ގިނަ ކުޅިވަރުތަކާ އެކު އައިޔޫއެމް ފަން ފެސްޓް ބާއްވައިފި

އިސްލާމިކް ޔުނިވަސިޓީ މޯލްޑިވްސް (އައިޔޫއެމް) ފަން ފެސްޓްގެ ތެރެއިން -- ފޮޓޯ/ އައިޔޫއެމް

ގިނަ ކުޅިވަރުތަކާ އެކު "އިސްލާމިކް ޔުނިވަސިޓީ މޯލްޑިވްސް (އައިޔޫއެމް) ފަން ފެސްޓް"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް މިއަދު ހަވީރު ބާއްވައިފިއެވެ.

ރަސްފަންނުގައި ކުރިއަށްދިޔަ މި ހަވީރު ބާއްވާފައިވަނީ މިއަދު ހަވީރު 16:00 އިން ފެށިގެން 18:00 އާ ހަމައަށެވެ.

މި ހަވީރުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ބައިވެރިވެފައެވެ.

'ސަން' އަށް މައުލޫމާތު ދެމުން އައިޔޫއެމްއިން ބުނީ މި ކުޑަކުދިންގެ ހަވީރުގައި 2500 އަށް ވުރެ ގިނަ ކުދިން ބައިވެރި ވެފައިވާ ކަމަށެވެ. އަދި, މި ހަވީރު ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މުޖްތަމައުގެ އެއްބައިވަންތަ އިތުރު ކުރުން ކަމަށް އައިޔޫއެމްއިން ވަނީ ބުނެފައެވެ.

އައިޔޫއެމް ފަން ފެސްޓް ނަމުގައި ކުރިއަށް ގެންދިޔަ މި ހަވީރަކީ މުޅިން އަލަށް ކުރިއަށް ގެންދިޔަ ހަވީރެއް ކަމަށް އައިޔޫއެމްއިން ވަނީ ބުނެފައެވެ. ހަމައެއާ އެކު އައިޔޫއެމްގެ ގިނަ ޑިޕާޓްމެންޓްތަކުން މި ހަވީރުގައި ބައިވެރިވެފައިވާ ކަމަށް އެ ޔުނިވަސިޓީން މައުލޫމާތުދެއެވެ.

މި ހަވީރުގައި ގިނަ ގޭމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އިސްލާމިކް ކިއު އެންޑް އޭ، ބެލޫން އެކްޓިވިޓީސް، ހޮޕްސްކޮޗް، ޓްވިސްޓާ، ޕަޒްލް އަދި ކުލަޖެއްސުމުގެ އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން މި ހަވީރުގެ ތެރެއިން އެމްއެންޑީއެފްގެ ވެހިކަލްތަކާއި އެކު ފޮޓޯ ނެގުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހަމައެއާ އެކު ހަވީރުގައި ބައިވެރިވި ކުޑަކުދިންނަށް ވަނީ ސަޕްރައިޒް ގިފްޓްތައް ވެސް ލިބިގެން ގޮސްފައެވެ.

comment ކޮމެންޓް