ކިއާރާ އަދްވާނީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްއަށް

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ބަތަލާއިންގެތެރޭ ހިމެނޭ ކިއާރާ އަދްވާނީ ޔަޝް ރާޖް ކުންފުންޏާ ގުޅިއްޖެއެވެ.

ކިއާރާ އަދްވާނީ ޔަޝް ރާޖް ކުންފުންޏާ ގުޅުނުކަމަށް އަޑު ފެތުރިފައިވާއިރު، ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ކުރިޔަށްއޮތް ފިލްމު "ވޯ2"އިންވެސް ބަތަލާ ފެންނާނެއެވެ. އަޔާން މުކަރުޖީ ޑައިރެކްޓްކުރާ މިފިލްމުގައި ކިއާރާއާއެކު، ރިތިކް ރޯޝަން އަދި ތެލުގޫ އެކްޓަރު އެންޓީއާރު ޖޫނިއަވެސް ހިމެނެއެވެ.

ޔަޝް ރާޖް ކުންފުނީގެ ދަށުން ހިންގާ ސްޕައި ޔުނިވާސްގެ އެންމެ ވަރުގަދަ އެއް ފިލްމު "ވޯ2"ގެ ކާސްޓުން ކިއާރާ ޖާގަ ހޯދާފައިވާއިރު ބަތަލާ ފެންނާނީ ކޮންކަހަލަ ރޯލަކުން ކަމެއް އަދި ހާމައެއްނުކުރެއެވެ. ސްޕައި ޔުނިވާސްގެ ފިލްމުތަކުގައި މަސައްކަތްކުރާ ބަތަލާއިންނަކީ، މިވަގުތު ބޮލީވުޑްގެ އެންމެ ޑިމާންޑިން ބަތަލާއިންކަމަށާއި އެ ބަތަލާއިންގެ ވިދުން ވަރަށް ގަދަކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފިލްމު "ވޯ2"އިން ލިބުނު މިފުރުސަތާއެކު ކިއާރާގެ ފިލްމީ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށްކަމަށްވެސް ސްޕައި ޔުނިވާސްއިންވަނީ ބުނެފައެވެ. ފިލްމު "ވޯ2" އިން ތިން ސުޕަސްޓާރުން ފެންނާނެކަން ކަށަވަރުވެފައިވާއިރު މިފިލްމުގެ މަޢުލޫމާތު ރަސްމީކޮށް ސްޕައި ޔުނިވާސްއިން އިއުލާނު ނުކުރެއެވެ. ނަމަވެސް ޑައިރެކްޓަރު އަޔާން މުކަރްޖީއަށް ފިލްމު ޑައިރެކްޓްކުރުމުގެ ޒިންމާ ހަވާލުކުރެވި މިފިލްމު ވަރަށް އަވަހަށް އިއުލާނުކުރާނެކަމަށް ސްޕައި ޔުނިވާސްއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ކިއާރާ އަދްވާނީގެ ތިން ފިލްމެއް މިދިޔަ އަހަރުވަނީ ރިލީޒްވެފައެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި މިފިލްމުތަކަކީ ބެލުންތެރިންނަށްވެސް ވަރަށް ބޮޑަށް ކަމުދިޔަ ފިލްމުތަކެކެވެ. ކިއާރާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނަން ހަމަޖެހިފައިވަނީ، މިމަހުގެ 29ގައި ރިލީޒްކުރުމަށް ތާވަލުކުރެވިފައިވާ ފިލްމު "ސަތުޔަޕްރޭމް ކީ ކަތާ"އިންނެވެ. މީގެ އިތުރުން ތެލުގޫ ފިލްމު "ގޭމް ޗޭންޖަ" ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތްވެސް ބަތަލާ އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް