ލަންކާ ސިފައިންގެ މީހެއްގެ ކިޑްނީއިން ނެގި ހިލަ، ދުނިޔޭގެ ރެކޯޑް ފޮތަށް

ލަންކާ މީހއއްގެ ހަށިގަނޑުން ނެގި ކިޑްނީ ހިލަ

ސްރީލަންކާގެ ސިފައިންގެ މީހެއްގެ ކިޑްނީއިން ނެގި ހިލަކޮޅު، އެފަދަ އެންމެ ބޮޑު އަދި އެންމެ ބަރު ހިލަކޮޅުގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.

ބޭރުގެ ޚަބަރުތަކުގައި ރިޕޯޓުކޮށްފައި ވާގޮތުން އެ ކިޑްނީ ހިލަ ނަގާފައި ވަނީ، ކެނިސްޓަސް ކޫންޖް ކިޔާ 62 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑުންނެވެ. އެ އޮޕަރޭޝަން ކުރީ ކޮލޮމްބޯ އާމީ ހޮސްޕިޓަލުގައި މިމަހުގެ އެއްވަނަ ދުވަހުއެވެ.

އެ ހޮސްޕިޓަލުން ވަނީ އޮޕަރޭޝަނަށް ފަހު އެ ހިލައިގެ ފޮޓޯ އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި މި ހިލައިގެ ދިގުމިނުގައި 5.2 އިންޗި ހުރިއިރު ބަރުދަނުގައި 801 ގްރާމް ހުއްޓެވެ.

ލަންކާ މީހެއްގެ ހަށިގަނޑުން ނެގި ކިޑްނީ ހިލަ

މީގެ ކުރިން ދުނިޔޭގެ ރެކޯޑު ފޮތުގައި، ކިޑްނީގައި އުފެދުނު އެންމެ ބޮޑު ހިލައިގެ ގޮތުގައި ރިކޯޑުކޮށްފައި ވަނީ 2004ވަނަ އަހަރު އިންޑިއާ މީހެއްގެ ހަށިގަނޑުން ނެގި ހިލައެކެވެ. އެ ހިލައިގެ ދިގުމިނުގައި 5.1 އިންޗި ހުއްޓެވެ.

އެންމެ ބަރު ކިޑްނީ ހިލައިގެ ގޮތުގައި ރިކޯޑުކޮށްފައި ވަނީ 2008 ވަނަ އަހަރު ޕާކިސްތާނު މީހެއްގެ ގައިން ނެގި ހިލައެކެވެ. އެ ހިލައިގެ ބަރުދަނުގައި ހުރީ 620 ގްރާމެވެ.

ކިޑްނީ ހިލައަކީ ކުޑަކަމުދާ ނިޒާމުގެ ތެރޭގައި ބައެއް މާއްދާތައް ހުންނަން ޖެހޭ ވަރަށް ވުރެ ގިނަވުމުން އުފެދޭ އެއްޗެކެވެ. މި ހިލަ ކުޑަ ނަމަ ބޭސް ބޭނުންކޮށްގެން ނައްތާލެވޭއިރު، ބޮޑެތި ހިލަ ނަގަން އޮޕަރޭޝަން ކުރަންޖެހެއެވެ.

comment ކޮމެންޓް