ނ. ވެލިދޫ ޑީއާރްޕީ ގޮފީގެ ރައީސް އެ ރަށު، ވެލާނާގޭ މުހައްމަދު އައްބާސްގެ މައްޗަށް ރިޝްވަތު ދިން ކަމުގެ ކުށް ސާބިތުނުވާ ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް ހުކުމްކުރީ މުހައްމަދު އައްބާސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ، ހަތަރު އަހަރާއި ހަ މަހަށް އަރުވާލަން މިދިޔަ އަހަރު ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް އޭނާ އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށް ފަހު އިއްޔެ އެވެ.
ހައި ކޯޓުގެ ހުކުމްގައި ބުނަނީ، މުހައްމަދު އައްބާސްގެ ކޮއްކޮ އެ ރަށު، ވެލާނާގޭ އަބްދުއްލަތީފް އައްބާސްގެ އުފަން ތާރީޚު ބަދަލުކޮށްދިނުމަށް ވެލިދޫ ކުޑަ ކަތީބު އިބްރާހީމް ޒަކީ ކައިރީ މުހައްމަދު އައްބާސް އެދުމުން އެކަން ކޮށްދެވޭނީ 10،000ރ. ދިނުމުން ކަމަށް މުހައްމަދު އައްބާސް ބުނެފައިވާ ކަމަށް ދޭހަވާ ގޮތަށް މުހައްމަދު ސައީދު ކިޔާ މީހަކު ހެކިބަސް ދީފައި ނުވާ ކަމަށެވެ.
މުހައްމަދު އައްބާސްގެ މައްޗަށް ވެލިދޫ ކޯޓުން ހުކުމް ކުރީ، އައްބާހުގެ ކޮއްކޮގެ އުފަން ތާރީހު ބަދަލު ކުރުމަށް ކުޑަ ކަތީބަށް ރިޝްވަތުގެ ގޮތުގައި 10،000ރ، ދިނުމުން އޭނާގެ އުފަން ތާރީހު ބަދަލު ކުރި ކަމަށް ދެ ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށް ބުނެ އެވެ. ނަމަވެސް ހައި ކޯޓުގެ ހުކުމުގައި ބުނަނީ އޭނާގެ މައްޗަށް އެ ކުށް ސާބިތު ނުވާ ކަމަށެވެ.