ދީނީ އިލްމުވެރިންނަށް ފުރައްސާރަ ކުރުމަކީ ނުރައްކާތެރި ސިގުނަލެއް: މިނިސްޓަރު ޒާހިރު

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ / ސަން ފޮޓޯ

ދީނީ އިލްމުވެރިންނަށް ފުރައްސާ ކުރުމަކީ ނުރައްކާތެރި ސިގުނަލެއް ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން މަގުމަތީގައި އިހުތިޖާޖު ކުރި ވަގުތު މަޝްހޫރު ތަފްސީރު އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް އާ މަގުމަތިން ދިމާވި ވަގުތު އިޔާޒް ފަހަތުން އައިސް އޭނާއަށް ފުރައްސާރަ ކުރުމާ ގުޅިގެންނެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ފަދަ އިސްލާމީ އުމެއްގައި ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ހިތާމަވެރި ކަމެއްކަމަށާއި، އެއީ ނުރައްކާތެރި ސިގުނަލެއް ކަމަށެވެ. އަދި އިއްޔެ ޑރ. އިޔާޒަށް ފުރައްސާރަކޮށް މަގުމަތީގައި ހިންގި އަމަލު ކުށްވެރިކުރައްވައި، މިނިސްޓަރު ޒާހިރު ވަނީ އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ގޮވާލާފައެވެ.

އިޔާޒަށް މަގުމަތިން ދިމާކޮށް ފުރައްސާރަ ކުރި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ އޭނާ ސައިކަލު ދުއްވާފައި ދަނިކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓުން އޭނާއަށް ހުރަސްއަޅައި ހަޑިހުތުރު ބަހުން ގޮވައި ފުރައްސާރަ ކުރާ މަންޒަރެވެ.

އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު އެކްޓިވިސްޓުން އިހުތިޖާޖު ކޮށްފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ އިމާރާތް ހުންނަ ޗަނބޭލީ ވިލާ ދޮރުމަތީގައެވެ.

އެ ވަގުތަކީ އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން އެޗްއާރްސީއެމް މެންބަރުންނާ ބައްދަލުކުރުމަށް އެ ކޮމިޝަނަށް ހާޒިރުވެ ތިއްބެވި ވަގުތެވެ. މިކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ މުޒާހަރާގެ ބައިވެރިންނަށް އަމާޒުވެފައެވެ.

comment ކޮމެންޓް