އެމްޕީއެލްއިން އެ ކުންފުނީގެ ތިން މުވައްޒަފުން ހައްޖަށް ފޮނުވަނީ

ހައްޖަށް ދިޔުމުގެ ފުރުސަތު ލިބުނު ތިން މުވައްޒަފުންނާ އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވަނީ މިއަދު ބައްދަލުކުރައްވާފަ -- ފޮޓޯ/ އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޚަރަދުގައި އެ ކުންފުނީގެ ތިން މުވައްޒަފަކަށް ހައްޖަށް ދިޔުމުގެ ފުރުސަތު ދީފިއެވެ.

އެމްޕީއެލްގެ ފަރާތުން ހައްޖަށް ފޮނުވާ ތިން މުވައްޒަފުންނަކީ:

  1. މުޙައްމަދު އަޤްލީމް – ސީނިއާ ފައިނޭންސް އެގްޒެކެޓިވް
  2. އައިޝަތު ސުނީޒާ – ސީނިއާ އެގްޒެކެޓިވް
  3. އިބްރާހިމް ވަހީދު – ޖެނެރަލް މެނޭޖާ

ހައްޖަށް ދިޔުމުގެ ފުރުސަތު ލިބުނު ތިން މުވައްޒަފުންނާ އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވަނީ މިއަދު ބައްދަލުކުރައްވާފައެވެ. އަދި ހައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން އެ މުވައްޒަފުންނަށް ހަވާލުކޮށްދެއްވާފައި ވެއެވެ.

ޝާހިދު ވިދާޅުވީ، ކުންފުނީގެ އަމާޒަކީ އަންނަ އަހަރު ފަސް މުވައްޒަފުން ހައްޖަށް ފޮނުވުން ކަމަށެވެ. އަދި ރަމަޟާން މަހު ތިން މުވައްޒަފުން އުމްރާއަށް ފޮނުވުމަށް މަސައްކަތް ކުރާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި އަހަރު ވެސް އަޅުގަނޑުމެންނަށް ހައްޖު ކޯޓާގެ ތެރެއިން ތިން ޖާގަ ލިބުނީ ވަރަށް ބުރަ މަސައްކަތަކުން. ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ އަހަރަކު ވެސް ހައްޖު އަދި އުމްރާގެ މަތިވެރި އަޅުކަންތައް އަދާކުރުމުގެ ފުރުސަތުތައް މުވައްޒަފުންނަށް ދިނުން." އޭނާ ވިދާޅުވިއެވެ.

ހައްޖު ދަތުރު ލިބުނު ތިން މުވައްޒަފުން ވެސް ވަނީ ހައްޖު ދަތުރު ލިބުމަކީ ވަރަށް ބޮޑު އުފަލެއްކަމަށް ސިފަކޮށް، ކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ.
މި ތިން މުވައްޒަފުންނަކީ އެމްޕީއެލްގެ ހައްޖު އަދި އުމްރާ ޕޮލިސީގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރުމަށް ހުށަހެޅި މުވައްޒަފުންގެ ތެރެއިން ހޮވުނު ތިން މުވައްޒަފުންނެވެ.

އެމްޕީއެލްގެ ހައްޖު އަދި އުމްރާ ޕޮލިސީގެ ދަށުން ހައްޖުގެ އަޅުކަން
އަދާކުރުމަށް ކުރިމަތިލެވޭނީ ކުންފުނީގައި މެދުނުކެނޑި 15 އަހަރު ނުވަތަ އެއަށްވުރެ ގިނަ މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ.

comment ކޮމެންޓް