ސިއްހީ ދުޅަހެޔޮ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އެސްއެސްޓީވީ އާއެކު ލައިފް ސަޕޯޓްގެ ޕްރޮގްރާމެއް!

"ލައިފް ސަޕޯޓް"ޕްރޮގްރާމް ދެއްކުމަށް އެސްއެސްޓީވީ އާއެކު ލައިފް ސަޕޯޓާއެކު ސޮއި ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ފާމަސޫޓިކަލް އެކި އުފެއްދުންތަކާއި އަދި ސިއްހީ އެކި މައުލޫމާތުތައް ހިމެނޭ ޕްރޮގްރާމެއް، މަޝްހޫރު ފާމަސީތައް ހިންގާ ލައިފް ސަޕޯޓާ ގުޅިގެން އެސްއެސްޓީވީން ގެނެސްދިނުމަށް ނިންމައިފިއެވެ.

"ލައިފް ސަޕޯޓް" ގެ ނަމުގައި ގެނެސްދޭ މި ޕްރޮގްރާމްގެ ދަށުން ފާމަސީގެ ތަފާތު އުފެއްދުންތަކާ މެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އެފަދަ އުފެއްދުންތަކުން ލިބޭ ފައިދާތައް ފާހަގަކޮށް ޞިއްޙަތާ ގުޅުންހުރި އަގުހުރި މައުލޫމާތުތައް ބެލުންތެރިންނަށް ފޯރުކޮށްދޭނެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ފާމަސީތަކުގެ އެކި އުފެއްދުންތަކާ މެދު ވާހަކަދެކެވޭއިރު، އެކަމުގައި އެ ދާއިރާގެ މާހިރުންގެ ޚިޔާލު ވެސް ފާޅުކުރާނެއެވެ. އެގޮތުން ކޮންމެ އެޕިސޯޑެއް ވެސް ޖުމްލަ ފަސް ކަމެއްގެ މައްޗަށް ބިނާކުރަން ވަނީ ނިންމާފައެވެ. އެކަންކަމަކީ:

1. އުފެއްދުންތަކާ ބެހޭ މައުލޫމާތު: މި ސެގްމެންޓުގައި އެކި އުފެއްދުންތަކުގެ މައުލޫމާތުތަކުގެ އިތުރުން، އެ އުފެއްދުންތަކުން ލިބޭ ފައިދާތަކާއި އަދި އެ އުފެއްދުންތައް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ.

2. މާހިރުންގެ ޚިޔާލު: މި ސެގްމެންޓުގައި އެ ދާއިރާގެ މާހިރުންނާއި، ފާމަސިސްޓުންނާއި، ޑޮކްޓަރުންނާއި، ނިއުޓްރިޝަނިސްޓުންނާއި އަދި އެ ނޫނަސް ސިއްޚީ ދާއިރާގެ ބޭފުޅުންގެ ފަރާތުން އިންސާނުން ހެދިބޮޑު ވުމަށްޓަކައި ފާމަސޫޓިކަލް އުފެއްދުންތަކުގެ މުހިންމުކަމާ ބެހޭ މައުލޫމާތުތައް ޢާންމުންނަށް ފޯރުކޮށްދޭނެއެވެ. އަދި އެފަދަ އުފެއްދުންތައް ބޭނުން ކުރާނެ ގޮތްތަކާއި، އެއުފެއްދުންތަކުގެ ސަބަބުން ނުކުމެދާނެ ސިއްހީ އެކި މައްސަލަތަކަށް ހޭލުންތެރިކުރުވުމަށް ވެސް މައުލޫމާތު ފޯރުކޮށްދޭނެއެވެ.

3. ސިއްހީ ގޮތުން ދުޅަހެޔޮކޮށް ހުރުމަށްޓަކައި ދެވޭ މައުލޫމާތު: މި ސެގްމެންޓުގައި ދިރިއުޅުމުގައި ސިއްހީ ގޮތުން ދުޅަހެޔޮ ކޮށް ހުރުމަށްޓަކައި، އަދި ހަށި ހެޔޮ ދުޅަހެޔޮ ބަޔަކަށް ވުމަށްޓަކައި ކުރެވިދާނެ ކަންކަމާއި، ސިއްހީ ގޮތުން ބަލިކަށިވާނެ ކަންކަމާ މެދު ހޭލުންތެރިކުރުމަށް މައުލޫމާތު ދެވޭނެއެވެ.

4. ޢާންމު ސުވާލުތަކާއި ޖަވާބުތައް: މި ސެގްމެންޓުގައި ޢާންމުންގެ ފަރާތުން ހުށަހެޅޭ މައިގަނޑު ސުވާލުތަކަށް، އެ ދާއިރާގެ މާހިރުންގެ ޚިޔާލާއި ޖަވާބުތައް ފޯރުކޮށްދޭނެއެވެ.

5. ދިރިއުޅުމުގައި ދިމާވާ ހަގީގީ ކާމިޔާބު ވާހަކަތައް: މި ސެގްމަންޓުގައި ފާމަސީގެ އުފެއްދުންތައް ކާމިޔާބުކަމާއެކު ބޭނުންކޮށްގެން ސިއްހަތާއި ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ހިތްގައިމު ވާހަކަތައް ފެންނާނެއެވެެ. އަދި އަމިއްލަ ތަޖުރިބާތައް ހިއްސާކޮށްގެން މި ސެގްމެންޓް އިން ފާމަސީގެ އުފެއްދުންތަކުން މީހުންގެ ދިރިއުޅުމަށް ކުރާ ހެޔޮ އަސަރު ދައްކުވައިދީ، ބެލުންތެރިންގެ މެދުގައި އިތުބާރު އުފައްދައިދޭނެއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ޢާންމުންގެ މެދުގައި އެ ދާއިރާއަށް އޮންނަ އިތުބާރު ބޮޑުކޮށް، ދިރިއުޅުމުގެ އެކި ކަންކަމުގައި މިފަދަ އުފެއްދުންތައް ބޭނުން ކުރުމަށް ފަސޭހަކުރުމެވެ. އަދި މި ޕްރޮގްރާމަކީ ދުޅަހެޔޮ ސިއްހަތާ ބެހޭ ގޮތުން ޢާންމުންނަށް ބޭނުންވާ މުހިންމު މައުލޫމާތު ފޯރުކޮށްދީ، އެކަންކަމަށް ހޭލުންތެރިކުރުމަށް ވެސް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދޭނެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފެންނާނީ އެސްއެސްނެޓްގެ ޗެނަލް ނަންބަރު އެކެއް، އެސްއެސްޓީވީ އިންނެވެ.

comment ކޮމެންޓް