އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖުތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ތައާރަފުކޮށްފައިވާ، ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

"އެލައިޑް ކޮމިއުނިޓީ ފަންޑް"އަކީ ހަ ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ޚިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ޚިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީޚުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

މިފުރުސަތަށް އެދި މި އަންނަ އޮގަސްޓްގެ 15 ވަނަ ދުވަހުގެ، ހަތަރެއްގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޚިޔާލު ހުށަހަޅާ ހަތަރު ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

"އެލައިޑް އެޑިޔުކޭޝަން ފަންޑް" އަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ޚިޔާލުތަކަށް ހިތްވަރުދޭ ފަންޑިން ޕްރޮގްރާމެކެވެ. މިފުރުސަތަށް އެދި މި އަންނަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ހަވީރު ހަތަރެއްގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޚިޔާލު ހުށައަޅާ އަށް ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އެލައިޑުން ފާހަގަކުރާ ގޮތުގައި ފަންޑިން ޕްރޮގްރާމްތަކަކީ ވަރަށް އުއްމީދާއެކު އެލައިޑުން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާ، މިފަހަރުގެ ވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބޭ ފަރާތްތަކަށް އެމުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންކަމުން މިޕްރޮގްރާމްތައް މެދުވެރިކޮށް ރައްޔިތުން ބާރުވެރިވެ ދުޅަހެޔޮ މުޖްތަމައުތަކެއް އުފަންވާ މަންޒަރު ފެނިގެން ދިޔުމަކީ މިޕްރޮގްރާމް ކުރިޔަށްގެންދިޔުމަށް ލިބުނު ހިތްވަރެއް ކަމުގައި އެލައިޑުން ފާހަގަކުރެއެވެ. މިޕްރޮގްރާމްތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އެކުންފުނީގެ ވެބްސައިޓުން ލިބޭނެ ކަމުގައި ފިރުޝާން ވިދާޅުވިއެވެ.

ދެހާސް އަށާރަ ވަަނަ އަހަރު ލޯންޗުކުރި "ޕްރިމިއަމް ފޯ ގުޑް"އަކީ އެލައިޑްގެ އިޖްތިމާއީ ޒިންމާއަށް ޚާއްޞަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދިޔުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. އެގޮތުން ޔޫއެންގެ ދެމެހެއްޓެނިވި ތަރައްގީއަށް ވާގިވެރިވާ މިއޮނިގަނޑުގެ ދަށުން، އެލައިޑުން ދަނީ ތިމާވެއްޓާ ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމުގައާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ކާމިޔާބު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް