އައްޑޫ ސިޓީ މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ

އައްޑޫ މީދޫގައި އާ މިސްކިތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ހަތްސަތޭކަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އާ މިސްކިތެއް އައްޑޫ ސިޓީ މީދޫގައި ބިނާކުރުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމަންޓްއާއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. ނޫރައްދީން އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު ޢަބްދުﷲ ސާލިހެވެ.

އައްޑޫ މީދޫގައި އާ މިސްކިތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި ރަސްމިއްޔާތުގައި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީދޫގައި އިމާރާތްކުރަން އެއްބަސްވި މި މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 13.9 މިލިއަން ރުފިޔާއެވެ.

އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މި މިސްކިތުގެ މަސައްކަތް ނިންމަންޖެހެނީ އެއް އަހަރުގެ ތެރޭގައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި މި މަސައްކަތް ނިންމައިދިނުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއްކަމަށާއި މިނިސްޓްރީގެ ފަރާތުން ބޭނުންވާ އެހީތެރިކަން ލިބޭނެކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ސަރުކާރުގެ ފަރާތުން މީދޫގައި މިސްކިތެއް އިމާރާތްކުރާ މިއީ ފުރަތަމަ ފަހަރުކަމަށެވެ. މިއީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކަށްވާއިރު މި މިސްކިތުގެ މަސައްކަތް އަވަސްކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރު ނޫރައްދީން އިންވެސްޓްމަންޓްގެ މެނޭޖަރު ޢަބްދުﷲ ސާލިހު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް ބަލަނީ ވީހާވެސް އަވަހަށް ހަވާލުވާ މަސައްކަތެއް ނިންމުމަށްކަމަށެވެ. އެހެންކަމުން މި މަސައްކަތް ވެސް އެއްބަސްވުމުގައިވާ މުއްދަތުގައި ނިންމުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި އެއްފަހަރާ 1500 މީހުންނަށް ނަމާދު ކުރެވޭ އިސްލާމީ މަރުކަޒެއް އިމާރާތްކުރަން މިއަހަރުގެ މާޗް މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ފީޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެ މަޝްރޫއު ނިންމަން އެއްބަސްވީ 450 ދުވަހުގެ ތެރޭގައެވެ.

comment ކޮމެންޓް