ސިއްރު ލިޔެކިޔުންތަކާ ގުޅުންހުރި ދައުވާތަކަށް ޓްރަމްޕް އިންކާރުކުރައްވައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ/ އޭޕީ

ދައުލަތުގެ ސިއްރު ލިޔެކިޔުންތަކެއް ގަވާއިދާ ޚިލާފަށް ގެންގުޅުއްވައި، އެ ލިޔެކިޔުންތައް ހޯދަން ސަރުކާރުން ކުރި މަސައްކަތްތަކަށް ހުރަސްއެޅުއްވުމުގެ ތުހުމަތުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އޭނާ އިންކާރުކުރައްވައިފިއެވެ.

ޓްރަމްޕްގެ މައްޗަށް އެ ދައުވާތައް ކުރީ، ފްލޮރިޑާގައި ހުންނަ އެ މަނިކުފާނުގެ ގެކޮޅު ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އިން ބަލައި ފާސްކުރިއިރު 100އަށް ވުރެ ގިނަ ސިއްރު ލިޔެކިޔުން ފެނުމުންނެވެ.

އެއީ އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް ފެޑެރަލް ޖިނާއީ ދައުވާތަކެއް ކުރި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ މަޔާމީގެ ފެޑެރަލް ކޯޓެއްގައި އިއްޔެ ބޭއްވި އަޑުއެހުމެއްގައި ޓްރަމްޕްގެ ވަކީލުން ވަނީ އެމަނިކުފާނު ދައުވާތަކަށް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ އަޑުއެހުމުގައި ޓްރަމްޕް އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

އެ މައްސަލައިގެ ޝަރީއަތް އަދި ފަށާފައިނުވާއިރު އިއްޔެ އެމަނިކުފާނުގެ ޕާސްޕޯޓް ހިފެހެއްޓުން ފަދަ އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ.

އެމެރިކާގައި 2017އިން 2021އަށް ރައީސްކަން ކުރެއްވި ޓްރަމްޕްގެ ގެކޮޅުން ފެނުނު ލިޔެކިޔުންތަކުގައި އެގައުމާއި ބޭރު ގައުމުތަކުގެ ނިއުކްލިއާ އަދި ދިފާއީ މައުލޫމާތު ހިމެނެއެވެ.

އެމެރިކާގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަމުން ގެންދަވާ ޓްރަމްޕް ވަނީ، ކެމްޕޭން ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

މީގެ ކުރިން ވެސް ޓްރަމްޕްގެ މައްޗަށް ވަނީ ޖިނާއީ ދައުވާތަކެއް ކޮށްފައެވެ. އެއީ ބަރަހަނާ ފިލްމުކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކު ހިންގި ބަދުއަޚުލާގީ ގުޅުންތަކުގެ ހަގީގަތް ފޮރުވުމަށްޓަކައި ސްޓޯމީއަށް ފައިސާ ދެއްވި މައްސަލައިގައެވެ.

comment ކޮމެންޓް