މެސީ އިންޓަ މަޔާމީއަށް

އާޖެންޓީނާ ތަރި ލިއޮނެލް މެސީ -- ފޮޓޯ/ ގެޓީ

އާޖެންޓީނާ ތަރި ލިއޮނެލް މެސީ، އެމެރިކާގެ އިންޓަ މަޔާމީއާ ގުޅުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

މިމަހުގެ ނިޔަލަށް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނަ އިރު، އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އިންޓަ މަޔާމީއާ ގުޅުމަށް މެސީ ނިންމާފައިވާ ކަމަށް އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އުމުރުން 35 އަހަރުގެ މެސީ ހޯދުމަށް އޭނާގެ ކުރީގެ ކްލަބު ބާސެލޯނާ އާއި ސައުދީ އަރަބިއާގެ އަލް ހިލާލުން ވެސް މަސައްކަތްކުރިއެވެ. އެގޮތުން ބާސާގެ މާލީ ހާލަތާ ގުޅިގެން މެސީއަށް ރަނގަޅު ހުށަހެޅުމެއް ހުށަހެޅިފައި ނުވާ އިރު، އަލް ހިލާލުން މެސީއަށް ބޮޑު މުސާރައެއް ހުށަހެޅި ނަމަވެސް، އޭނާ ވަނީ އެ ހުށަހެޅުން މަޑުޖައްސާލައިފައެވެ.

އިންޓަ މަޔާމީން މެސީ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުކުރީ އެ ކްލަބުގެ ޕާޓްނަރުންގެ ގޮތުގައި ހިމެނޭ އެޕަލް އާއި އެޑިޑާސްގެ އެހީތެރިކަމާއެކުއެވެ. އެޕަލް ޓީވީ ޕްލަސް އާއި އެޑިޑާސް އިން ވެސް ފައިދާގެ ހިއްސާއެއް މެސީއަށް ދިނުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެސީގެ ޓްރާންސްފާއާ ގުޅޭގޮތުން އިންޓަ މަޔާމީން އަދި ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ދާދި އަވަހަށް އިންޓަ މަޔާމީގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އިއުލާންކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.

comment ކޮމެންޓް