ރާއްޖޭގެ މަސްވެރިކަމުގެ އާއްމު ޤަވާއިދުގައި ވެލާ ކަހަނބު ހިފުމާއި އެތަކެތީގެ ބިސް ނެގުން މަނާކޮށްފައި އޮތް އޮތުން ފިޝަރީޒް މިނިސްޓްރީން ނިމުމަކަށް ގެނެސްފިއެވެ.
މިހާތަނަށް އަމަލުކުރަމުން އައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދު ގައިވާގޮތުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތަކުގެ ތެރޭގައި މަޑި، ވެލަޔާއި ކަނހަބާއި އޭގެ ބިސް ހިމެނެއެވެ.
ނަމަވެސް މަސްވެރިކަމުގެ އާންމު ޤަވާއިދަށް އަލަށް ގެނައި އިސްލާހާއެކު، ވެލާ ކަހަނބު ހިފުމާއި ވެލާ ބިސް ނެގުން މަނާކޮށްފައި އޮންނަ މާއްދާ މިހާރުވަނީ އުނިކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ބުނީ، އެގޮތަށް ނިންމާފައިވަނީ، މަސްވެރިކަމުގެ އާންމު ޤަވާއިދުގައި ބަޔާންކުރާ އެތަކެއްޗަކީ ރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން، ތިމާވެއްޓާ ބެހޭ ވުޒާރާއިން އެކުލަވައިލައިފައިވާ "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ޙިމާޔަތްކޮށްފައިވާ ބާވަތްތަކެއް ކަމަށް ވާތީ، އެއް ވުޒާރާއަކުން އެކަންކަން ތަންފީޛުކުރުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމުގައި ވާތީ ކަމަށެވެ.
މަސްވެރިކަމާއި ބެހޭ އާންމު ޤަވާއިދުގެ ދަށުން ވެލާ ކަހަނބު ހިފުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް އައި ނަމަވެސް، ތިމާވެއްޓާ ބެހޭ ވުޒާރާގެ "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ވެލާ ކަހަނބު ހިފުމާއި އޭގެ ބިސް ނެގުން ކުރިއެކޭ އެއްގޮތަށް އަދިވެސް މަނާވާނެއެވެ.
އެހެންކަމުން ވެލާ ކަހަނބު ހިފުމާއި އޭގެ ބިސް ނަގައިފިނަމަ، އެކަމާއި ގުޅިގެން ދިނުމަށް އޮންނަ އަދަބުތައް މީގެ ފަހުން ދޭނީ ތިމާވެއްޓާބެހޭ ވުޒާރާއިންނެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ، މަސްވެރިކަމުގެ އާންމު ޤަވާއިދަށް އިތުރު އިސްލާހުތައްވެސް ގެނެސްފައެވެ.
މީގެ ތެރޭގައި މުުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން ކުރުމަށް ޤާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތީގެ ވިއުގައިގައި ހިމެނޭ ކަނދުފަތިތަކުގެ ކައިރީގައި މަސްވެރިކަން ކުރެވޭނެ އައު އުސޫލުތައް ހިމެނެއެވެ.
ހަމައެހެންމެ މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުގެ ސަރަޙައްދުގައި ވަކިވަކި ފަރުދުން އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގެ ހަރަކާތްތަކުގައްޔާއި ރައްޔިތުންގެ ބައިވެރިވުން ހިމެނޭގޮތަށް ރަށުފެންވަރުގައި ސަޤާފީގޮތުން ކުރާ މަސްވެރިކަމުގައި ދައު ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި، ކައުންސިލްތަކުގެ ދައުރު ބަޔާންކުރާ މާއްދާއެއް ވެސް މި އިޞްލާޙުގައި ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.