ޖަޕާނުން އެޕްސްޓޯރާއި، ގޫގުލް ސްޓޯރަށް ވާދަވެރިން ހޯދަނީ

ޖަޕާނުން މަސައްކަތް ކުރަނީ ޓެކް ދާއިރާގައި ވާދަވެރިކަން އިތުރުކޮށް، ކަސްޓަމަރުންނަށް ފައިދާހުރި ގޮތްތަކެއް ހޯދައިދޭން -- ފޮޓޯ/ ބްލޫމްބާގް

އެޕަލް އާއި ގޫގުލްއަށް ޚާއްޞާ ފޯނު އެޕްތައް ހަމައެކަނި ލިބެން ހުންނަ ދެ ތަނަކީ އެޕްސްޓޯރާއި ގޫގުލް ސްޓޯރު ނޫންކަން ކަށަވަރު ކުރުމަށް ޓަކައި، އެ ދެ އެޕާ ވާދަކުރާނެ ފަރާތްތައް ހޯދުމުގެ މަސައްކަތްކުރަން ޖަޕާނުން ނިންމައިފިއެވެ.

ސްމާޓްފޯން އެޕް މާކެޓުގައި ވާދަވެރިކަމާއި އިންސާފުވެރިކަން އިތުރު ކުރުމުގެ ގޮތުން ޖަޕާނު ސަރުކާރުގެ ޕެނަލަކުން އާންމުކުރި ރިޕޯޓެއްގައި ވަނީ އެޕަލް އާއި ގޫގުލްއަށް ޚާއްޞަ އިސްކަމެއް ދީފައެވެ.

ޖަޕާނުގެ މޯބައިލް އޮޕަރޭޓިން ސިސްޓަމް މާކެޓްގެ ބޮޑު ބައެއް މިވަގުތު އެޕަލްގެ އައިއޯއެސްއާއި ގޫގުލްގެ އެންޑްރޮއިޑްއިން ހިއްސާ ކުރާއިރު، އެ މާކެޓްގައި އެހެނިހެން ކުދި ކުންފުނިތަކަށް ޖާގަ ކުޑައެވެ.

އެޕަލްއިން އައިފޯން ބޭނުންކުރާ ފަރާތްތަކަށް ހަމައެކަނި އަމިއްލަ އެޕް ސްޓޯރ މެދުވެރިކޮށް އެޕް ޑައުންލޯޑް ކުރުމުގެ ހުއްދަ ދޭއިރު، އެޕަލް އާއި ގޫގުލް އިން ވެސް ސޮފްޓްވެއާ ޑިވެލޮޕަރުންނަށް އެމީހުންގެ ޕޭމަންޓް ސިސްޓަމް ބޭނުން ކުރަން ލާޒިމްކޮށް، 30 ޕަސެންޓާ ހަމައަށް ކޮމިޝަން ފީ ނަގައެވެ.

ޖަޕާން ސަރުކާރުގެ ޕެނަލްގެ ރިޕޯޓުގައި ލަފާދީފައިވަނީ، ސްމާޓްފޯން އޮޕަރޭޓިން ސިސްޓަމް ސަޕްލައި ކުރާ ބޮޑެތި ކުންފުނިތަކުން އަމިއްލަ އެޕް ސްޓޯރުތަކުން ބޭރުން އެ ކުންފުނީގެ އެޕް ލިބޭނެ ރައްކާތެރި ގޮތްތައް ހުށަހެޅުމަށެވެ.

ޖަޕާނު ސަރުކާރުގެ އަމާޒަކީ އެޕްތައް ޑައުންލޯޑް ކުރަން ބޭނުންވާ މީހުންނަށް ޚިޔާރު ކުރެވޭނެ ތަފާތު ގޮތްތައް ފަހިކޮށްދީ، ވާދަވެރި މާހައުލެއް އުފެއްދުމެވެ.

އެ ރިޕޯޓުގައި ވަނީ، ޓެކް ދާއިރާގެ ބޮޑެތި ކުންފުނިތަކުގެ މޮނޮޕޮލިސްޓިކް އުސޫލުތަކާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ގޮތްތައް ފާހަގަކޮށްފައެވެ.

އެޕް އުފައްދާ ފަރާތްތަކަށް، އެޕް ސްޓޯރާއި ގޫގުލް ސްޓޯރު ބޭނުންކުރަން މަޖުބޫރުކޮށްގެން އެޕަލް އާއި ގޫގުލް އިން ދަނީ އެޕް މޮނެޓައިޒޭޝަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަމުންނެވެ. އޭގެ ސަބަބުން އާ، އީޖާދީ ޕޭމަންޓް ސޮލިއުޝަންތައް ކުރިއެރުވުމަށް ހުރަސް އެޅިފައިވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އެ ރިޕޯޓަށް ސޮފްޓްވެއާ ޑިވެލޮޕަރުންނާއި ކޮންސިއުމާ އެޑްވޮކޭޝަން ގްރޫޕްތައް ހިމެނޭ ގޮތަށް އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންގެ ފަރާތުން ފުޅާދާއިރާއެއްގައި ތާއީދު ލިބިފައިވެއެވެ.

އެ ޕެނަލްގެ ލަފާތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މި ބަދަލުތައް ތަންފީޒު ކުރުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަދި ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް ޖަޕާނުގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު އެކަން ބިލެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމެވެ.

ޖަޕާނުން ފާސްކުރަން މަސައްކަތްކުރާ ގާނޫނުގެ ސަބަބުން އެހެން ގައުމުތަކުގައި ހަރަކާތްތެރިވާ ބޮޑު ޓެކް ކުންފުނިތަކަށް ވެސް ދުރުރާސްތާގައި އަސަރުތަކެއް ކޮށްފާނެ ކަމަށް މިދާއިރާގެ ބޭބޭފުޅުން ދެކިލައްވައެވެ. މި ފިޔަވަޅާއެކު އެހެން ގައުމުތަކުގައި ވެސް ވާދަވެރިކަން ކުރިއެރުވުމަށް މިފަދަ ފިޔަވަޅުތަކެއް އަޅަން ވިސްނައި، ދުނިޔޭގެ ބޮޑެތި އެޕް ސްޓޯރު އޮޕަރޭޓަރުންގެ ޚުދުމުހުތާރު ގޮތްތައް ބަދަލުކުރަން މަޖުބޫރު ވާނެއެވެ.

comment ކޮމެންޓް