ފިލްމީ މައިދާނަށް ނުކުތީ ކުރިމަތިވާނެ ގޮންޖެހުންތަކަށް ތައްޔާރުވުމަށްފަހު: ތާޕްސީ

ކެރިއަރުގައި ދިހަ އަހަރު ފާހަގަކުރާ ބަތަލާ ތާޕްސީ ޕަންނާ ފިލްމީ ދާއިރާއަށް ނުކުތް އިރުވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެކަން އޮތީ ވިސްނިފައިކަމަށް ބަތަލާ ބުނެފިއެވެ.

ދާދިފަހުން މީޑިއާއަށް މަޢުލޫމާތު ދެމުން ތާޕްސީ ބުނީ ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށްލުމަކީ ފަސޭހަކަމެއް ނޫންކަމަށާއި ދިމާވާނެ ހުރިހާ ގޮންޖެނުންތަކަށްވެސް ތާޕްސީ ފުރިހަމައަށް ތައްޔާރުވިކަމަށެވެ. ތާޕްސީ ބުނެފައިވަނީ ހިންދީ ސިނަމާގައި ތަފާތު އެކި މިޒާޖުގެ މީހުންނާއެކު މަސައްކަތްކުރަންޖެހޭކަމަށާއި ބޮލީވުޑްގައި 'ބޮލީވުޑް ކޭމްޕް' ތަކެއް އޮންނަކަމީ ގިނަބަޔަކު ދަންނަ ބޮޑު ސިއްރެއްކަމަށެވެ.

ތާޕްސީއަކީ އެއްވެސް ފިލްމީ އާއިލާއަކަށް ނިސްބަތްނުވާ އަދި ފިލްމީ ދާއިރާއާއި އެއްވެސް ގުޅުމެއް ނެތް އާއިލާއަކުން މިދާއިރާއަށް ނުކުތް ބަތަލާއެކެވެ. މޮޑެލް ކުރުމުގެ ދާއިރާގައި މަސައްކަތްކުރުމަށްފަހު ތާޕްސީ ފިލްމީ ދާއިރާއަށް ނުކުތީ 2010ވަނަ އަހަރު ތެލުގޫ ފިލްމަކުންނެވެ. އެއަށްފަހު ހިންދީ ސިނަމާއަށް ބަތަލާ ނުކުތީ ޑޭވިޑް ދަވަންގެ ފިލްމަކުން 2013ވަނަ އަހަރުއެވެ.

ތާޕްސީ ބުނެފައިވަނީ ފިލްމީ ދާއިރާގައި އެމީހަކު ނިސްބަތްވާ ގްރޫޕެއް މެދުވެރިކޮށް ފިލްމުތަކުން ފުރުސަތު ހޯދުމަށް ފަސޭހަވާނެކަމަށާއި އެކަމާ ދެބަސްނުވާކަމަށެވެ. އެހެންވެ ފިލްމީ ދާއިރާގައި މަސައްކަތްކުރާއިރު އެކަން ހިތުގެ އަޑިން ޤަބޫލުކޮށް ޗެލެންޖިންގް ކަންތައްތަކާ ކުރިމަތިލާން ދަސްކުރުމަކީ މުހިއްމުކަމެއްކަމަށް ދެކޭކަމަށް ތާޕްސީވަނީ ބުނެފައެވެ. އަދި އެކަމާ ޝަކުވާކޮށް ބޮޑާ ހޭކުމަކީ އަމިއްލަ ވަގުތު ބޭކާރުވެސް އަމިއްލަ ނަފުސަށްވެސް އޭގެ ނޭދެވޭ އަސަރުކުރާނެކަމެއްކަމަށް ތާޕްސީވަނީ ސިފަކޮށްފައެވެ.

ފިލްމު "ޕިންކް"، "މުލްކު"، "ބަދްލާ"، "ހަސީން ދިލްރުބާ" އަދި "ތައްޕަޅު" ފަދަ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދި ތާޕްސީ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމު "ދުންކީ"އިންނެވެ. އެކްޓަރު ޝާހްރުކް ޚާންއާއެކު ތާޕްސީ ފެންނަ މިފިލްމުގެ އިތުރުން އިތުރު ހަތަރު ފިލްމެއްގެ މަސައްކަތް ބަތަލާވަނީ ފަށާފައެވެ. އޭގެތެރޭގައި ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމު "ޕިރު އާއީ ހަސީން ދިލްރުބާ"ވެސް ހިމެނެއެވެ.

comment ކޮމެންޓް