މެލޭޝިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދޭ މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (އެމްޓީސީޕީ) ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ދިވެހީންނަށް ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ސްކޮލަޝިޕްގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ، މާސްޓާސް ޑިގްރީ ޕްރޮގްރާމްތަކެއް ކަމަށެވެ.
މި ސްކޮލާޝިޕަކީ މެލޭޝިއާ ސަރުކާރުން ސްޕޮންސާކުރާ ސްކޮލަޝިޕަކަށް ވުމުން ޓިއުޝަން ފީ އާއި އެހެނިހެން ފީތައް އެ ގައުމުގެ ސަރުކާރުން ބަލަހައްޓާނެއެވެ.
މި އަހަރު އެމްޓީސީޕީ ސްކޮލާޝިޕްގައި ގިނަ އަދަދެއްގެ ކޯސްތައް ހިމަނާފައި ވެއެވެ. އެގޮތުން އިކޮނޮމީ އެންޑް ފިނޭންސް، އެޑިއުކޭޝަން، އެންވަޔަރަމަންޓް، ޓެކްނޮލޮޖީ އަދި ޓުއަރިޒަމް ފަދަ ދާއިރާތައް ފާހަގަކޮށްލެވެއެވެ.
އެމްޓީސީޕީ ސްކޮލާޝިޕްގެ ދަށުން ކުރިއަށް ގެންދާ ކޯސްތަކުގެ މުއްދަތަކީ 24 މަހާއި 36 މަހެވެ. އުމުރުން 45 އަހަރު ނުވާ ކޮންމެ މީހަކަށް ވެސް ޝަރުތު ހަމަވާނަމަ ކޯސްތަކުގައި ބައިވެރިވެވޭނެއެވެ.
އެހެންކަމުން މި ކޯސްތަކުގައި ބައިވެރި ވުމަށް ޝައުގުވެރިވާ މީހުން، މި މަހުގެ 30ވަނަ ދުވަހުގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެއެވެ. އަދި އެންޑޯޒް ފޯމް އެންޑޯޒް ކުރުމަށްޓަކާ މި މަހުގެ 22ގެ ކުރިން ފޮރިން މިނިސްޓްރީގެ އީމެއިލްއަށް އެންޑޯޒްމަންޓް ފޯމް އީމެއިލް ކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، މިނިސްޓްރީން ބުނެފައި ވަނީ، ކޯސްތަކަށް ހޮވޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން އެ ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯ ޔަގީންކުރަން ވާނެކަމަށެވެ.