ޒުވާނުން ކޮންމެހެން ވެސް ވޯޓު ލާން އީވާގެ އިލްތިމާސެއް

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ / ފޮޓޯ: މަޖިލިސް

ވޯޓު ލާނެ ރަނގަޅު ކެންޑިޑޭޓެއް ނެތް ކަމަށް ބުނެ ވޯޓުލާން ނުނިކުތުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި، ވޯޓު ލުމުގެ ހައްގު ދޫކޮށް ނުލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

މަޖިލީހުގެ މަސައްކަތަށް ޒުވާނުން އަހުލުވެރިކުރުވަން މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދާ "ޕްރެކްޓިސް ޕާލިމަންޓް ފޯ ޔޫތު 2023" ގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ވޯޓްދޭނެ މީހަކު ނެތް ކަމަށް ބުނެ އިންތިހާބުތަކުގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް ބައެއް ޒުވާނުން ބުނާ އަޑު އިވެމުންދާ ކަމަށެވެ. ނަމަވެސް ވޯޓުލުމުގެ ހައްގުގެ މުހިންމުކަން ފާހަގަކުރައްވައި އީވާ ވަނީ އެ ހައްގު ދޫކޮށް ނުލެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

އަޅުގަނޑު މިއަދު ހުއްޓި މިހުރީ ވޯޓްލާންވީ ވަކި ބަޔަކަށް ބުނާކަށް ނޫން. އަޅުގަނޑު މިއަދު ހުއްޓި މިހުރީ ވޯޓްލައްޗޭ. ވޯޓްލެވޭ މީހާ ހެޔޮ ނުވާނޭ ވޯޓްލައްޗޭ. ވޯޓްލެވޭ ކުއްޖާ ވޯޓްލައްޗޭ. އަދި ވޯޓްލެވޭ އެހެން މީހުން ކައިރީ ވެސް ވޯޓްލާން ބުނައްޗޭ. ވޯޓު ނުލީމަ އޭގެ މާނަކީ، ޑިފެކްޓްކޮށް އަނެއް މީހާއަށޭ ތިޔަ ކުދިންގެ ވޯޓު އެ ލައިދޭނީ. އަނެއް މީހާ އަތަށް އެ ދޫކޮށްލެވެނީ، ފަސް އަހަރަށް ވަރަށް ބޮޑު ބާރެއް. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ޕްރެކްޓިސް ޕާލިމަންޓް ފޯ ޔޫތު 2023 ގެ ނިންމުމުގެ ރަސްމިއްޔާތު / ފޮޓޯ: މަޖިލިސް

އީވާ ވިދާޅުވީ ވޯޓުލައިގެން އެންމެން ބޭނުންވާ ނަތީޖާ ނުނެރެވިދާނެ ކަމަށާއި، އެހެން ނަމަވެސް އެންމެ ބޭނުން ނުވާ ގޮތާ ދުރަށް ދާން ވެސް ވޯޓު ލާން ޖެހޭނެ ކަމަށެވެ.

މިހާރުގެ ޒުވާނުން ސިޔާސީ ކަންކަމަށް އެހާ ބޮޑު ސަމާލުކަމެއް ނުދޭކަމަށް ބައެއް މީހުން ބުނި ނަމަވެސް އެގޮތަށް ގަބޫލު ނުކުރައްވާ ކަމަށް އީވާ ވިދާޅުވިއެވެ. ބައެއް މީހުން އެފަދައިން ގަބޫލު ކުރަނީ އެ ބޭފުޅުންނަށް ފަރިތަ ގޮތަށް ޒުވާނުން ނޫޅޭތީ ކަމަށް އީވާ ވިދާޅުވިއެވެ. އަދި ކުރީގެ ޖީލަށް ވުރެ މި ޖީލުގެ ޒުވާނުން ސިޔާސީ ކަންކަމަށް މާ ލޯ ހުޅުވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ތަނުގައި މިހާރުގެ ޒުވާނުންނަށް ވުރެން އެެކްޓިވް، ސިޔާސީ ގޮތުން ހަރަކާތްތެރި ޒުވާނުންނެއް އަޅުގަނޑަކަށް [ކުރިން] ނުފެނޭ. އެއީ ތިޔަ ބޭފުޅުން ކަންކަމުގައި ހިޔާލުފާޅުކުރާނެ ގޮތްތައް މާގިނަ."

މީގެ އިތުރުން ކުރިއާ އަޅާބަލާއިރު ޚިޔާލުފާޅުކުރުމުގެ އެކި ޒަރީއާތައް މިހާރު އެބަ ހުރި ކަމަށާއި، ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތަކުގެ އަލީގައި ޒުވާނުން ސިޔާސީ ކަންކަމާ މެދު މަޝްވަރާކޮށް ޚިޔާލު ފާޅުކުރަމުން އަންނަ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ވެސް އީވާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް