އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ތާރީހު ލިޔެލާފައިވާ ކަމަށްބުނެ, އެ ކުޅުންތެރިންނަށް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ތައުރީފުކޮށްފިއެވެ.
މެސީ އާއި ރޮނާލްޑޯގެ ވާދަވެރިކަން ގިނަ އަހަރުތަކަކަށް ދެމިގެންދިޔަ އިރު، މިހާރު އެންމެ ބޮޑަށް ވާހަކަދެކެވެނީ އެ ދެ ކުޅުންތެރިންގެ ބަދަލުގައި ވާދަވެރިކަން ފެނިގެންދާނެ ކަމަށް ބެލެވޭ އެމްބާޕޭ އާއި މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑްގެ ވާހަކައެވެ.
އެމްބާޕޭ އާއި ހާލަންޑްގެ ވާދަވެރިކަމުގެ ތެރެއިން މެސީ އާއި ރޮނާލްޑޯ ހޯދި އަދަދަށް 12 ބެލޮންޑިއޯ ހޯދިދާނެތޯ 'ލަ ގެޒެޓާ ޑެލޯ ސްޕޯޓް' އިން ސުވާލުކުރުމުން އެމްބާޕޭ ބުނީ މެސީ އާއި ރޮނާލްޑޯ ފަދަ ވާދަވެރިކަމެއް އައުމަކީ ކޮންމެ 50 އަހަރަކުން ވެދާނެ ފަދަ ކަމެއް ކަމަށާއި ފެނިގެން އެ ދިޔައީ ވަރަށް ފުރިހަމަ އަހަރުތަކެއް ކަމަށެވެ.
"މެސީ އާއި ރޮނާލްޑޯއާ ދެކޮޅަށް ކުޅެ، މެސީއާއެކު ކުޅުމުގެ ފުރުސަތު ވެސް ލިބުމަކީ އަހަރެންނަށް ނަސީބެއް. އެއީ ހަގީގަތުގައި ވެސް ހާއްސަ ދެ ކުޅުންތެރިން. އަހަރެންނަށް އެ ދެ ކުޅުންތެރިންގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްވި. ހާއްސަކޮށް މެސީއާއެކު ކުޅެން ލިބުނު ދެ ސީޒަނުގައި. އެ ދެ ކުޅުންތެރިން ވަނީ ތާރީހު ލިޔެލާފައި،" އެމްބާޕޭ ބުންޏެވެ.
އުމުރުން 24 އަހަރުގެ އެމްބާޕޭ ވަނީ ފްރާންސާއެކު ދެ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅެ، އޭގެ ތެރެއިން އެއް މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި އުމުރުން 22 އަހަރުގެ ހާލަންޑަކީ ނިމިގެންދިޔަ ސީޒަނުގައި އެންމެ ބޮޑަށް ވިދާލި ކުޅުންތެރިޔާއެވެ. އޭނާ ވަނީ މެންޗެސްޓާ ސިޓީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އެ ކްލަބާއެކު އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ.