މި އަހަރުގެ މެއި މަހުގެ ނިޔަލަށް ދަޢުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 10.9 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ދަޢުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ ހުސްވި މެއި މަހުގެ ޓެކްސް އާމްދަނީ ތަފާސްހިސާބަށް ބަލާއިރު، އެ މަހުގެ ތެރޭގައި ދަޢުލަތަށް ޓެކްސްގެ ގޮތުގައި 1.71 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ.
މިއީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލައިރު، %30.04 އިންސައްތަ އިތުރުވުމެކެވެ. އަދި މިއީ އެ މަހު ލިބޭނޭކަމަށް އަންދާޒާކުރި އަދަދަށް ވުރެ، %1.8 އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ މެއި މަހު ދަޢުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.3 ބިލިއަން ރުފިޔާއެވެ.
މީރާއިން ފާހަގަކޮށްފައިވާ ގޮތުގައި، ހުސްވި މެއި މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
ޖީއެސްޓީގެ ރޭޓަށް ގެނެސްފައިވާ ބަދަލާ ގުޅިގެން، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައި ކަމަށް މީރާއިން މައުލޫމާތު ދެއެވެ.
އެންމެ ގިނައިން އާމްދަނީ ލިބުނު ދާއިރާތައް
- ޓޫރިޒަމް ޖީއެސްޓީ: 717.6 މިލިއަން ރުފިޔާ
- ޢާއްމު ޖީއެސްޓީ: 350 މިލިއަން ރުފިޔާ
- އިންކަމް ޓެކްސް: 212 މިލިއަން ރުފިޔާ
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 114 މިލިއަން ރުފިޔާ
- ޑިޕާޗާ ފީ: 101 މިލިއަން ރުފިޔާ
މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.
މި އަހަރުގެ މެއި މަހުގެ ނިޔަލަށް ދަޢުލަތަށް ޓެކްސްގެ ގެ ގޮތުގައި 10.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މިއަދަދު ހުރީ 8.9 ބިލިއަން ރުފިޔާގައެވެ.
ހުސްވި މެއި މަހު ދަޢުލަތަށް ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީ 72.7 މިލިއަން ޑޮލަރަށް އަރާއިރު، މިދިޔަ އަހަރު މި އަދަދު އުޅެނީ 55.5 މިލިއަން ޑޮލަރުގައެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އޮފް-ސީޒަންކަމުން މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެހެންކަމުން މި މަހުގެ ތެރޭގައި ދަޢުލަތަށް ލިބޭ އާމްދަނީއަށް ކޮންމެ ވެސް ވަރެއްގެ ހީނަރުކަމެއް އަންނާނެއެވެ.