ފާރު ތަޅާލައިގެން އެއްކޮށްލި ހިޔާ ފުލެޓުގެ ދެ އެޕާޓްމަންޓް، ކުރިން ހުރި ގޮތަށް ބަދަލުކުރުމަށް ހަތް ދުވަހުގެ ފުރުސަތެއް އާބަންކޯއިން އެޕާޓްމަންޓުގެ ވެރިފަރާތައް ދީފިއެވެ.
އާބަންކޯއިން ބުނީ ހިޔާގެ ދެ ފްލެޓު އެއްކޮށްލުމާ ގުޅިގެން އެ ކޯޕަރޭޝަންގެ ފަރާތުން އެޕާޓްމަންޓުގެ ވެރިފަރާތްތައް ޖޫރިމަނާކޮށް، ޔުނިޓުތައް ހަވާލު ކުރި އިރު ހުރިގޮތަށް އަލުން ބަދަލު ކުރުމަށް އަންގާފައިވާނެ ކަމަށެވެ. އަދި، އެކަން އެގޮތަށް ކޮށްފައި ނުވާތީ އެގްރިމަންޓް ބާތިލު ކުރަން ވެސް އެ ކުންފުނިން ވަނީ ނިންމައިފައެވެ.
ނަމަވެސް، މިކަން ކުރުމަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދި ފުލެޓުގެ ވެރިފަރާތުން އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާތީ، އެ ހުށަހެޅުމުގައި ހިމަނާފައިވާ ސަބަބުތަކަށް ބަލާ އިތުރު ހަތް ދުވަހުގެ ފުރުސަތެއް ޔުނިޓްތަކަށް ގެނެސްފައި ބަދަލުތައް ހައްލު ކުރުމަށް މިހާރު ދީފައިވާނެ ކަމަށް އާބަންކޯއިން ބުނެއެވެ.
މި މައްސަލަ އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް އައީ، މިދިޔަ މޭ މަހުގެ ކުރީކޮޅު، އެ އެޕާޓްމަންޓުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.
އެއާ އެކު އެ ކަން ތަހުގީގު ކުރުމަށް ފަހު އާބަންކޯއިން ވަނީ ދެ އެޕާޓްމަންޓުގެ ވެރިފަރާތް 100،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި, އެ ޖޫރިނަމާ ފަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އެޕާޓްމަންޓް ކުރިން ހުރި ގޮތަށް ބަދަލުކުރަން 10 ދުވަހުގެ މުހުލަތެއް މީގެ ކުރިން އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ. އާބަންކޯއިން ދިން މުއްދަތުތަކުގެ ތެރޭގައި އެއިން އެއްވެސް ކަމެއް ނުކުރުމުން، އެޕާޓްމަންޓުތައް އަތުލަން ނިންމީ ފައިސާ ދައްކަން އިތުރު 30 ދުވަސް ވެސް ދިނުމަށް ފަހުއެވެ.
ނަމަވެސް މި ދެ އެޕާޓްމަންޓުގެ ވެރިފަރާތްތަކުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި އެޕާޓްމަންޓު ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދިފައެވެ.
އެކަމަކު، އާބަންކޯއިން އެތަން އަތުލަން ނިންމި ނިންމުން ބަދަލު ކުރަން އެދުނު އަމުރު ނުދިނުމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.
އެ ކޯޓުން ބުނީ އެ ފަރާތްތަކުން އާބަންކޯއާ އެކު ވެފައިވާ އެއްބަސްވުމުގެ މާއްދާތަކާއި، އިމާރާތްކުރުމުގެ ގާނޫނާ އެނގި ތިބެ ހިލާފުވެފައިވާ ކަމަށެވެ. އަދި، އެ ތަން އަތުލީ ގޯސްކޮށް ކަމަށް ކޯޓުން ނިންމާ ހާލަތުގައި ވެސް ނަތީޖާއަކަށް ވާނީ އެތަން އަނބުރާ ހަވާލުކުރަން އެންގުން ކަމަށާއި، އެހެން ކަމުން އަމުރެއް ނުނެރުނަސް، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެއެވެ.