މެސީގެ ނުވަ މިލިއަން ޑޮލަރުގެ އެޕާޓްމަންޓަށް ހާއްސަ ސަމާލުކަމެއް

މަޔާމީގައި މެސީ ދިރިއުޅޭ ލަގްޒަރީ އެޕާޓްމަންޓް -- ފޮޓޯ/ ޕޯޝް ޑިޒައިން ޓަވަރު

އާޖެންޓީނާ ފުޓުބޯޅަ ތަރި ލިއޮނެލް މެސީ، އެމެރިކާގައި ދިރިއުޅޭ ލަގްޒަރީ އެޕާޓްމަންޓަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ކޮންޓްރެކްޓް ނިމުމަކަށް އައުމާއެކު މެސީ ވަނީ އެމެރިކާގެ އިންޓަ މަޔާމީއާ ގުޅެން ނިންމައިފައެވެ. އިނގިރޭސި ފުޓުބޯޅަ ލެޖެންޑް، ޑޭވިޑް ބެކަމްގެ އިންޓަ މަޔާމީއާ ގުޅެން މެސީ ނިންމާފައިވަނީ އޭނާގެ ކުރީގެ ކްލަބު ބާސެލޯނާ އާއި ސައުދީ އަރަބިއާގެ އަލް ހިލާލުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށެވެ.

މަޔާމީގައި މެސީ ދިރިއުޅޭ ލަގްޒަރީ އެޕާޓްމަންޓް -- ފޮޓޯ/ ޕޯޝް ޑިޒައިން ޓަވަރު

ރިޕޯޓުތައް ބުނާގޮތުގައި މެސީގެ ދިރިއުޅުން އެމެރިކާއަށް ބަދަލުކުރުމަށް އޭނާ ވަނީ އަހަރުތަކެއް ކުރިން ނިންމައިފައެވެ. މެސީ އެ ނިންމުން ނިންމާފައިވަނީ އޭނާގެ ދަރިންނަށް އެމެރިކާގައި ރަނގަޅު ތައުލީމެއް ދިނުމުގެ މަގުސަދުގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގައި މެސީ ދިރިއުޅޭނީ މަޔާމީގައި ހުންނަ ނުވަ މިލިއަން ޑޮލަރުގެ ޕޯޝް ޑިޒައިން ޓަވަރުގައެވެ. މެސީ، އެ ޓަވަރުން އެޕާޓްމަންޓް ގަނެފައިވަނީ ބާސެލޯނާ ދޫކޮށް ދިއުމުގެ ކުރިން، 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެ ޓަވަރުގައި 60 ފަންގިފިލާ ހިމެނޭ އިރު، އެއީ މަޔާމީ ބީޗް ސަރަހައްދާ ކައިރީގައި ހުންނަ ޓަވަރެކެވެ.

ޕޯޝް ޑިޒައިން ޓަވަރު ފަރުމާކޮށްފައިވަނީ އެތަނުގައި ދިރިއުޅޭ މީހުންނަށް އަމިއްލަ އެޕާޓްމަންޓު ތެރޭގައި ކާރު ޕާކު ކުރެވޭ ގޮތަށެވެ. އެކަމަށް ހާއްސަކޮށްގެން ކާރުތައް އެޕާޓްމަންޓުތަކަށް ގެންދިއުމަށް ހާއްސަ ލިފްޓެއް ވެސް އެ ޓަަވަރުގައި ހިމެނެއެވެ.

މަޔާމީގައި މެސީ ދިރިއުޅޭ ލަގްޒަރީ އެޕާޓްމަންޓް -- ފޮޓޯ/ ޕޯޝް ޑިޒައިން ޓަވަރު

އިންޓަ މަޔާމީގެ ކުޅުންތެރިއެއްގެ ގޮތުގައި މެސީ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައެވެ. އެހެންކަމުން މޭޖާ ލީގް ސޮކާ (އެމްއެލްއެސް) ގައި އަންނަ މަހުގެ 21 ވަނަ ދުވަހު ކްރުޒް އަޒުލްއާ ދެކޮޅަށް ކުޅޭ މެޗަކީ އިންޓަ މަޔާމީއަށް މެސީ ކުޅޭ ފުރަތަަމަ މެޗަށް ވުމުގެ ފުރުސަތު ބޮޑެވެ.

އިންޓަ މަޔާމީގެ ދަނޑު، ޑީއާރްވީ ޕީއެންކޭ ސްޓޭޑިއަމްގައި ކުޅޭ އެ މެޗުގެ ޓިކެޓަށް ވަނީ ޑިމާންޑު ބޮޑުވެފައެވެ. މިހާރު ސަޕޯޓަރުން ވެސް ދަނީ ބޮޑެތި އަގުތަކުގައި ކަޅު ބާޒާރުގައި ޓިކެޓު ވިއްކަމުންނެވެ. އެގޮތުން ސަޕޯޓަރުން ވިއްކާ ޓިކެޓެއްގެ އަގު 9000 ޑޮލަރަށް އަރައެވެ.

comment ކޮމެންޓް