ގައުމަށް ހެޔޮއެދޭނަމަ ނަޝީދާއި އީވާ އިސްތިއުފާ ދެއްވުމަށް ޝަރީފް ގޮވާލައްވައިފި

ރައީސް ނަޝީދު އަދި މެމްބަރު ޝަރީފް: ގައުމަށް ހެޔޮއެދޭނަމަ ނަޝީދާއި އީވާ އިސްތިއުފާ ދެއްވުމަށް ޝަރީފް ވަނީ ގޮވާލައްވައިފަ ---

ގައުމަށް ހެޔޮ އެދޭ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބް ރައީސް އީވާ އަބްދުالله މަގާމުން އިސްތިއުފާ ދެއްވުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ގޮވާލައިފިއެވެ.

ނަޝީދާއި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު އެ މައްސަލަތައް އެޖެންޑާ ކުރުން ލަސްވެގެން ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރާއިރު މިދިޔަ ހަފްތާގައި މަޖިލިސް ތަޅުން ފެނުނީ ވަރަށް ހަލަބޮލިކޮށެވެ. އަދި ޖަލްސާ ފެއްޓެވުމަށްފަހު ރިޔާސަތުން ނަޝީދު ގެއްލި ގިނަ ދުވަސްތަކުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ޖަލްސާ ކުރިއަށް ގެންދަވާތީ އެކަމުގެ ކަންބޮޑުވުން ވެސް މެންބަރުން ފާޅުކުރިއެވެ.

މަޖިލީހުގެ ރައީސްއާ ނައިބް ރައީސްއާ ނުލައި އެންމެ ދުވަސްވީ މެންބަރާ ރިޔާސަތު ހަވާލުކޮށްގެން މަޖިލިސް ކުރިއަށް ގެންދިއުމަކީ އެކަން ކުރަން ޖެހޭ ގޮތް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރައީސް ނަޝީދަކީ މި ގައުމަށް ހެޔޮއެދޭ މީހެއް ނަމަ ދެ ބޭފުޅުން އިސްތިއުފާ ދެއްވަންވީ ނުން,"

މަޖިލިސް ޑެޑްލޮކަކަށް ދުއްވާލުމުގެ ޒިންމާ މަޖިލިސް ރައީސްއާއި ނައިބް ރައީސްގެ ބޮލުގައި އެޅުވުމަށްފަހު ޝަރީފް ވިދާޅުވީ އެ ދެ ބޭފުޅުން މަގާމުތަކުގައި ތިއްބަވަނީ ގަދަބާރުން ކަމަށެވެ.

އެކަމުގައި މަޖިލިސްގެ އަމީންއާންމުގެ އެހީތެރިކަން ވެސް ނަޝީދާއި އީވާއަށް ލިބޭ ކަމަށް ޝަރީފް ވަނީ ތުހުމަތުކުރައްވާފައެވެ. އަދި އެ ތިން ބޭފުޅުންނަށް ދައުވާ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މަޖިލިސްގެ މަރުތަޅު އަޅުވައިގެން އުޅޭ އުޅުމަކީ ބޮޑު ހިޔާނާތެއް," ޝަރީފް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވަގުތު ކައިރިވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އެއްފަހަރާ ހުށަހެޅީ ސަރުކާރުން ރާވައިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމަށް ކަމަށް އީވާ ވަނީ މީގެ ކުރިން ތުހުމަތު ކުރައްވައިފިއެވެ.

comment ކޮމެންޓް