ސްޕޮޓިފައިއިން 200 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.
އެއީ އެ ކުންފުނީގެ މުވައްޒަފުންގެ ގާތްގަނޑަކަށް ދެ އިންސައްތައެވެ.
ސްޕޮޓިފައިއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޝްހޫރު ޕޮޑްކާސްޓާތަކާ އެކު އެ ކުންފުނީގެ ޕާޓްނާޝިޕް ބަލަހައްޓާ ގޮތް ބަދަލުކުރުމުގެ ގޮތުން ގާތްގަނޑަކަށް 200 އެއްހާ މުވައްޒަފުން ނުވަތަ އެ ކުންފުނީގެ މުވައްޒަފުންގެ ގާތްގަނޑަކަށް ދެ ޕަސެންޓް ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.
2020 ވަނަ އަހަރު ސްޕޮޓިފައިގެ ގްލޯބަލް ވޯކްފޯސް ނުވަތަ މަސައްކަތްތެރިންގެ އަދަދަކީ 8،359 މީހުން ކަމަށް އެސްއީސީގެ ފައިލިންގް އިން ދައްކާއިރު، އޭގެ ތެރެއިން 4،332 މުވައްޒަފުން ނަކީ އެމެރިކާގައި މަސައްކަތް ކުރާ މީހުންނެވެ.
ސްޕޮޓިފައިގެ ނައިބު ރައީސް ސަހަރު އެލްހަބާޝީ ވަނީ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި އެމީހުން ވަޒީފާއިން ކަނޑާލިކަން އިއުލާނުކޮށްފައެވެ. އެލްހަބާޝީ ވިދާޅުވީ ވަޒީފާތަކުން މުވައްޒަފުން ކަނޑާލުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް "ދީލަތި ސެވަރެންސް ޕެކޭޖްތައް" ފޯރުކޮށްދޭނެ ކަމަށެވެ.
ސްޕޮޓިފައިއިން ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ކުންފުނީގެ ޕޮޑްކާސްޓް ޔުނިޓް ފުޅާކުރުމަށް ބޮޑު ހޭދައެއް ކޮށްފައެވެ. 2020 ވަނަ އަހަރުން ފެށިގެން ސްޕޮޓިފައިން ވަނީ ޕޮޑްކާސްޓް ސްޕޭސްގައި ތަފާތު ހަތަރު އެކިއުޒިޝަނަކަށް 493 މިލިއަން ޔޫރޯ ނުވަތަ ގާތްގަނޑަކަށް 526 މިލިއަން ޑޮލަރު ހަރަދުކޮށްފައި ކަމަށް އެސްއީސީގެ ފައިލިންގައި ވެއެވެ.
ސްޕޮޓިފައި އިން ވަނީ ޑަޗެސް އޮފް ސަސެކްސްގެ މޭގަން އާއި އޮންލައިން ޝަހުސިއްޔަތެއް ކަމަށްވާ ޖޯ ރޮގަން ފަދަ މަޝްހޫރު ނަންތަކާ އެކު ހައި ޕްރޮފައިލް ސްޕޮންސާޝިޕް ޑީލްތަކެއް ވެސް ހަދާފައެވެ.
މިވާހަކަތައް މީޑިއާގެ ފަލަސުރުޚީތަކަށް އެރިނަމަވެސް ސްޕޮޓިފައިގެ ބަހެއް އަދި ރަސްމީގޮތުން މީޑިއާތަކަށް ވަނީ ލިބޭ ގޮތް ނުވެފައެވެ.