ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޓީމު އިންޑިއާގެ ބެންގަލޫރަށް ގޮސްފިއެވެ.
އަންނަ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 4 ގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތަށް ރާއްޖޭގެ ޓީމު ބެންގަލޫރަށް ގޮސްފައިވަނީ ރޭގެ ވަގުތެއްގައި ސްރީލަންކާގެ ކޮލަމްބޯގެ ދެ ދުވަހު މަޑުކުރުމަށްފަހުއެވެ.
ކޮލަމްބޯއަށް ދިއުމުގެ ކުރިން ގައުމީ ޓީމުން ވަނީ މިމަހުގެ ފަސްވަނަ ދުވަހު ޖަޕާނަށް ގޮސް، އެ ގައުމުގައި ވެސް ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. ޖަޕާނުގެ ފުކުޝީމާގެ "ޖޭ ވިލެޖް ޓްރައިނިން ސެންޓަރު" ގައި ގައުމީ ޓީމުން ވަނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައެވެ.
ޖަޕާނުގައި ކުރިއަށްގެންދިޔަ ތަމްރީނުގެ ތެރެއިން ގައުމީ ޓީމުން އެކުވެރިކަމުގެ މެޗެއް ކުޅުމަށް ކުރިން ތާވަލުކުރިއެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން އެ މެޗު ވަނީ ކެންސަލްކޮށްފައެވެ. އެހެންކަމުން ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ނުކުންނާނީ ވާދަވެރި މެޗެއް ނުކުޅެއެވެ.
އެކަމާ ގުޅޭގޮތުން އެފްއޭއެމުން ބުނީ އެ މެޗު ކެންސަލްކޮށްފައިވަނީ ބޯކޮށް ވާރޭ ވެހެމުންދިއުމާ ގުޅިގެން ރެފްރީ އާއި ދެ ޓީމުން އެއްބަސްވެގެން ކަމަށާއި އެ މެޗު ކެންސަލްކުރަން ޖެހުނު ނަމަވެސް, ޓީމުގެ ތަމްރީނުތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕަށް ނުކުންނަ އެހެން ޓީމުތަކުން ދަނީ ވާދަވެރި މެޗުތައް ކުޅެމުންނެވެ. ބައެއް ޓީމުތަކުން މުބާރާތްތަކުގައި ވާދަކުރަމުންދާ އިރު، އެހެން ޓީމުތަކުން ވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ.
ޖަޕާނުގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން ގައުމީ ޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ، ގޯލްކީޕަރު މުހައްމަދު ފައިސަލަށް ވަނީ އަނިޔާވެފައެވެ. ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ފައިސަލަށް މުބާރާތުގައި ބައިވެރިނުވެވޭ އިރު، އޭނާގެ ބަދަލުގައި ގައުމީ ޓީމަށް ނަގާފައިވަނީ ޔުނައިޓެޑް ވިކްްޓަރީ (ޔޫވީ)ގެ ގޯލްކީޕަރު އަލީ ނާޖިހުއެވެ. އޭނާއާއެކު ދެން ސްކޮޑުގައި ހިމެނޭ ކީޕަރުންނަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ހުސައިން ޝަރީފް އަދި ކްލަބު އީގަލްސްގެ މުހައްމަދު ޝަފީއު (ޗެކް) އެވެ.
މިހާރު މާޒިޔާއަށް ކުޅެމުންދާ ފައިސަލަކީ ގައުމީ ޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާއެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭގެ ގޯލު ބަލަހައްޓާނެ ކަމަށް ކުރިން ބެލެވިފައިވަނީ ފައިސަލެވެ. ސަތާރަ އަހަރަށްފަހު ގައުމީ ޓީމުގެ ގޯލު ބެލެހެއްޓުމަށްފަހު 2016 ވަނަ އަހަރު ކީޕަރު އިމްރާން މުހައްމަދު ރިޓަޔާކުރުމާއެކު ގިނަ މެޗުތަކުގައި ރާއްޖޭގެ ގޯލު ބަލަހައްޓާފައިވަނީ ފައިސަލެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިނުމަށް އިސް ދައުރެއް އަދާކޮށް، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ބަންގުލަދޭޝް އާއި ބޫޓާން އަދި ލުބުނާންއާއެކު "ގްރޫޕު ބީ" ގައެވެ. އެ ގްރޫޕުގެ ފުރަތަމަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ލުބުނާނާއި ބަންގުލަދޭޝް ބައްދަލުކުރާ އިރު، އެ ގްރޫޕުގެ ދެވަނަ މެޗުގައި ރާއްޖެއިން ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.
އެންމެ ވަރުގަދަ ގްރޫޕެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ "ގްރޫޕު އޭ" އެވެ. އެ ގްރޫޕުގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި އެންމެ ފަހުގެ ރަނަރަޕް ނޭޕާލްގެ އިތުރުން ޕާކިސްތާނާއި ކުވެއިތެވެ. މުބާރާތް ފެށިގެންދާނީ ވެސް އެ ގްރޫޕުގެ މެޗުތަކުންނެވެ. އަންނަ ބުދަ ދުވަހު ކުޅޭ އެ ގްރޫޕުގެ ފުރަތަމަ މެޗުގައި ކުވެއިތާއި ނޭޕާލް ބައްދަލުކުރާ އިރު، އެ ދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާއި ޕާކިސްތާނެވެ.
ރާއްޖެ އިން ވަނީ ދެ ފަހަރަކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެއީ ސްރީލަންކާ އަދި ރާއްޖޭގައި ކުޅުނު 2008 ގެ ސާފް ޗެމްޕިއަންޝިޕާއި 2018 ގައި ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. އޭގެ އިތުރުން ރާއްޖެއިން ވަނީ ތިން ފަހަރަކު ރަނަރަޕް މަގާމު ހޯދައިފައެވެ. އެއީ ނޭޕާލުގައި ބޭއްވި 1997 ގެ ސާފާއި ބަންގުލަދޭޝްގައި ބޭއްވި 2003 އަދި 2009 ގެ ސާފް ޗެމްޕިއަންޝިޕްގައެވެ.