މޯލްޑިވްސް މިއުޒިކް ފެސްޓުގެ މިއުޒިކް ފޯރަމް މިއަދު ހޮޓަލް ޖެންގައި ފަށަނީ

ބްލިންޒް މީޑިއާއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މިއުޒިކް ފެސްޓުގެ މިއުޒިކް ފޯރަމް މިއަދު ހޮޓަލް ޖެންގައި ފަށާނެއެވެ.

ހޮޓެލް ޖެންގެ ބޯލްރޫމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މިއުޒިކް ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 16:00 ގައެވެ. ފޯރަމް ނިންމާލުމަށް ހަމަޖެހިފައިވަނީ، 18:00 ގައެވެ.

މި މިއުޒިކް ފޯރަމުގެ ތެރެއިން ރައްޖޭގ މިއުޒިކްގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރުންނާވެސް އެއްތަނަކުން ބައްދަލުވެގެންދާނޭކަމަށް މޯލްޑިވްސް މިއުޒިކް ފެސްޓުން ބުނެއެވެ.

މިފަދަ ފޯރަމެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ، މިއުޒީޝަނުން އެއް ތަނަކުން ބައްދަލުވެ،ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ މިހާރުގެ ޙާލަތާއި މުސްތަޤްބަލާގުޅޭގޮތުން ވާހަކަދައްކައި، މި ދާއިރާ އިތުރަށް ކުރިއެރުވޭނެ ގޮތް ހޯދުމެވެ.

މި ފޯރަމް މޮޑަރޭޓް ކުރުމަށް ހަމަޖެހިފައިވަނީ މި ދައިރާގެ ތަޖުރިބާކާރު މިއުޒީޝަނުންނެވެ. މި މޮޑަރޭޓަރުންގެ ސަބަބުން ބައިވެރިވާ ފަރާތްތަކުގެ ޝައުގުވެރިކަން އިތުރުވެ، ފަންނާނުންނާއިއެކު ބިނާކުރުވަނިވި މަޝްވަރާތަކެއް ކުރެވިގެންދާނޭކަމަށް ފޯރަމް އިންތިޒާމްކުރާ ފަރާތުން ދެކެއެވެ.

މި ފޯރަމްގައި މިއުޒީޝަނުންނާއި ޕްރޮޑިއުސަރުންނާއި ރެކޯޑް ލޭބަލްތަކާއި ސައުންޑް އެންޑް ލައިޓް އިންޖިނިއަރުންގެ އިތުރުން މި ދާއިރާގައި ޙިއްޞާވާ ފަންނާނުންގެ އިތުރުން ވިޔަފާރިވެރިން ވެސް ބައިވެރިވާނެ އެވެ. ފޯރަމުގައި މި ފަރާތްތަކުގެ ތަޖުރިބާގެ ވާހަކަތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފޯރަމްގެ ޕެނަލިސްޓުން:

  • ފަސީ – ފަސީ ލައިވް ބޭންޑުގެ ލީޑަރު (މޮޑަރޭޓަރު)
  • މުހައްމަދު އިކްރާމް: މިއުޒިކް ޕްރޮޑިއުސަރ (ޕެނަލިސްޓް)
  • މޫސާ އަތްފަލް: މިއުޒީޝަންސް ޔޫނިއަން މޯލްޑިވްސްގެ ނައިބްރައީސް
  • ފެޒޫ: ޑީޓިއުން ބޭންޑުގެ ފައުންޑަރ (ޕެނަލިސްޓް)
  • މުހައްމަދު ނިޔާޒް (ޓެޑްރީ) : މަޝްހޫރު ކާމިޔާބު ފިލްމް ޑައިރެކްޓަރެއް
  • ޒައިން ޝަހީދު: ފަންނުދަރިންގެ ލޯޔަރު

މޯލްޑިވްސް މިއުޒިކް ފެސްޓުގެ މީޑިޔާ ޕާޓްނަރަކީ އެސްއެސްނެޓެވެ. އެހެން ކަމުން މި މިއުޒިކް ފޯރަމް އެސްއެސް ނެޓްގެ ޗެނަލް ނަންބަރު އެކެއް، އެސްއެސް ޓީވީން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެ ފެސްޓުގައި ބައިވެރިވާން ބޭނުންނަމަ، މޯލްޑިވްސް މިއުޒިކް ފޯރަމް 2023 ގެ ވެބްސައިޓަށް ޒިޔާރަތް ކޮށްލައިގެން ރަޖިސްޓްރީ ވެވޭނެއެވެ.

comment ކޮމެންޓް