ބާސާއާ ގުޅެން އެއްބަސްނުވީ އެހެން ކުޅުންތެރިންނަށް ގެއްލުމެއް ލިބެން ބޭނުންނުވާތީ: މެސީ

އާޖެންޓީނާ ތަރި ލިއޮނެލް މެސީ ބާސާގެ ޖާޒީގައި -- ފޮޓޯ/ ގެޓީ

އެނބުރި ބާސެލޯނާއާ ގުޅެން ބޭނުންވި ނަމަވެސް، އެކަމަށް އެއްބަސްނުވެވުނީ އޭނާގެ ސަބަބުން އެހެން ކުޅުންތެރިންނަށް ގެއްލުމެއް ލިބެން ބޭނުންނުވާތީ ކަމަށް އާޖެންޓީނާ ތަރި ލިއޮނެލް މެސީ ބުނެފިއެވެ.

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ކޮންޓްރެކްޓް ނިމުމަކަށް އައުމާ ގުޅިގެން މެސީ ވަނީ އެމެރިކާގެ އިންޓަ މަޔާމީއާ ގުޅުމަށް ނިންމައިފައެވެ. މެސީ ހޯދުމަށް އޭނާގެ ކުރީގެ ކްލަބު ބާސެލޯނާ އާއި ސައުދީ އަރަބިއާގެ އަލް ހިލާލުން ވެސް މަސައްކަތްކުރިއެވެ.

އަލް ހިލާލުން މެސީއަށް ބޮޑު އަގެއް ހުށަހެޅި އިރު، ބާސާއަށް އޮތް ގޮންޖެހުމަކަށްވީ އެ ކްލަބުގެ މާލީ ހާލަތެވެ. އަނެއްކޮޅުން އިންޓަ މަޔާމީން މެސީ ހޯދުމަށް މަސައްކަތްކުރީ އެޑިޑާސް އާއި އެޕަލްގެ އެހީތެރިކަމާއެކުއެވެ. އިންޓަ މަޔާމީގެ ހުށަހެޅުން ގަބޫލުކުރާ ނަމަ، ކުންފުންޏަށް ލިބޭ ފައިދާގެ ހިއްސާއެއް މެސީއަށް ދިނުމަށް އެޑިޑާސް އާއި އެޕަލުން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

މެސީ ވަނީ އެ ނިންމުމާ ގުޅޭގޮތުން ސްޕެއިންގެ 'ސްޕޯޓް' އާއި 'މުންޑޯ ޑިޕޯޓިވޯ' އަށް އިންޓަވިއުއެއް ދީފައެވެ. އެ އިންޓަވިއުގައި މެސީ ވަނީ އިންޓަ މަޔާމީގެ ހުށަހެޅުން ގަބޫލުކުރަން ޖެހުނު ސަބަބާއި ބާސާގެ ހުށަހެޅުން ދޫކޮށްލަން ޖެހުނު ސަބަބާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ.

ޕީއެސްޖީއާ ގުޅޭގޮތުން ވާހަކަދައްކަމުން މެސީ ބުނީ ތަފާތު ސަބަބުތަކާ ގުޅިގެން އެ ކްލަބުގައި ހޭދަކުރަން ޖެހުނު ފުރަތަމަ ދުވަސްވަރު އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް ދެވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރަނގަޅަށް ދިޔަ ކަމަށެވެ. އަދި ޖުމުލަކޮށް ޕީއެސްޖީގައި ހޭދަކުރި ދުވަސްތައް ދިޔައީ އުނދަގުލުގައި ކަމަށް އޭނާ ބުންޏެވެ.

"ޕީއެސްޖީގައި ހޭދަކުރި ފުރަތަމަ ދުވަސްވަރުގައި އަހަރެންނަށް ބާސާ މަތިން ވަރަށް ހަނދާންވި. އަހަރެން ބާސާގެ މެޗުތައް ބެލިން. ބާސާގައި ހޭދަކުރި ދުވަސްތައް އަބަދުވެސް ހަނދާނުގައި ހުންނާނެ. ބާސާއަށް އެނބުރި ދާން ބޭނުންވި. ހާއްސަކޮށް ބާސާ ދޫކޮށް ދާން ޖެހުނު ގޮތުން އަހަރެން ބޭނުންވީ ރަނގަޅު އަލްވަދާއުއަކާއެކު ކްލަބު ދޫކޮށްލަން،" އޭނާ ބުންޏެވެ.

މެސީ ބުނީ ބާސާ އިން އޭނާ ގެންދިއުމަށް ލަލީގާއާ މަޝްވަރާކޮށް ކަންތައްތައް ހަމަޖެއްސި ނަމަވެސް، އޭނާގެ ޓްރާންސްފާ ނިންމުމަށް ކުޅުންތެރިން ވިއްކާލުމާއި ކުޅުންތެރިންގެ މުސާރަ ކުޑަކުރުން ފަދަ ކަންކަން ކުރަން ބޭނުންނުވާ ކަމަށެވެ.

"ކުޅުންތެރިންނަށް އެ ލިބޭ ގެއްލުމުގެ ޒިންމާ ނަގަން ޖެހޭ މީހާއަށް ވާން އަހަރެން ބޭނުން ނުވީ. ބާސާގެ ކެރިއަރުގައި ކުރިން ވެސް އަހަރެންނަށް ހަގީގަތާ ހިލާފު ގިނަ ތުހުމަތުތަކަކާ ކުރިމަތިލާން ޖެހުނު. އަހަރެން އެކަމާ މިހުރީ ވަރުބަލިކަމެއްގައި. އަހަރެން އިތުރު ކަމެއްގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނޫން،" އޭނާ ބުންޏެވެ.

މެސީ އިތުރަށް ބުނީ އިންޓަ މަޔާމީގެ ޓްރާންސްފާގެ ހުރިހާ ކަމެއް ފުރިހަމައަށް ނިންމާފައި ނުވި ނަމަވެސް، އެ ކްލަބަށް ދާން މިހާރު ނިންމާފައިވާ ކަމަށާއި މިއީ އެމެރިކާ ލީގަށް ދާން ޖެހޭ ވަގުތު ކަމަށެވެ.

މެސީގެ ޔޫތު ކެރިއަރާއެކު ސީނިއާ ކެރިއަރު ވެސް ފަށާފައިވަނީ ބާސާ އިންނެވެ. ބާސާއަށް 2003 ވަަނަ އަހަރުން ފެށިގެން މެސީ ވަނީ އެ ކްލަބަށް 500 އަށްވުރެ ގިނަ މެޗު ކުޅެ، 470 އަށްވުރެ ގިނަ ގޯލު ޖަހައިފައެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ޕީއެސްޖީއާ ގުޅި، މެސީ ވަނީ 58 މެޗުން އެ ކްލަބަށް 22 ގޯލު ކާމިޔާބުކޮށްދީފައެވެ.

comment ކޮމެންޓް