މާވެލްގެ އިތުރު ތަރިއަކާ ދެކޮޅަށް ޖިންސީ ގޯނާގެ ތުހުމަތު

މާވެލްގެ ސުޕަހީރޯ ފިލްމުތަކުގެ މުހިއްމު ރޯލުތަކުން ފެންނަ އެކްޓަރުންގެ ތެރެއިން އިތުރު ތަރިއަކާ ދެކޮޅަށް ޖިންސީ ގޯނާގެ ތުހުމަތު ކޮށްފިއެވެ.

މާވެލްއަށް އަލަށް ތައާރަފު ކޮށްފައިވާ ވިލަން ކަމަށްވާ "ކޭންގް ދަ ކޮންކަރާ"ގެ ރޯލުން ފެންނަ އެކްޓަރު ޖޮނަތަން މޭޖާސްއާ ދެކޮޅަށް ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ތުހުމަތު ތަކެއް އުފުލާފައިވަނީ ދާދި ފަހުންނެވެ. މައްސަލަ ވަކި ކޮޅެއްގައި ނުޖެހި އުޅެނިކޮށް މި ފަހަރު އެހެން އެކްޓަރެއްގެ ވާހަކައެއް ވަނީ ފެންމަތިވެފައެވެ.

މި ފަހަރު މައްސަލަ ފެންމަތި ވެފައިވަނީ މިދިޔަ އަހަރު ނެރުނު މާވެލްގެ ހިޓް "ބްލެކް ޕެންތާ"ގެ އެންޓެގޮނިސްޓްގެ ލީޑުން ފެންނަ "ނަމޯ"ގެ ރޯލު ކުޅޭ އެކްޓަރު ޓެނޮކް ހުއެރުތާގެ މައްސަލައެކެވެ.

މެކްސިކޯ އެކްޓަރު ޓެނޮކް އާ ދެކޮޅަށް ޖިންސީ ގޯނާގެ ތުހުމަތު އުފުލާފައިވަނީ މިއުޒިޝަން އަދި އެކްޓިވިސްޓެއް ކަމަށްވާ އެލީނާ ރިއޯސް އެވެ.

މެކްސިކޯގައި ދިރިއުޅެމުން އަންނަ އެލީނާ ބުނާ ގޮތުގައި ޓެނޮކްއާ ދެކޮޅަށް މިފަދަ ތުހުމަތެއް ކުރުމަކީ ވަރަށް ބިރުވެރި ކަމެކެވެ. ޓެނޮކް ފަދަ ގިނަ ބައެއް ލޯބި ހޯދާފައިވާ އެކްޓަރަކާ ދެކޮޅަށް ވާހަކަ ދައްކާނަމަ އެލީނާގެ ވާހަކަ ދޮގު ކުރަން ގިނަ ސަޕޯޓަރުން އުޅޭނެކަން އޭނާ ގަބޫލު ކުރިއެވެ.

ނަމަވެސް އެންމެ ފަހުން މައްސަލަ ހުށަހަޅަން ބޭނުންވީ އެފަދަ އަމަލެއް ކުރިއަށް އޮތް ތަނުގައި ވެސް ކޮށް އެހެން މީހަކަށް ގެއްލުން ލިބިދާނެ ކަމަށް ގަބޫލު ކުރެވިގެން ކަމަށް އޭނާ ފާހަގަކުރިއެވެ.

މިހާރު ޓެނޮކް ވަނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަހެއް ވެސް ހާމަކޮށްފައެވެ. އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި، އޭނާއާ ދެކޮޅަށް ދެކެވެނީ އެއްވެސް ހަގީގަތެއް ވާހަކައެއް ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

މި މައްސަލަ ފުލުހުން ބަލަމުންދާ ކަމެއް ނުވަތަ ނުދާ ކަމެއް އަދި ހާމަވެފައެއް ނުވެއެވެ.

comment ކޮމެންޓް