އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އެއްގޮތަކަށްވެސް ބޭނުން ނުކުރުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް އއ. އުކުޅަހުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި ބޭނުންކުރުން މަދުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
މިގޮތުން ސިންގަލްޔޫސް ޕްލާސްޓިކްގެ 13 ބާވަތެއް، މިހާރުވެސް ރާއްޖެ އެތެރެކުރުން މަނާކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކްގެ ބާވަތްތައް އެއްގޮތަކަށްވެސް ބޭނުންނުކުރާ ގައުމަކަށް ރާއްޖެ ހެދުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި އއ އުކުޅަހުގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން---- ފޮޓޯ/ރައީސް އޮފީސް
ރައީސް ވިދާޅުވީ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާ ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުން އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް އެކަމުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަމަށެވެ. މިގޮތުން އެ ސިޔާސަތަށް އަމަލުކުރަން ފެށިތާ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅު ރާއްޖެއަށް އެތެރެކުރާ މިންވަރު 50 އިންސައްތަ ދަށްވެފައިވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މުޅި އިޤްތިޞާދު ބިނާވެގެންވަނީ އަތޮޅުތަކުގެ ރަށްތަކަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމުގެ މައްޗަށް ކަމަށެވެ. ކަން މިހެން އޮތްއިރު، ކުނީގެ މައްސަލައަކީ ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ބޮޑު އެއް ގޮންޖެހުން ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުނި މެނޭޖުކުރުމުގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައި ދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު. އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ރަށެއްގައި އެރަށަކާ އެކަށީގެންވާ ސައިޒުގެ ޒަމާނީ ކުނި ކޮށްޓެއް ގާއިމްކޮށް އެ ތަންތަނަށް ބޭނުންވާ ވެހިކަލާއި، މެޝިނަރީއާއި އާލާތްތައް ފޯރުކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި އއ އުކުޅަހުގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން---- ފޮޓޯ/ރައީސް އޮފީސް
މި ސަރުކާރުގެ ވިސްނުމަކީ، ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމްކުރާ ސަރަހައްދީ މަރުކަޒުތަކަށް ރަށްތަކުން ކުނި ގެންގޮސް ތަހުޒީބު މުޖުތަމައުތަގައި އެކަންކުރާ އުސޫލުން ކުނި މެނޭޖުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުން ކުރިއަށްގެންދާ އެކި މަޝްރޫއުތަކުން މި އަމާޒަށް ވާސިލުވެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ މޯލްޑިވްސް ގްރީން ފަންޑުގެ އާމްދަނީން ކަނޑައެޅޭ ވަކި މިންވަރެއް، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށާއި، މިދާއިރާގެ އިންސާނީ ވަސީލަތް ބިނާކުރުމަށާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ކުރިމަގުގައި ދިނުމަށް މަސައްކަތްކުރައްވަމުން ދާކަމަށް ވިދާޅުވެފައެވެ.