އުފަލާއި ހިތާމައިގެ ގަދަ ދިހައެއް!

މަތީ އަރުތަވެރީންނާއި ޑިގްރީ ހޯލްޑަރުންގެ އަދަދު ގިނަވިޔަސް އޭގެ އެންމެ ހެޔޮ އަސަރު މުޖުތަމަޢަކުން ނުފެނޭ -- ފޮޓޯ / ޔުނިސެފް.އޯގް

ޖީސީއީ އޯލެވަލް އާއި އޭލެވަލްގެ ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންގެ އަދަދު އަހަރެއް އަހަރަކަށް އިތުރުވަމުންދާތަން އެބަ ފެނެއެވެ. ރާއްޖެއަށްވުރެ މާބޮޑެތި ޤައުމުތައްވެސް ބައިވެރިވާ އިމްތިޙާނުތަކުގައި، ދުނިޔޭގެ ރަންވަނަތައް ހޯދާ ދަރިވަރުން ފަހަރެއް ފަހަރަކަށް ގިނަވަމުން އެބަ ދެއެވެ. މި ޝަރަފުވެރި އިމްތިޙާނުތަކުން މަތީ ވަނަތައް ހޯދާ ކުދިންގެ އެ އުފަލުގައި ބައިވެރިވެ ސާބަސްދެމެވެ. އަދި މިނަތީޖާތައް ހޯދައިދިނުމުގެ ފަހަތުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ހިތްވަރުދެމެވެ. ނަމަވެސް މި ސާބަހާއި ހިތްވަރުދިނުމާއެކު ދައްކަން މިޖެހެނީ މާކަ އުފާވެރި ވާހަކަތަކެއްނޫނެވެ.

މަދަރުސާ ނިންމާ އިމްތިހާނުތަކުގެ ގަދަ ދިހައެއްގައި ހިމެނޭ ކުދިންނާއި ތަފާތު ދާއިރާތަކުން މަތީ ސަނަދުތައް ހާސިލުކޮށްގެން ނިކުންނަ މީހުންގެ އަދަދު ކިތަންމެ ގިނަވަމުން ދިޔަނަމަވެސް، އޭގެ އެންމެ ހެޔޮ އަސަރު މުޖުތަމަޢުން ފެންނަމުންނުދާކަމަށް ބުނެވިދާނެއެވެ. މުސްލިމު ޢިލްމީ ޖީލެއް ބިނާވަމުންދާއިރު، އަޅުކަމާއި އަޚްލާޤާއި މުޢާމަލާތުގައި އިސްލާމްދީނުގެ މަންހަޖަށް ތަބާވާ މީހުން ގިނަވާންޖެހޭނެއެވެ. ﷲ އަށް ކިޔަމަންތެރިވެ އެ އިލާހަށް ބިރުވެތިވާ އަޅުންތަކެއް އުފެދޭންޖެހޭނެއެވެ. އުފާވެރިކަމާއެކު ދިރިއުޅޭވޭނެ، އަމަންއަމާންކަން ޤާއިމުވެފައިވާ މުޖުތަމަޢެއް ބިނާކުރެވޭންޖެހޭނެއެވެ. ފަތުއަޑުކިޔާފައި އިތުރުވަމުންދާ މަތީ އަރުތަވެރީންނާއި ޑިގްރީ ހޯލްޑަރުންގެ އަދަދުތަކާއެކު މި ޙަޤީޤަތް ދިވެހި އިސްލާމީ މުޖުތަމަޢުން އެބަ ފެނޭހެއްޔެވެ؟ މިނަތީޖާ ނުފެންނަނަމަ ... އެ އިމްތިޙާނުތަކަށްޓަކައި ކިޔެވި ކިޔެވުމުގައި މައްސަލައެއް އެބައުޅެއެވެ. ދެވުނު ތަރުބިޔަތުގައި ކަންބޮޑުވާންޖެހޭފަދަ އުނިކަމެއް އެބަ އޮތެވެ.

ގަދަ ދިހައަކާއި ޑިގްރީ ހޯލްޑަރުންގެ އަދަދުތައް ގިނަކަމާމެދު ފަޚުރުވެރިވެ އުފާކުރާއިރު... މުޖުތަމަޢުގެ ހާލަތާމެދު ވިސްނައިލުމުން ނީރައިލަނީ ހިތާމައިގެ ލޭކަރުނައެވެ. ޝަރުޢީގޮތުން ޒިންމާ އުފުލަންޖެހޭ އުމުރުން ފެށިގެން، ޒުވާނުންނާއި ހަރުމީހުންނާއި ދޮށީ އުމުރުގެ މީހުންވެސް ހިމެނޭހެން، މިރާއްޖޭގައި ނުކުރާކަ ނުބައިކަމެއްނެތެވެ. ހާލަކުން ފަހަރަކު ކުރަނީއެއްނޫނެވެ. ސިއްރާއި ފާޅުގައި ކުރުން ހައްދުން ނެއްޓުނީއެވެ. ބޮޑެތި ފާފަތައްކަމަށްވާ ޒިނޭކުރުމާއި އެއްޖިންސުން ގުޅުން ހިންގުމާއި ވައްކަންކުރުމާއި އޮޅުވައިލައިގެން މުދަލާއި ފައިސާ ހޯދުމާއި ކަރަޕްޝަނާއި މައިންބަފައިންނަށް އިހާނެތިކޮށް ހިތުމާއި އަވަށްޓެރިންނަށް ގޯނާކުރުމާއި ޢާއްމު ތަންތަނުގައިވެސް ބަދުއަޚުލާޤީ ޢަމަލުތައް ކުރުމާއި، ރަޙިމުގެ ގުޅުން ކެނޑުންފަދަ އެތައް ކަމެއް ކުރުން ޢާއްމެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުން ދުވަހެއް ދުވަހަކަށްވަނީ ގިނައެވެ. ބުރުގާ އަޅާމީހުންގެ އަދަދު ނިސްބަތުން އިތުރުވިޔަސް، ވަރަށް ގިނަ މީހުން އެކަންވެސް ކުރަނީ ޝައިޠާނާގެ އަމުރާ އެއްގޮތަށެވެ. ބޮލުގައި ފޮތިކޮޅެއް އޮޅައިލާފައި އޮތަސް ތިބެނީ ބަރަހަނާކޮށެވެ. ބަނގުރަލާއި މިނޫންވެސް މަސްތުވާ ބާވަތްތަކުގެ އެކި އެއްޗެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން ހުއްދަވެއްޖެ ފަދައެވެ. ފާޅުކަން ބޮޑުކޮށް، ހަޑިހުތުރު ބަހުން ވާހަކަދެއްކުމާއި ހުތުރު ވައްތަރުތައް ޖެއްސުމާއި ޢާއްމު އުނދަގޫކުރުންވެސް މިފަދައެވެ.

ތަޢުލީމު ކުރިއަރައިގެން ދިޔައިރު، ޢާއްމު ތަންތަނާއި މަގުމަތީގެ އަދަބުތައް ދަންނަ، އެއަށް އިޙްތިރާމުކުރާ މީހުން އެހެން ދުނިޔެއަކުން ގެންނަންޖެހިއްޖެއެވެ. ދެބަސްވުމެއްނެތެވެ. ފާފަތަކަށް ބިރުވެތިވެ، މުންކަރާތްތައް ނަހީކުރަން މަސައްކަތްކުރާ މީހުން އަދިވެސް އެބަ ތިއްބެވެ. ނަމަވެސް އެއިން މީހަކު މުންކަރާތެއް މަނާކުރަން މަސައްކަތްކޮށްފިނަމަ، އެމީހަކަށް މަލާމާތާއި ފުރައްސާރަކޮށް އެކިއެކި ގޯނާތައްކުރުން އިތުރުވާންފަށައިފިއެވެ.

ގަދަ ދިހައެއްގައި ހިމެނިގެން އިތުރަށް ކިޔެވިޔަސް އަދި ނުކިޔެވިޔަސް، އެއީ މިޤައުމުގެ މަތީ ފަޑިއަށް ބޭނުން ހިފާނެ ބައެއްނޫނެވެ. މަތިމައްޗަށް ޑިގުރީ އޮތަސް، ސިޔާސަތު އެކުލަވައިލެވޭފަދަ މަޤާމުތަކެއް އެމީހުންނަކަށް ހައްގެއްނުވާނެއެވެ. އެފަދަ މަޤާމުތަކަށް އެކަށީގެންވާނީ އުޑެއްބުޑެއް ނުދަންނަ، މަގުމަތީ މީހާއެވެ. ހުތުރުބަހުން ހަޅޭލަވާ އަޑުގަދަމީހާއެވެ. ސިޔާސީ އެއްވުންތަކުގައި ހެއްދެވިހައި ދޮގެއްހަދައި، މީހުންގެ އަބުރުނަގައިލުމުގެ ދާއިރާއިން ދަސްވެނިވެފައިވާ މީހުންނެވެ. ރަނގަޅު ތަޢުލީމަކާއި ހެޔޮ އަޚުލާޤެއްގެ ކުލަވަރު ހުރެއްޖެމީހަކު، އަމުދުން އަދި ޤާނޫނު ހަދާ މަޖިލިހަށް ޝަރުތު ފުރިހަމައެއްނުވާނެއެވެ.

އަގުބޮޑު ގަމީހެއް ނުވަތަ އޮފީހުގެ ލޯގޯ ޖެހި ޓީޝާޓެއްލައި ސެންޓު ޖަހައިގެން، ފޯނާ ކުޅެމުން ސައިކަލުގައި އެދަނީ ރޮކެޓު ސްޕީޑުގައެވެ. "ދުވެލި މަތަ" އެއް އަތުވެއްޖެނަމަ ސްޕީޑު މަޑުކޮށްލުމުގެ ބަދަލުގައި، އޭގެ ކޮޅުގައި އިންނަ ތިރި ހިސާބަށް މިސްރާބުކޮށްލައި ދާބާރުމިނުގައި އެދަނީ ކޮންފަދަ ޟަރޫރަތެއް އޮވެގެންކަމެއްނޭނގެއެވެ. ދެ ވެހިކަލު ދެމެދުގައި "ރައްކާތެރި ދުރުމިން" ބަހައްޓައިގެން އިންނަންބޭނުންވާ މީހާއަށްވެސް މިއަދަކު އެފުރުސަތެއްނެތެވެ. މިހުރީ ހައްތަހައިވެސް ލެޔާއި ކަރުނައިގެ ގަދަ ދިހައެކެވެ. ސައްތައިންސައްތަ މި އިސްލާމީ ޤައުމުގެ އެތައްހާސް ދަރީންނެއް ކިޔަވައި ފާސްތައް ނަގައިގެން ނިކުންނާތީ އެކަމާ އުފާކުރާއިރު، އެކުދީންގެ ސަބަބުން މުޖުތަމަޢަށް ޙަޤީޤީ މަންފާއެއްނުލިބޭތީ ކުރެވޭ ހިތާމަ މާބޮޑެވެ.

ވުމާއެކު، އަހަރެމެންގެ ދަރީންނަށް ދެވޭ ތަޢުލީމާއި ތަރުބިޔަތަކީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ހޯދޭނެގޮތަށް ބައްޓަން ކުރެވިފައިވާ "ވަޒަންހަމަ" ތަރުބިޔަތަކަށް ވާންޖެހެއެވެ. މިފަދަ ތަރުބިޔަތަކާއެކު ނިކުންނަ ކުއްޖާއަކީ އޭނާގެ އަމިއްލަ ނަފުސަށާއި، ޢާއިލާއަށާއި، މުޖުތަމަޢަށާއި ޤައުމަށާއި އަދި މުޅި އިންސާނިއްޔަތަށް ފައިދާކޮށްދޭނެ މީހަކަށްވާނެކަން ޔަޤީނެވެ. އޭނާއަކީ ހުރިހައި ޙާލަތެއްގައިވެސް އޭނާގެ ރައްބަށް ކިޔަމަންތެރިވާ ފުރިހަމަ މުސްލިމަކަށްވާނެކަން ކަށަވަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް