ޗާގޯސް މައްސަލައިގައި ދިފާއުވުމަށް ވަކީލުން ބޭނުންވާކަމަށް އޭޖީ ނާންގަވާ: މަޖިލީހުގެ އިދާރާ

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗާގޯސް މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ މައްސަލައިގައި އެމަނިކުފާނު ދިފާއުވުމަށް ބޭނުންވަނީ ވަކީލުން މެދުވެރި ކުރައްވައިގެންކަން އަންގަވާފައިނުވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ އިދާރާއިން އެހެން ބުނެފައި ވަނީ ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސްގައި, ވަކީލުންގެ ޓީމެއްގެ އެހީހާއެކު ދިފާއުވުމުގެ ފުރުސަތު ދޭން މަޖިލީހުގެ އިދާރާއިން ދެކޮޅު ހަދާފައިވާކަމަށް އޮންލައިން ނޫހެއްގައި ރިޕޯޓު ކުރުމާ ގުޅިގެންނެވެ. އެގޮތުން މި މައްސަލައިގައި ބަންޑާރަ ނައިބު ދިފާއުވުމަށް ބޭނުންފުޅުވީ އެޓާނީ ޖެނެރަލް އޮފީހުގެ ތިން ވަކީލުން ހިމެނޭ ޓީމަކާއިއެކުގައި ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި މަޖިލީހުގެ އިދާރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މައްސަލައިގެ ބަހުސްގައި ހާޒިރުވެވަޑައިގެން ވާހަކަދެއްކުމުގެ ބަދަލުގައި، ލިޔުމަކުން ދިފާއުވުމަށް ބަންޑާރަ ނައިބު އެންމެ ފުރަތަމަ ނިންމަވައި މިދިޔަ ބުދަ ދުވަހު ދިފާއު މަޖިލީހުގެ އިދާރާއަށް ފޮނުއްވި ކަމަށެވެ.

ނަމަވެސް އިއްޔެ ބަންޑާރަ ނައިބު ވަނީ މަޖިލީހަށް ވަޑައިގެން އެބަހުސްގައި އަނގަބަހުން ދިފާއުވުމަށް ގަސްދުކުރައްވާކަމަށް ބަޔާންކުރައްވައި ސިޓީއެއް ފޮނުއްވާފައިކަމަށާއި މި ސިޓީގައި ބަންޑާރަ ނައިބުގެ އަރިހު ތިން ބޭފުޅަކަށް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވޭނޭ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދު އެކަމަށް ތަންނުދޭތީވެ، އެކަން ބަންޑާރަ ނައިބަށް އެންގެވުމުން އަލުން ވަނީ އަރިހުގައި ވަޑައިގަންނަވާނެ ދެ ބޭފުޅުންގެ ނަން ފޮނުއްވާފައެވެ.

އޭގެ ފަހުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާކޮށްފައިވާއިރު، މި ޖަލްސާގައި ބަންޑާރަ ނައިބު ވަނީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނާއެކު ބައިވެރިވެވަޑައިގެންފައެވެ.

މިއަދުގެ ޖަލްސާގައި ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި ސުވާލުތަކަށް ބަންޑާރަ ނައިބު ޖަވާބު ނުދެއްވާކަމަށް އިދިކޮޅު މެމްބަރުން ކުރެއްވި ތުހުމަތުތަކާއެކު އެންމެފަހުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަވެ، ނިޒާމް ގެއްލި އެންމެފަހުން ރިޔާސަތުން ވަނީ ޖަލްސާ ނިންމާލާފައެވެ.

comment ކޮމެންޓް