އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް އަލުން ހުޅުވައިފި

އެމެރިކާގައި ރާއްޖޭގެ އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ސްޓޭޓް އެސްސީއޭ ޓްވިޓާ

އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ރާއްޖޭގެ އެމްބަސީއެއް އަލުން ހުޅުވައިފިއެވެ.

މި އެމްބަސީ ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

މި ރަސްމިއްޔާތުގައި އެމެރިކާގައި ހުންނަ ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ލޫ ވިދާޅުވީ މިކަމުގެ ސަބަބުން ސަރަހައްދުގެ ގައުމުތަކާ އެމެރިކާގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށެވެ. އަދި ހުޅުވި މި އެމްބަސީއާ އެކު ދެ ގައުމަށްވެސް ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެމްބަސީ ހުޅުވުމުގެ ކުރިން އެމެރިކާ އާއި ރާއްޖެއާ ދެމެދު މުއާމަލާތްތައް ކުރިއަށް ގެންގޮސްފައިވަނީ ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ. އަދި އެމެރިކާގައި ރާއްޖެ ތަމްސީލުކުރަނީ އދ. ގައި ހުންނަ ރާއްޖޭގެ މިޝަން މެދުވެރިކޮށެވެ.

މީގެ ކުރިން 2007 ވަނަ އަހަރު ރާއްޖޭގެ އެމްބަސީއެއް އެމެރިކާގައި ވަނީ ހިންގާފައެވެ. އެހެން ނަމަވެސް 2008 ވަނަ އަހަރު އެ އެމްބަސީ ވަނީ ބަންދުކޮށްފައެވެ.

ދިވެހީންނަށް ވިސާއާ ނުލައި އެމެރިކާއަށް ދެވޭ ގޮތް ހެދުމާ މެދު މިނިސްޓަރު ޝާހިދާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނިއޯ ބްލިންކެން ވަނީ އިއްޔެ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ދިވެހި ދަރިވަރުންނަށް ސްކޮލަޝިޕާއި އެކްސްޗޭންޖް ޕްރޮގްރާމްތަކުން ފުރުސަތު ދިނުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

comment ކޮމެންޓް