ސްޕެޝިއަލައިޒްޑް ޑޮކްޓަރުން ލިބުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ގެނައުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެސްޓާ މެޑްސިޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ސްޕެޝިއަލައިޒްޑް ޑޮކްޓަރުން ލިބުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ގެނައުމަށް އެސްޓާ މެޑްސިޓީ މެދުވެރިކޮށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލްގައި ބަލާނެއެވެ.
އެ އެއްބަސްވުމުގެ ދަށުން ޑޮކްޓަރުން ގެނެވޭނެ ދާއިރާތަކުގެ ތެރޭގައި ޔޫރޮލޮޖީ، ނިއުރޮލޮޖީ، އެނެސްތެސިއޮލޮޖީ، ޕަލްމޮނޮލޮޖީ، ޕީޑިއޭޓްރިކް އޯތޮޕެޑިކް ސާޖަރީ، ހެމަޓޮލޮޖީ، އޮޓޯރިނޮލަރިންގޮލޮޖީ (އީއެންޓީ)، އޯތޯޕެޑިކް ސާޖަރީ އަދި އޯތޮޑޮންޓިކްސް ހިމެނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ހޮސްޕިޓަލަށް ބޭނުންވެދާނެ އެހެން ސްޕެޝަލިޓީތަކުގެ ޑޮކްޓަރުން ވެސް ގެނެވޭނެ ކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ.
މި އެއްބަސްވުމުގެ ސަބަބުން ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ސިއްހީ ޚިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކާ ބެހޭ މައުލޫމާތު [email protected] އަށް އީމެއިލް ކޮށްގެން ނުވަތަ 3351610 އަށް ގުޅުމުން ލިބޭނެއެވެ.