު ފައްތާލައިގެން ލުތުފީއާއި ހަނގުރާމަވެރިން އަތުލައި އޭގައި ރަހީނުކޮށްފައި ތިބި ދިވެހިން ވެސް ސަލާމަތްކުރިއެވެ.
ލުތުފީއާ އެކު އެ ހަމަލާގައި ބައިވެރިވެ، ބާޣީންނާ އެކު މާލެ އައި ސަގަރު އަހުމަދު ނާސިރަށް ވެސް އެ މައްސަލައިގައި 25 އަހަރުގެ ހުކުމެއް ކުރިއެވެ. އޭނާއަށް ކުރި ހުކުމް ތަންފީޒުކޮށް ނިމި، މިނިވަންވިތާ އެތައް އަހަރެއް ވެއްޖެއެވެ.