އަމީނީ މަގު ތާރު އެޅި ސަރަހައްދުގައި ޕާކުކުރާ މައްސަލަ ބޮޑުވެއްޖެ

އަމީނީ މަގުގެ ލޭނެއްގައި ކާރު ޕާކުކޮށްފައި -- ސަން ފޮޓޯ

މާލޭ އަމީނީ މަގުގެ ތާރު އެޅި ސަރަހައްދުގެ ލޭން އެއްފަރާތުގައި ވެހިކަލް ޕާކުކުރާ މައްސަލަ ބޮޑުވެ މަގުގައި ދުއްވާ މީހުންނަށް އެ ކަމުގެ އުނދަގުލާ ކުރިމަތިލާން ޖެހިއްޖެއެވެ.

އެންމެ ފުރަތަމަ އަމީނީ މަގުގެ ފުރަތަމަ ތިން ސެގްމަންޓުގައި ތާރު އެޅުމަށްފަހު ހުޅުވައިލުމާއެކު ވެސް މަގުގެ އެއްފަރާތުގައި ކާރާއި ޕިކަޕު ޕާކުކުރަން ފެށިއެވެ.

އެގޮތަށް ޕާކުކުރުމުން މަގުގެ އެއް ލޭންގައި ދުއްވަން އޮންނަ ޖާގަ އެއްކޮށް ގެއްލެއެވެ. އަދި ތޮއްޖެހި ބައެއް ފަހަރުފަހަރު މަގު ބްލޮކްވާ ފަހަރު ވެސް ދެއެވެ.

އެއާއެކު އަމީނީ މަގުގެ ހަތްވަނަ ސެގްމަންޓާ ހަމައަށް ތާރު އަޅައި ހުޅުވައިލުމާއެކު އެ ސަރަހައްދުގައި ވެސް ވެހިކަލް ޕާކުކުރަންވަނީ ފަށައިފައެވެ.

"ސަން"އާ ވާހަކަދެއްކި ބައެއް އާންމުން ބުނި ގޮތުގައި މިއީ މަގު ބޭނުންކުރަން ވަރަށް ބޮޑަށް ދަތިވާ ސަބަބެކެވެ. އެގޮތުން ސްކޫލަށް ކުދިން ގެންދާ ވަގުތުތަކާއި އޮފީސް ވަގުތުތަކުގެ އިތުރުން ހަވީރުގެ ވަގުތުގައި އަމީނީ މަގު ތޮއްޖެހި ވެހިކަލްތަކުގައި ކުރިއަށް ނުދެވިފައި ތިބެންޖެހޭކަމަށް އާންމު ރައްޔިތަކު ބުންޏެވެ.

"ބޮޑެތި ލޮރީ، ޕިކަޕު މި ހުންނަނީ ޕާކުކޮށްފައި. މަގު ކޮންމެވެސް ވަރަކަށް ހަނިކަން އަނެއްކާ އަޅުގަނޑަށް ފާހަގަވޭ. ދެެން މިހެން އޮންނައިރު ހަމަ ކާރާ އެއްޗެހި ޕާކުކޮށްފައި ދިޔައިމަ ކިހާ ދަތިވާނެ. މަގު ގެއްލޭ އެބަ. ދެން އަނެއް ލޭނަށް އަރައިގެން ދާން ޖެހެނީ. މި ކަމާމެދު އެއްވެސް ފިޔަވަޅެއް އަޅާތަނެއް ނުފެނޭ،" އޭނާ ބުންޏެވެ.

އަމީނީ މަގުގައި ޕާކުކުރުމުގެ މައްސަލަ ބޮޑުވެފައިވާއިރު އެ ކަމާ ގުޅިގެން އެ މަގު ތަރައްގީކުރި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން "ސަން"އަށް ބުނީ އެ މަގު ޑިޒައިންކޮށްފައިވާނީ މަގުގެ ލޭންތަކުގެ އެއް ފަރާތުގައި ޕާކުނުކުރާ ގޮތަށް ކަމަށެވެ.

މަގު ތަރައްގީކުރަމުން އަންނައިރު، މަގުގައި ހުންނަ ހުސް ޖާގަތަކުގައި ޕާކިންއަށް ޚާއްސަ ޖާގަތައް ތަރައްގީކުރަމުން އަންނަކަމަށް ވެސް އާރްޑީސީން ބުންޏެވެ.

"އަޅުގަނޑުމެން މަގު މި ހަދަނީ ޕާކުކުރާ ގޮތަކަށް ނޫން. މަގުގެ ދެ އަރިމަތީގައި ވެސް ހުންނާނެ ޕާކުކުރުން މަނާކަން އެނގޭނެހެން ރޮނގު ދަމައިފައި. ޕާކު ކުރާ ކަމުގެ ޝަކުވާ ލިބޭ، އެ ކަމުގައި އަޅުގަނޑުމެންނަށް އެޅޭނެ ފިޔަވަޅެއް ނޯންނާނެ. ދެން މިހާރު ވެސް ހަމަ މަގު ހަދާއިރު މަގުގައި ހުންނަ ހުސް ޖާގަތައް ތަރައްގީކުރާނެ ޕާކިން ޖާގައިގެ ގޮތުގައި،" އާރްޑީސީގެ މީޑިއާ އޮފިޝަަލް އަހްމަދު ފައިރޫޒް ވިދާޅުވިއެވެ.

އާރްޑީސީން ބުނީ މަގުގައި ޕާކުކުރާ މައްސަަލައިގައި ފިޔަވަޅު އަޅާނީ ޓްރެފިކް ފުލުހުންކަމަށެވެ.

comment ކޮމެންޓް