ޕީއެސްޖީ ކީޕަރު ރިކޯގެ ހާލު އަދިވެސް ސީރިއަސް

ޕީއެސްޖީގެ ކީޕަރު ސާޖިއޯ ރިކޯ -- ފޮޓޯ/ ގެޓީ

އަހަކުން ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ގޯލްކީޕަރު ސާޖިއޯ ރިކޯގެ ހާލު އަދިވެސް ސީރިއަސް ކަމަށް ރިޕޯޓުކޮށްފިއެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި އަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ރިކޯގެ ބޮލަށް ވަނީ ސީރިއަސް އަނިޔާއެއް ލިބިފައެވެ. ރިކޯ މިހާރު ފަރުވާ ހޯދަމުންދަނީ އޭނާގެ އުފަން ގައުމު ސްޕެއިންގެ ސެވިއްޔާގެ ހޮސްޕިޓަލަކުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ ހަފުތާގައި ރިކޯގެ ހާލު ރަނގަޅުވި ނަމަވެސް، އަނެއްކާވެސް އޭނާގެ ހާލު ވަނީ ސީރިއަސްވެފައެވެ. ރިކޯގެ ހާލު ސީރިއަސް ކަމަށް އޭނާއަށް ފަރުވާދެމުންދާ ހޮސްޕިޓަލުން ވެސް ވަނީ ބުނެފައެވެ.

އެ ހާދިސާއާ ގުޅިގެން ޕީއެސްޖީން ވަނީ އެ ކްލަބުގެ އަހަރީ ހަފުލާ ވެސް ކެންސަލްކޮށްފައެވެ. އަދި ރިކޯ އާއި އޭނާގެ އާއިލާއަށް އިހުތިރާމު އަދާކުރުމުގެ ގޮތުން ޕީއެސްޖީން ފްރާންސް ލީގުގެ އުފާފާޅުކޮށްފައެއް ވެސް ނުވެއެވެ.

ސީޒަންގައި ޕީއެސްޖީން ކުޅުނު ފަހު މެޗުގައި އެ ކްލަބުގެ ކުޅުންތެރިން ވަނީ ރިކޯގެ ހަނދާން އާކޮށްފައެވެ. އެ މެޗުގައި ޕީއެސްޖީގެ ކުޅުންތެރިން ވަނީ ރިކޯގެ ނަން ޖަހާފައިވާ ޖާޒީތަކެއް ވެސް ބޭނުންކޮށްފައެވެ.

އުމުރުން 29 އަހަރުގެ ރިކޯގެ ފުޓުބޯޅަ ކެރިއަރު ފަށާފައިވަނީ ސެވިއްޔާ އިން 2011 ވަނަ އަހަރުއެވެ. އޭނާގެ ޔޫތު ކެރިއަރުގައި ވެސް ކުޅެފައިވަނީ ސެވިއްޔާއަށެވެ. ސެވިއްޔާ ދޫކޮށް، އޭނާ ޕީއެސްޖީއާ ގުޅުނީ 2020 ވަނަ އަހަރުއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު