އިސްރާއީލާ ގުޅުންތައް އުފެއްދުމަށް އެމެރިކާ އެދުނު އެދުމަށް އަނެއްކާވެސް ސައުދީ ދެކޮޅު ހަދައިފި

އެމެރިކާއާއި ސައޫދީގެ ޚާރިޖީ ވަޒީރުން

ރިޔާޟް (10 ޖޫން 2023): އިސްރާއީލުން ފަލަސްތީނު އިސްތިއުމާރުކޮށްގެން އޮވެ ފަލަސްތީނުމީހުން މަރައި އެމީހުންގެ ގެދޮރު ހަލާކުކުރަމުން ގެންދިޔަނަމަވެސް އަދި އިސްރާއީލުން ސަރަހައްދުގައި ހަމަނުޖެހުން އުފައްދައި ސީރިޔާއަށް ހަމަލާދީ އުދުވާނު ހިންގަމުން ގެންދިޔަނަމަވެސް މިއިން ކަމަކާ އަޅާނުލައި އިސްރާއީލާ ގުޅުންތައް ގާއިމް ކުރުމަށް އެމެރިކާ އިން ސައުދީ ގެ ކިބައިން އެދުނު އެދުމަށް އަނެއްކާވެސް ސައުދީން ނޫނެކޭ ބުނެފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ސައުދީ އަށް ކުރެއްވި ދަތުރުފުޅު ނިންމާލުމުގެ ގޮތުން ސައުދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްލިންކެން ސައުދީ ގެ ކިބައިން އެދިވަޑައިގަތީ އިސްރާއީލުގެ އަމަލުތަކަށް ބެލުމެއްނެތި ސައުދީން އިސްރާއީލަށް އިއުތިރާފުވުމަށާއި އިސްރާއީލާ ގުޅުންތައް ގާއިމް ކުރުމަށެވެ.

ނަމަވެސް ބްލިންކެންގެ މިއެދިވަޑައިގަތުމަށް ސައުދީ ޚާރިޖީ ވަޒީރު ދެއްވީ އަބަދުވެސް އިސްރާއީލާމެދު ސައުދީ ދޭ އާންމު ޖަވާބެވެ. އެއީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން އިސްރާއީލު ފާބައި ފަލަސްތީނުގެ މުސްތަގިއްލު ދައުލަތެއް އުފެއްދުމުގެ ކުރިން އިސްރާއީލާ ގުޅުން އުފެއްދެން ނޯންނާނެ ކަމުގެ ޖަވާބެވެ.

ވަރަށް ޑިޕްލޮމެޓިކް ގޮތަކަށް ބްލިންކެން އަށް ރައްދު ދެއްވުމަށް ސައުދީ ޚާރިޖީ ވަޒީރު ވިދާޅުވީ ފަލަސްތީނުގެ މައްސަލަ ހައްލުނުކޮށް ސައުދީން އިސްރާއީލާ ގުޅުން ގާއިމްކުރުމަކީ އެއީ ރަނގަނޅު ނަތީޖާ އެއް ނުކުންނާނެ ކަމެއްނޫން ކަމުގައެވެ.

އެމެރިކާގެ ބޭނުމަކީ އިސްރާއީލު ހިންގާ ޖަރީމާތަކަށް އަޅާނުލައި އިސްރާއީލުގެ އަނިޔާވެރިކަމަށް ބީރުކަންފަތެއް ދިނުމަށްފަހު އަރަބިން އިސްރާއީލާ ގުޅުންތައް އުފެއްދުމެވެ. މިކަމުގައި އެމެރިކާ ކޮންމެވެސްވަރެއްގެ ކާމިޔާބީތަކެއްވެސްވަނީ ހޯދާފައެވެ. އެއީ އެމެރިކާގެ ޕްރެޝަރުގައި އަރަބި ފަސްގައުމަކުން އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައިވާތީއެވެ.

ނަމަވެސް އަރަބި ފަސްގައުމަކުން އިސްރާއީލާއެކު އުފައްދާފައިވާ މިގުޅުންތަކަކީ ހަމައެކަނި ނަމެއްގައި އޮންނަ ވަރަށް އާދައިގެ ގުޅުންތަކެކެވެ. މާބޮޑު ނަތީޖާއެއް ފެންނަ ގުޅުންތަކެއް ނޫނެނެވެ. އަދި އިސްރާއީލު އެދޭ ލެވެލްގައި އޮންނަ ގުޅުންތަކެއްވެސް ނޫނެވެ. މި ފަސްގައުމަކީ މިސްރު، އުރުދުން، ޔޫއޭއީ، މަޣްރިބު އަދި ބަހްރައިން އެވެ.

މި ފަސް ގައުމުން އިސްރާއީލާއެކު ގުޅުންތައް ބޭއްވުމަކީ އެގައުމުތަކުގެ ރައްޔިތުން ވަރަށްބޮޑަށް ދެކޮޅު ހަދާކަމަކަށްވާތީ ގުޅުންތައް އޮންނަނީ ހަމައެކަނި ނަމެއްގައެވެ. ޑިމޮކްރެޓިކް ގައުމުތަކެއްނަމަ ރައްޔިތުންގެ ވޯޓަށް ބިރުން އިސްރާއީލާ ގުޅުންތައް އުފައްދަންވެސް މި ގައުމުތަކުގެ ސަރުކާރުތަކަށް ނުކުރުނީހެވެ. އެއީ ރައްޔިތުންގެ ވޯޓުން ނުލިބިދާނެތީއެވެ.

ނަމަވެސް މިއިން ކޮންމެ ގައުމަކީވެސް ޑިމޮކްރަސީގެ ކަންފުޅެއްވެސް ނެތް ގައުމުތަކެވެ. އަމިއްލަ ފަރުދީ ވެރިކަންތައްކުރާ އޮޓެކްރެޓިކް ގައުމުތަކެވެ.

މުހައްލިލުން ދެކޭގޮތުގައި މި ފަސްގައުމުން އިސްރާއީލާ ގުޅުންތައް އުފައްދާފައިވާ މައިގަނޑު އެއްސަބަބަކީ އިންސާނީ ހައްގުތަކުގައާއި އެނޫންވެސް ކަންކަމުގައި އެމެރިކާގެ ފަރާތުން އަންނަ ފިއްތުންތަކުން ސަލާމަތްވުމެކެވެ. އަނެއް ކަމަކީ އިސްރާއީލާ ގުޅުންތައް އުފެއްދުމަކީ އެގައުމުތަކުން ބޭނުންކަމެއް ބޭނުންގޮތަކަށް ކުރުމަށް ލިބޭ ވަރަށްބޮޑު ކްރެޑިޓެއްކަމަށް ވުމެވެ. އިސްރާއީލާ ގުޅުން އުފެއްދުމަށްފަހު ދެން ކޮންމެ ކަމެއް ކުރިނަމަވެސް އެގައުމަކަށް އެމެރިކާގެ ނުރުހުން އަމާޒު ނުވާނެތީ އެވެ. އިސްރާއީލާ ގުޅުން އުފެއްދުމުން އެމެރިކާގެ އަނގަ ބަންދުކޮށްލެވޭތީއެވެ.

ސައުދީން ސީރިޔާއާ ގުޅުންތައް އުފައްދައި ސީރިޔާ އަރަބި ލީގަށް ވެއްދުމުން އެމެރިކާވަނީ ސީރިޔާއާ ގުޅުންތައް އުފައްދަންޖެހޭ ވަގުތު އަދި ނާންކަމާއި ސީރިޔާއާ ގުޅުން އުފެއްދުމުގެ ކުރިން ސީރިޔާ ކުރަންޖެހޭ ކަންކަން ހުރިކަމަށްބުނެ އެކަމަށް ފާޑުކިޔައި ހިތްހަމަނުޖެހޭކަން ހާމަކޮށްފައެވެ.

ނަމަވެސް އިސްރާއީލަށްވީމާ އެމެރިކާގެ ޚިޔާލު މުޅިން ބަދަލުވެއެވެ. އިސްރާއީލުން ފަލަސްތީނު އިސްތިއުމާރުކޮށްގެން އޮތަސް އަދި އިސްރާއީލުން ފަލަސްތީނުމީހުން މެރިޔަސް އެމީހުންގެ ގެދޮރު ހަލާކުކުރަމުން ގެންދިޔަނަމަވެސް، އިސްރާއީލުން ފަލަސްތީނުގެ ދައުލަތެއް އުފެއްދިޔަ ނުދިނަސް އަދި އިސްރާއީލުން ސަރަހައްދުގައި ހަމަނުޖެހުން އުފައްދައި ކޮންމެ ދުވަހަކު ސީރިޔާއަށް ހަމަލާތައް ދެމުން ގެންދިޔަނަމަވެސް އެއީ އިސްރާއީލާ ގުޅުންތައް އުފައްދަން ނުޖެހޭ ސަބަބެއް ކަމަކަށް އެމެރިކާ ނުދެކެއެވެ.

އިސްރާއީލުން މިހުރިހާ އަނިޔާވެރި އަމަލުތަކެއް ހިންގި ނަމަވެސް އެމެރިކާގެ އެދުމަކީ އެކަން ހަނދާން ނައްތާލުމެވެ. އަދި އެއީ މާބޮޑު ކަމަކަށް ނުހަދައި އަރަބި ހުރިހާ ގައުމުތަކަކުން އިސްރާއީލަށް އިއުތިރާފުވެ އިސްރާއީލާ ގުޅުންތައް އުފެއްދުމަށް އެމެރިކާ ގެންދަނީ ބާރުއަޅައި އެކަމަށް މަސައްކަތް ކުރަމުންނެވެ.

ދާދިފަހުން ސައުދީން އީރާނާ އަދި ސީރިޔާއާ ގުޅުންތައް ގާއިމް ކުރުމުންވެސް އެމެރިކާވަނީ ކަންބޮޑުވެ ދެރަވެ މާޔޫސްވެފައެވެ.

ނަމަވެސް މެދުއިރުމަތީގެ ކަންކަމުގެ ތެރެއަށް ޗައިނާއާއި ރަޝިއާވެސް މިހާރު ވަދެފައިވާތީ ކުރިން އެމެރިކާ އަށް އޮތް ފުރުސަތުތައް މެދުއިރުމަތީގައި މިހާރު ވަރަށް ބޮޑަށް ހަނިވެފައިވާތީ ކުރިން އެމެރިކާ ބުނާގޮތް ނުހެދުމުން އަރަބިންނަށް ބިރުދައްކައި އިންޒާރުދޭ ދޭގޮތަށް މިހާރު އެކަން އެގޮތަށް ކުރާކަށް އެމެރިކާއަކަށް ނުކެރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު