ކަނޑުމަތީ ހޭނެތި އޮޔާ ދިޔަ މީހަކު ސަލާމަތްކޮށްފި

ރަސްފަންނު ބޭރު ތޮށި ކައިރިން އޮޔާދިޔަ މީހާ ސަލާމަތްކުރުން --

މާލޭ ރަސްފަންނާ ދިމާ ބޭރު ތޮށި ކައިރިން ކަނޑުމަތީގައި އޮޔާދިޔަ މީހަކު ފުލުހުން ސަލަމާތްކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ މީހަކު ތޮށިކައިރިން އޮޔާދާ މަންޒަރެވެ. އޭނާގެ ހަރަކާތެއް އެ ވީޑިއޯގައި ނުފެންނައިރު އޭނާ ސަލާމަތްކުރުމަށް ފުލުހަކާއި އިތުރު ބަޔަކު މަސައްކަތްކުރާތަން ފެނެއެވެ.

މި ކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޭނެތިފައި އޮތް އެ މީހާ ފެނިފައިވަނީ މިއަދު ހަވީރު 16:44 ހާއިރުކަމަށެވެ. ފުލުހުން ބުނީ އޮޔާ ދަނިކޮށް ސަލާމަތްކުރީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުންގެ އެހީތެރިކަމާ އެކު އެ ވަގުތު އޭނާ ސަލާމަތްކުރުމަށް ފަހު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ވެސް ބުންޏެވެ. އަދި މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.

comment ކޮމެންޓް