110 މިލިއަން ޑޮލަރުގެ އަގަކަށް ބެލިންހަމް ރެއާލްއާ ގުޅުމަށް އެއްބަސްވެއްޖެ

ބޮރޫޝިއާ ޑޯޓްމަންޑްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް -- ފޮޓޯ/ ގެޓީ

ބޮރޫޝިއާ ޑޯޓްމަންޑްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް، 103 މިލިއަން ޔޫރޯ (110 މިލިއަން ޑޮލަރު)ގެ އަގަކަށް ރެއާލް މެޑްރިޑާ ގުޅުމަށް އެއްބަސްވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އުމުރުން 19 އަހަރުގެ ބެލިންހަމް ވަނީ ރެއާލާ އެކު ހަ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް ނިންމައިފައެވެ. އެ ޓްރާންސްފާ ވެގެންދާނީ ޑޯޓްމަންޑް އަދި ރެއާލްގެ ތާރީހުގައި ވެސް އެންމެ ބޮޑު އެއް ޓްރާސްފާއަށެވެ.

ރެއާލަށް ބެލިންހަމް ގުޅުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޑޯޓްމަންޑުން ވެސް ވަނީ އިއުލާންކޮށްފައެވެ. ބެލިންހަމްގެ ޓްރާންސްފާގެ ކަންކަން ކުރިއަށްދާނީ ފީފާގެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި ރެއާލުން ޑޯޓްމަންޑަށް 103 މިލިއަން ޔޫރޯ ދައްކާނެ ކަމަށް ޑޯޓްމަންޑުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ބާމިންހަމް ސިޓީން 2020 ވަނަ އަހަރު ޑޯޓްމަންޑާ ގުޅުނު ބެލިންހަމް ދައްކާފައިވާ މޮޅު ކުޅުމާއެކު އޭނާ ވެގެން ގޮސްފައިވަނީ އިނގިރޭސި ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިޔަކަށެވެ. މި ސީޒަނުގެ ޖަރުމަން ބުންޑަސްލީގާގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ ބެލިންހަމްއެވެ. އޭނާ ހޯދުމަށް ރެއާލްގެ އިތުރުން ލިވަޕޫލާއި މެންޗެސްޓާ ސިޓީން ވެސް މަސައްކަތްތަކެއް ކުރިއެވެ.

ރެއާލަށް ބެލިންހަމް ގުޅުމާ އެކު އަންނަ ސީޒަނުގައި އެ ކްލަބުގެ މިޑްފީލްޑަށް އިތުރު ވާދަވެރިކަމެއް އަންނާނެއެވެ. ރެއާލްގެ ޒުވާން މިޑްފީލްޑަރުންގެ ތެރޭގައި ބެލިންހަމްގެ އިތުރުން އެޑުއާޑޯ ކަމަވިންގާ އާއި އޯރެލިއެން ޗުއަމެނީ އަދި ފެޑޭ ވަލްވާޑޭ ވެސް ހިމެނޭނެއެވެ.

އަންނަ ސީޒަނުގައި ރެއާލުން ނުފެންނާނެ އެންމެ މުހިންމު ކުޅުންތެރިޔަކީ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާއެވެ. ރެއާލްގައި ހޭދަކުރި 14 އަހަރަށް ފަހު ބެންޒެމާ ވަނީ ސައުދީ އަރަބިއާގެ އަލް އިއްތިހާދާ ގުޅުމަށް ނިންމައިފައެވެ.

comment ކޮމެންޓް